އެމްޑީޕީގެ ތެރޭގައި ބޭރުމީހުންނަށް ނަފުރަތުކުރުމާއި ހަރުކަށި ވަތަނީ ވިސްނުންތައް އިތުރުވަމުންދާ ކަމަށާއި، އެއީ ޕާޓީ އުފެއްދި ފަލްސަފާއާ މުޅިން ހިލާފު ކަންކަން ކަމަށް އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެއް އިރެއްގައި އެމްޑީޕީއަކީ ހުޅުވާލުމުގެ ސިޔާސަތާއި، ތަފާތު ފިކުރުތަކުގެ މީހުންނާއެކު ސުލްހަވެރިކަމާއެކު އުޅުމާއި، ޑިމޮކްރެޓިކް ރިފޯމްގެ ޗެމްޕިއަނުންގެ ގޮތުގައި ފާހަގަކުރެވުނު ޕާޓީއެއް ނަމަވެސް، މިހާރު ފެންނަމުންދަނީ ބޭރުމީހުންނަށް ނަފުރަތުކުރުމާއި ހަރުކަށި ވިސްނުންތަކުން މީހުންގެ ލޭހޫނުކުރުން ފަދަ ކަންކަން ކަމަށެވެ.
ބިރުވެރިކަމާއި ބައިބައިވުން އުފައްދައިގެން މީހުންގެ އިހުސާސްތަކާ ކުޅުމަކީ އިންތިހާބު ކާމިޔާބުކުރެވޭނެ ގޮތެއް ކަމަށް ބަލައިގެން ބަޔަކު އުޅޭ ކަމަށާއި، މިގޮތަށް ކުރު މުއްދަތުގެ ސިޔާސީ ފައިދާއަކަށްޓަކައި ކަންކަން ކުރުމުން ޕާޓީ ބަލިކަށިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކުރުމާއި، ޒަޔަނިސްޓުން ރާއްޖޭގެ މައްޗަށް ވެރިވަމުންދާ ކަމަށް ބުނުން ފަދަ ވުޖޫދުގައި ނެތް ނެރޭޓިވްތައް ކުރިއެރުވުމުން ޕާޓީގެ އިތުބާރު ބޮޑުނުވާނެ ކަމަށެވެ. އަދިޕާޓީއަށް ގެއްލުންވާ ފަދަ ފިކުރުތައް އެތަނަށް އަޔަނުދީ، މެންބަރުން ޕާޓީގެ އަސްލު އުސޫލުތައް ހިފަހައްޓައިގެން މަސައްކަތް ކޮށްދެއްވުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.