ހައްޖާޖީން އެނބުރި ރާއްޖެ އަންނަ އިރު، އެއާޕޯޓަށް ދާ މީހުން ވީހާވެސް މަދުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން އިލްތިމާސްކޮށްފިއެވެ.
ހައްޖުން އެނބުރި އައުމަށްފަހު ސަމާލުވާންވީ ކަންކަމާއި ގުޅޭގޮތުން ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯރޑިނޭޓަރ މުހައްމަދު ހަމްޒަތު ވަނީ ހައްޖުން އެންބުރި އަންނަމީހުންވެސް ރޯގާ ޖެހިގެން އަންނަކަމަށްވާނަމަ މާސްކު އަޅައިގެން އައުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ހައްޖުން އެނބުރި ރާއްޖެއައިސް ވެސް 14 ދުވަސް ތެރޭގައި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ހޮސްޕިޓަަލަށް ދިއުމަށްވެސް ވަނީ އެދިފައެވެ.
ރާއްޖެ މިއަދު ޕްރޮގްރާމުގައި ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވިދާޅުވެފައިވަނީ ހައްޖުވެރިން އެނބުރި އައުމަށްފަހު ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޑރ. އިޔާޒު ވަނީ ރޯގާގެ އަލާމާތްތައް ހުރިނަމަ، މާސްކު އެޅިނަމަވެސް މީހުންގެ ތެރެއަށް ނުނިކުތުމަށާއި، ކުދިންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެންނަނަމަ ސްކޫލަށް ނުފޮނުވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އެޗްޕިއޭގެ ތަފާސް ހިސާބުތަކުން ބަލާއިރުގައި މިއަހަރުގެ މިހާތަނަށް ފާހަގަކުރެވެނީ އާންމު ރޯގާތައް އިތުރުކަމަށެވެ. އޭގެތެރޭގައި އިންފުލުއެންޒާ، އާރުއެސްވީ، ކޮވިޑް ފާހަގަކުރެވެއެވެ.