ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދު ދަތުރުކުރި ޑިންގީ ކަނޑު އަޑިން ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ ޒަކަރިއްޔާ ހޯދުމަށް މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގައްދޫ އާއި ގަމާ ދެމެދުގައި އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން އެ ޑިންގީ ފެނިފައިވާ ކަމަށެވެ.
އެ ޑައިވް ކޮށްފައި ވަނީ ސިފައިންނާއި ފުލުހުން ގުޅިގެން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި، ކަނޑުމަގުންނާ، ވައިގެމަގުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި އޮޕަރޭޝަންގައި ގދ.ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށުގެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އަދި ދަތުރުކުރަމުން ދިޔަ ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.