ދިވެހިރާއްޖޭގެ މުޅި ޖީޑީޕީއަށްވުރެ ދެ ގުނައަށްވުރެ ބޮޑު، 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓަކާއެކު ރަސްމާލޭގައި ޒަމާނީ މެރީނާއަކާއި ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް މަޝްރޫއެއް ތަރައްގީކޮށް ހިންގުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ. ރާއްޖޭގެ ޖުމްލަ ޖީޑީޕީ ގާތްގަނޑަކަށް 8 ބިލިއަން ޑޮލަރުގައި ހުރިއިރު، މިއީ ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް އެއްފަހަރާ ހިންގަން ނިންމި އެންމެ ބޮޑު މާލީ މަޝްރޫއެވެ.
ޔޫއޭއީގެ އަބޫދާބީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އީގަލް ހިލްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރެވެ. މި މަޝްރޫއުގައި ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ހަލީފާ އާއި ދުބާއީ މޯލް ފަދަ ތަންތަން ތަރައްގީކުރި މަޝްހޫރު އިމާރް ކުންފުނިވެސް ބައިވެރިވާނެއެވެ.
ރަސްމާލޭގައި ތަރައްގީކުރާ މި މަންޒިލަކީ މަތީ ފަންތީގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ޒަމާނީ މެރީނާއެއްގެ އިތުރުން މުނިފޫހިފިލުވުމުގެ އެންމެ ޒަމާނީ ވަސީލަތްތައް އެކުލެވޭނެ ތަނެކެވެ. މީގެ އިތުރުން ވިޔަފާރިއާއި، ކެއިންބުއިމާއި، ދުޅަހެޔޮކަމާއި، ތައުލީމާއި ސިއްހީ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފަދަ ފުރިހަމަ ޓައުންޝިޕެއްގެ ގޮތުގައި މި ސަރަހައްދު ތަރައްގީކުރާނެ ކަމަށް ދެފަރާތް ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ބިންތަކާއި އިމާރާތްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރުގެ ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުންނެވެ. ވިއްކުމުގެ މުއާމަލާތަކުން ނުވަތަ ވާރުތަވުމުގެ ތެރެއިން މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަލުން 99 އަހަރުގެ މުއްދަތެއް ފެށޭގޮތަށް ހަމަޖައްސާފައިވުމަކީ، އިންވެސްޓަރުންނަށް ޖީލުތަކަކަށް ދެމިގެންދާނެ ފަދަ ގާނޫނީ އަދި މާލީ ރައްކާތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ރަސްމާލޭން މިހާރު ހިއްކާފައިވާ 500 ހެކްޓަރުގެ ބިމުގައި މި ބިޔަ މަޝްރޫއު ކުރިއަށް ގެންދިޔަ ނަމަވެސް، ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އެގޮތުން ރައްޔިތުންނަށް ދިނުމަށް ކުރިން އިއުލާންކޮށްފައިވާ ގޯއްޗާއި ފްލެޓުގެ އަދަދުތައް އެއްވެސް އުނިކަމެއް ނެތި ހަމަޖެހިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.