English Edition
Dhivehi Edition
މަސްވެރިން ފޮޓޯ ކެޔޮޅު

މަސް ދޯނިތަކަށް ކްރެޑިޓަށް ތެޔޮ ދޫކުރާނެ ހާއްސަ އުސޫލެއް ހަމަޖައްސައި، އެކަމާ ބެހޭ އެއްބަސްވުމެއްގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާއި ފިއުލް ސަޕްލައި ރާއްޖެ (އެފްއެސްއެމް) އާ ދެމެދު ސޮއިކޮށްފިއެވެ.

މިފްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސްއާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާނެވެ. މި އުސޫލުގެ ދަށުން މިފްކޯއަށް މަސް ކިރުވުމަށްފަހު ލިބޭ ބިލު ބޭނުންކޮށްގެން ދޯނިފަހަރަށް ތެޔޮ އަޅައިދޭނެއެވެ.

މިފްކޯއިން ބުނި ގޮތުގައި، ކްރެޑިޓަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިންނެވެ. އަދި މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ފައިސާގެ ތެރެއިން ތެލުގެ ބިލު އުނިކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، މި އުސޫލުގެ ދަށުން ތެޔޮ ދޫކުރާނީ އުޅަނދުފަހަރުގެ ބޮޑުމިނަށް ބަލައިގެންނެވެ. އެގޮތުން 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5,000 ލީޓަރު، 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3,000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1,500 ލީޓަރު ތެޔޮ ދޫކުރާނެއެވެ.

މިއީ މަސްވެރިންގެ އެދުމުގެ މަތިން އެސްޓީއޯ ނުވަތަ އެފްއެސްއެމް މެދުވެރިކޮށް ލުއިފަސޭހަކަމާއެކު ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ހަމަޖެއްސި އިންތިޒާމެކެވެ.