English Edition
Dhivehi Edition
ފޮޓޯ: މުއިއްޒު2023 ޓްވިޓަރ

ކުރީގެ އިކޮނޮމިކް މިނިސްޓަރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ފުލުހަށް ހާޒިރުކުރީ ސިޔާސީ ވިސްނުމެއްގައި ނޫންކަމުގެ ޔަގީންކަން ހޯއްދަވާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފުލުހަށް ހާޒިރުކޮށްފައިވާއިރު، ފައްޔާޒު ފުލުހަށް ހާޒިރުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ، 2022 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން ފައްޔާޒު ވިދާޅުވީ އާރުޑީސީއަށް ތުހުމަތުވާ ހިޔާނާތުގެ މައްސަލައާ އޭނާއާ ގުޅުވުމަށް ރައީސް މުއިއްޒު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް އަންގަވާފައިވާކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލުމަށްކަމަށް ފައްޔާޒު ވަނީ ތުހުމަތުކުރައްވާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ރައީސް ވިދާޅުވީ ރިޔާސީ ކެމްޕޭންގައި ވެސް ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް އަންނަން ޖެހޭ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ސިޔާސީ ފަރާތަކަށްވީތީ ފިޔަވަޅު އަޅައިގެން ނުވާނެކަމަށްވެސް ދަންނަވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ފުލުހުން ބަލަމުންދާ މައްސަލައަކީ ކުރިން ހުށަހަޅާފައިވާ މައްސަލައެއްކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ފައްޔާޒް ފުލުހަށް ހާޒިރުކުރީ ސިޔާސީ ވިސްނުމެއްގައި ނޫންކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަލީ އިހުސާންގެ ފަރާތުން ހޯއްދަވާފައިވާނެކަމަށެވެ.

“ދެން އަޅުގަނޑަށް މިނިސްޓަރު ފުރިހަމަ ޔަގީންކަން ދެއްވި، އަދި އަޅުގަނޑު ދެންނެވިން އިންވެސްޓިގޭޝަން ގާނޫނީ ހަމަތަކުގެ މަތިން މިނިސްޓަރަށް ބެއްލެވޭނެ އެންމެ ގާތުން ބައްލަވަންވާނެއޭ މީގައި އެއްވެސް ސިޔާސީ އިންޓެންޝަނެއް ނެތި އެ އޮންނަ ޓެކްނިކަލް ގޮތުން އެކަމެއް ބަލަން ޖެހޭ ގޮތަކަށް ޕްރޮފެޝަނަލީ ގެންދަން،” ރައީސް ވިދާޅުވިއެވެ.

ސިޔާސީ ވިސްނުމެއްގައި މީހަކު ހައްޔަރުކޮށް، ސުވާލުނުކުރާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ ނަމަވެސް މައްސަލައެއް ހުށަހެޅިއްޖެއްޔާ އެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ޖެހޭނެ ކަމަށެވެ.