އެމްޑީޕީގެ ވެރިކަމެއްގައި ވޭޕް ހުއްދަކޮށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު އުވާލާނެ ކަމަށް އެމްޑީޕިގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީއިން ރާއްޖޭގެ ވެރިކަމާ ހަވާލުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންދާ ހުރިހާ ގޯސް ކަމެއް ރަނގަޅު ކުރާނެ ކަމަށެވެ. އަދި ރައީސް މުއިއްޒު ފަދަ ‘އެހެން ވެރިއަކު’ އައިސް ގާނޫނު އަސާސީއާ ނުކުޅެވޭ ވަރަށް އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނު އަސާސީއަށް އިސްލާހު ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގެ ފުރަތަމަ ދުވަހު މީޑިއާ ރެގިއުލޭޝަން ގާނޫނު އުވާލާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތައް ރައްޔިތުންގެ މަޝްވަރާއާއެކު ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ މަޝްވަރާގެ މަތިން ސިނގިރޭޓުގެ ޑިއުޓީ ކުޑަކޮށް، ވޭޕް ހުއްދަކުރާނެ ކަމަށް ފައްޔާޒް ވަނީ ހާމަކުރައްވާފައެވެ.