މިސަރުކާރުން މަސައްކަތް ކުރަނީ މާލީ ނިޒާމުގެ މިނިވަންކަން ފުޑުފުޑުކޮށްލާ، އެނިޒާމުގެ އިތުބާރު ގެއްލުވާލުމަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑު ލިމިޓަށް އިއްޔެ ގެންނަން އުޅުނު ބަދަލާއި ގުޅިގެން އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި ފައްޔާޒު ވިދާޅުވީ ބީއެމްއެލްގެ އެ ނިންމުމަކީ ސަރުކާރަށް ނޭނގި، “ބަޣާވާތެއް” ކުރުން ކަމަށް ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ގިނައީ ސަރުކާރުގެ ބޭފުޅުން ކަމަށާއި، ސަރުކާރަށް ނޭނގި އެއްވެސް ކަމެއް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ބޭނުން ގޮތަކަށް ބީއެމްއެލްގެ ބޯޑުން ނިންމާނެ ކަމަށެވެ.
ބީއެމްއެލުން އިއްޔެ ވަނީ ރުފިޔާ ކާޑުތަކަށް ދެމުންއައި ޑޮލަރު ދިނުން އެއްކޮށް ހުއްޓާލަން ނިންމާފައެވެ. ނަމަވެސް، އެ ކަމާ ގުޅިގެން އާންމުންގެ ޕްރެޝަރު ބޮޑުވުމުން، ބީއެމްއެލުންވަނީ ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމި ނިންމުން ބަދަލުކޮށްފައެވެ.
އެ ބަދަލު އުވާލިކަން އިއުލާންކުރީ، ސަރުކާރުން ބީއެމްއެލްއާ އެކު ބައްދަލުވުމެއް ބޭއްވި ފަހުންނެވެ. އެ ނިންމުމަކީ ސަރުކާރާ އެކު މިދިޔަ ޑިސެމްބަރުން ފެށިގެން ހިނގަމުން އައި މަޝްވަރާތަކާއި ލަފާތަކާ ޚިލާފަށް ބީއެމްއެލް އިން އެޅި ފިޔަވަޅެއް ކަމަށާއި އެ ބޭންކުގެ ކަންބޮޑުވުންތައް މަރުކަޒީ ބޭންކާ އެކު ހައްލުކުރަމުން އަންނަ ކަަމަށް ރައީސް އޮފީހުގައި ހަތަރު ވަޒީރުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.
މިކަމާއި ގުޅިގެން ފައްޔާޒު ވިދާޅުވީ އާދިއްތަ ދުވަހުގެ ހެނދުނު ބީއެމްއެލްއިން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމާ އެކަން އިއުލާން ކުރުމުން ރައްޔިތުން އިންތިހާއަށް ރުޅިގަދަވެ ކެކިއެރުމުން ސަރުކާރުން ބީއެމްއެލްގެ ބޮލުގައި އެކަން އަޅުވާފައިވާ ކަމަށެވެ. އަދި ބީއެމްއެލްގެ އެނިންމުން ނިންމީ ރައްޔިތުންގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
“ނޫން.. ނޭނގި ކިހިނެއްތޯ އެވަރު ކަމެއް ކުރާނީ. ރޭ މުޅި ސޯޝަލް މީޑިއާގައި އެ ވާހަކަ ދެކެވެމުން ދިޔަ. ކީއްވެތޯ ފިނޭންސް މިނިސްޓަރާއި ރައިސުލްޖުމްހޫރިއްޔާ އެކަމަށް ހައްލެއް ހޯދަން ނޫޅުއްވީ. ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ގިނައީ ސަރުކާރުގެ ބޭފުޅުން. ސަރުކާރުން ބޭނުންވާ ގޮތަކަށް ވޯޓު ދެއްވާނެ،” ފައްޔާޒު ވިދާޅުވި އެވެ.
މާލީ ނިޒާމުގައި އޮތް މިނިވަންކަން ފުޑުފުޑުކޮށްލުމަށް މި ސަރުކާރުން މަސައްކަތް ކުރާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މިއީ ކަންބޮޑުވާ ކަމެއް ކަމަށާއި، ސިޔާސީ މަގާމުތަކުގެ ބޭފުޅުން ބޭންކްތަކުގެ ބޯޑަށްލުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.