އައްޑޫ ސިޓީ ފޭދޫ ޓާމިނޭޝަން ބޮކްސް ކަވާ ނައްޓައިގެން ކަރަންޓު ކޭބަލެއް ބުރިކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ކަރަންޓުގައި ޖެހިގެން ސެކަންޑް ޑިގްރީ ބާންއަށް ފަރުވާ ދެމުންދަނީ 33 އަހަރުގެ، ފޭދޫ މީހަކަށެވެ.
ރޭ ދަންވަރު އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވާއިރު، ހުރިހާ އަވަށްތަކަށް ކަރަންޓު ދެވޭ ވަރުވީ ދެ ގަޑިއިރު ފަހުންނެވެ.
‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެމީހާގެ އަތް ވަރަށް ބޮޑަށް ފިހިފައިވާއިރު، އިތުރު ފަރުވާއަށް މާލެ ފުރުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ.
އައްޑޫއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކައިން ބުނީ ޓާމިނޭޝަން ބޮކްސް ކަވާ ނައްޓައިގެން ޓާމިނޭޝަން ބުރިކުރުމުގެ ސަބަބުން ކޭބަލް ޝޯޓްވެ މުޅި ސެންޓްރަލް ޕަވާ ސްޓޭޝަނުން އެއްކޮށް ކަރަންޓު ކެނޑުނު ކަމަށެވެ.