English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ އިން ވަކިކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ދިވެހިރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް މި ސަރުކާރުން ދެކޭތީ، އެ މައްސަލައިގައި ކުރީ ސަރުކާރުން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ޓަކައި ހާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފެއްދެވި މި ކޮމިޝަނަށް ނަންދެއްވާފައިވަނީ “އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން” ގެ ނަމުގައެވެ.

މިކޮމިޝަނުގެ މެންބަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވަނީ
1. އަހްމަދު ޝާކިރު (ނ.ދ.ޝ.ޢ)
2. އަބްދުލްއަޒީޒް ޔޫސުފް
3. ޑރ. އާމިނަތު ޝާފިޔާ އާދަމް
4. ޑރ. އަބްދުލްމުހްސިން މުހައްމަދު
5. ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުހައްމަދު ސާދިގް
6. އަހްމަދު އަލީމަނިކު
7. ފާތިމަތު މިންހަތު އިއްޒަތު

މި ކޮމިޝަނުގެ ރައީސްކަމަށް ކަނޑައަޅުއްވާފައިވަނީ އަހްމަދު ޝާކިރު އެވެ. މި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި “އިޓްލޮސްގެ ކޭސް ނަންބަރު 28” ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫއު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިޚުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ބަލައި ތަހުގީގުކުރުން ހިމެނެއެވެ، އަދި “އިޓްލޮސްގެ ކޭސް ނަންބަރު 28” ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫއު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިހުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުގެ ގާނޫނީ އިހުމާލެއް އޮތްތޯ ބަލައި ގޮތެއް ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި
1- “އިޓްލޮސްގެ ކޭސް ނަންބަރު 28” ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫޢު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިޚުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުގެ ޤާނޫނީ އިހުމާލެއްވާ ނަމަ، އެ ކަންކަން ބަލައި، އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލުގެ އިންތައް ކަނޑައެޅުން؛
2- “އިޓްލޮސްގެ ކޭސް ނަންބަރު 28” ގެ މައްސަލައިގައްޔާއި، އެ މައްސަލައިގެ މައުޟޫޢާ ގުޅުންހުރި ވަށައިގެންވި އެންމެހައި ކަންކަމުގައި، ލިޔެކިޔުންތައް ބަލަހައްޓައި، ރައްކައުކުރެވިފައިވާ ގޮތް ބަލައި ތަޙުޤީޤުކުރުން؛ އަދި
3- “އިޓްލޮސްގެ ކޭސް ނަންބަރު 28” ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫޢު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އެޅުމަށް ކޮމިޝަނަށް ފެންނަ ފިޔަވަޅުތައް ކަނޑައެޅުން؛ އަދި
4- ކޮމިޝަނުގެ ތަޙުޤީޤަށް ހޯދޭ ކަންކަމުގެ އަލީގައި ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދައަކުން ކަންކަން އިންތިޒާމުކުރުމަށް ކޮމިޝަނަށް ފެންނަ ކަންކަން ހުށަހެޅުން.

މި ކޮމިޝަނަކީ ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.