English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލު ފާސްކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން، ބިލު ދިރާސާކޮށް ނިންމި ރިޕޯޓަށް މަޖިލީހުގައި ބަހުސް ކުރުމަށްފަހުއެވެ. ބިލަށް ތާއިދުކޮށް، 64 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ބިލާއި ދެކޮޅަށް ވޯޓު ދެއްވީ 12 މެމްބަރުންނެވެ.

އެ ބިލްގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި އާއި ގައުމީ މުހިންމު މައްސަލަތަކުގައެވެ. އެގޮތުން ގާނޫނުއަސާސީގެ ދެވަނަ ބާބު ކަމުގައިވާ “އަސާސީ ހައްގުތަކާއި މިނިވަންކަން” އެ ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އިސްލާހު ގެނައުމަށާއި ގާނޫނުއަސާސީގެ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާ މާއްދާ އިސްލާހުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރިޔާސީ ދައުރަށް އިސްލާހެއް ގެނައުމަށް ވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެކަމަށް ބިލުގައިވެއެވެ.