ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އިތުރު ދުވެއްޔެއް ގެނައުމުގެ މަގަސަދުގައި، އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމުކުރުމުގެ މުހިންމު މަޝްރޫއެއް ކުރިއަށް ގެންދިއުމަށްޓަކައި، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމެވެ.
މި މަޝްރޫއަކީ ގައުމުގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ، އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫއެެއް ކަމަށް ފިޝަރީސް މިނިސްޓްރީން ވަނީ ބުނެފައެވެ. އައްޑޫ ސިޓީގެ ލޮކޭޝަންއަކީ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދުކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ މި މަޝްރޫއު ފެށުމުގެ މައިގަނޑު މަގްސަދަކީ އައްޑޫ ސިޓީގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުން ކަމަށެވެ. މީގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބި، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ފަހުމުނާމާގެ ދަށުން، މި މަޝްރޫއުގެ ތަފްސީލީ މާސްޓަރ ޕްލޭނާއި، މާލީ އަދި އިގްތިސާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން، މަޝްރޫއު ހިންގާނެ ވިޔަފާރި މޮޑެލްއާއި ފައިނޭންސްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. ސަރުކާރުގެ އަމާޒަކީ ދެކުނުގެ އިގްތިސާދު އާލާކޮށް، ގިނަ ފުރުސަތުތަކެއް އުފެއްދުމެވެ.
