English Edition
Dhivehi Edition
މަސް ފެކްޓަރީއެއް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން އުފައްދާ ބާވަތްތައް އިތުރުކޮށް، އަގު އެއްކުރި އުފެއްދުންތައް ބޭރު ގައުމުތަކަށް އެކްސްޕޯޓުކުރުން ފުޅާކުރުމަށް ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ދިވެހި މަސްވެރިކަމުގެ ސިނާއަތުން އުފައްދާ މަސް ވިއްކުން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގައި އުފައްދާ އަގު އެއްކުރި މަހުގެ އުފެއްދުންތައް ބޭރަށް އެކްސްޕޯޓުކުރާ މިންވަރު ގިނަކުރުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މަސްވެރިކަން ކުރިއެރުވުމުގެ އިތުރުން، ރާއްޖޭގެ އިގުތިސާދަށް އިންވެސްޓަރުން ކުރާ އިތުބާރު ބޮޑުވެފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޓޫރިޒަމް އަދި ރިއަލް އެސްޓޭޓް ދާއިރާގެ 11 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުތައް މިހާރު ވެސް ރާއްޖޭގައި ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ހަމަޖެހޭ އަދި ތަފާތު އިގުތިސާދެއް ބިނާކުރުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. މި މަސައްކަތުގެ ދަށުން ޖީޑީޕީގެ 15 ޕަސަންޓު ހިއްސާކުރާނެ ގޮތަށް ޑިޖިޓަލް އިގުތިސާދެއް ތަރައްގީ ކުރަމުންދާއިރު، ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 ޕަސަންޓު އިއާދަކުރަނިވި ހަކަތައިން ފުއްދުމަށް ވަނީ އަމާޒު ހިފާފަ އެވެ.

އިގުތިސާދު ފުޅާކުރުމަށް ކުރެވޭ އިތުރު މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، މިއަހަރުގެ ތެރޭގައި ރާއްޖެއަށް އާ އެއާލައިންތަކަކުން ދަތުރުތައް ފަށާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު އިއުލާންކުރެއްވި އެވެ. މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވެ، މަންފާ ބޮޑުވެގެންދާނެ ކަމަށް ބެލެވެ އެވެ.

ތަފާތު ސިނާއަތްތައް ކުރިއަރުވައިގެން ރާއްޖޭގެ އިގުތިސާދީ ދުވެލި ބާރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުން ކަމަށް ސަރުކާރުން ބުނެ އެވެ.