English Edition
Dhivehi Edition
ރާއްޖޭގެ އިޤްތިޞާދު ހަމަޖެހޭ މަގަކަށް އެޅުވުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު ކުރައްވަވަމުން ގެންދަވާ މަސައްކަތުގައި ހެޔޮ ނަސީބު ލެއްވުން އެދޭ ކަމަށް ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް ޢިސްމާޢީލް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކުރެއްވުމާ ގުޅިގެން ފައްޔާޒު އާއި މިނިސްޓަރ ސައީދު އާއި ދެބޭފުޅުން ދެބޭފުޅުންނަށް އެކްސްގައި ރައްދު ދެއްވަވަމުން މިއަދު ފައްޔާޒު ވިދާޅުވީ ރައްޔިތުން މިސަރުކާރާއި ވެރިކަން ހަވާލުކުރީ، އެމްޑީޕީ ސަރުކާރުން “ނުބައިކޮށް ބަލަހައްޓާފައިވާ” އިޤްތިޞާދު “ރަނގަޅަށް ބެލެހެއްޓުމަށް އެނގޭނެ” ކަމަށް ވިދާޅުވެ، އެކަމުގެ ވަޢުދުތަކާއެކުގައި ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ވެރިކަމުގެ 9 ވަނަ މަހުގައި ވެސް، އަދި 5 އަހަރު ހަމަވަންދެން ވެސް ކުރީގެ ސަރުކާރަށް ބަދުނާމުކުރަމުން ދިޔުމަކީ ރައްޔިތުން އެދޭ ކަމެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ޙައްލު ކަމަށެވެ.
“ނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ ތިޔަ ސަރުކާރުން އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތުތަކަށް އެނބުރި ދާތަން. ތިބޭފުޅުން ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް އެސްޑީއެފް ބޭނުންކުރައްވާނެ. އަދި އަލުން ފައިސާ ޗާޕުކުރަން ވެސް ފައްޓަވާނެ ކަމީ އަޅުގަނޑަށް ޝައްކެއް އޮތް ކަމެއް ނޫން”
ފައްޔާޒު ވިދާޅުވި މިއީ ކުރު މުއްދަތަށް ރަނގަޅު ޙައްލުތަކެއް ކަމަށާއި އަދި މިކަން ކުރެއްވުމަށް ބާރު އަޅުއްވަވާ ކަަމަށެވެ. އެއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ސަލާމަތްކޮށް، އޭގެ ސަބަބުން މުޅި އިޤްތިޞާދު ސަލާމަތްކުރުމަށް މިއީ ކުރުން މުހިއްމު ކަމެއް ކަމަށެވެ.