English Edition
Dhivehi Edition
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރަތުގައި، މިދިޔަ އަހަރާ ހިލާފަށް މުބާރާތުގައި ބައިވެރިވި ހާފިޒުންގެ އަދަދު އިތުރުވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ މުބާރާތުގެ ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުން ވާދަކުރާއިރު މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގާއުމީ މުބާރަތާއި ބަލާއިރު ބޮޑު ކުރިއެރުމެއްކަމަށެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ޙާފިޡުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ޙާފިޡުންނެވެ.

މި މަހުގެ 18 އިން 26 ގެ ނިޔަލަށް ކުރިއަށް ގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގައި 119 މުއައްސަސާއަކުން 1037 ފަރާތަކުން ވާދަކުރާނެއެވެ. އެއީ ބަލައިގެން ކުޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ޙާފިޡުންގެ ގޮފީގައި 31 ޙާފިޡުންނެވެ. މުބާރާތުގެ ކިޔެވުން ސަލާމްން ރަސްގެފާނު މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.

މި މުބާރާތުގައި އިއްޔެގެ ނިޔަލަށް ބަލައިގެން 44 ބައިވެރިންނާއި ނުބަލާ 43 ބައިވެރިން މުބާރާތުގައި ކިޔަވާފައިވާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މުބާރާތުގެ ޙާފިޡުންގެ ގޮފީގައި ވާދަކުރާ ޙާފިޡުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، ޙާފިޡުން އުފެއްދުމާއި ޙާފިޡުންގެ އަގުވަޒަން ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާރު ޙާފިޡުންނަށް ދެމުންދާ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު ޙާފިޡުން ދަސްވެނިވުމަށް ހާއްސަކޮށް މިއަހަރުން ފެށިގެން ރަމަޟާން މަހުގެ 27 ވިލޭރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަން ފަށަފައިވާކަން ފާހަގަކޮށްލެވެއެވެ.