English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެއްވަނަ ދިން ޕީއެމްއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރުގެ ބަދަލުގައި ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިޟުވާން އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ، ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީން، މިދިޔަ މާޗް މަހުގެ މެދުތެރޭ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ބްރޯޑްކޮމްއަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި ދެ ފަހަރަކު އިއުލާނުކުރިއިރު، އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10 ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އަދި ދެވަނަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިސްކަންދޭ ތަރުތީބުން 6 ނަމެއް އިއްޔެ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

މަޖިލީހުގެ ކޮމިޓީން ރޭ ވަނީ ފުރަތަމަ އިއުލާނާ ގުޅިގެން ރައީސް ފޮނުއްވި ނަންތައް ދިރާސާކޮށްފައެވެ. އެ ބޭފުޅުންގެ ތެރެއިން 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވަނީ:

  • ޒީނާ ޒާހިރު – 85 އިންސައްތަ
  • އާއިޝަތު ޝިޔާނާ – 83 އިންސައްތަ
  • ޝިމްލާ އަހުމަދު – 82 އިންސައްތަ
  • މޫސާ ރިލްވާން – 81 އިންސައްތަ
  • ޒަމްއަތު އަހުމަދު ވަހީދު – 77 އިންސައްތަ

ރިލްވާން، ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަނުކުރަން ފާސްކުރީ މަޖިލީހުގެ 70 މެންބަރުންގެ އިއްތިފާގުންނެވެ. މިއަދު ތަޅުމުގައި ނެގި ވޯޓުން ޒީނާ އައްޔަނުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. ލިސްޓުގެ ދެވަނައިގައި އިން ޝިޔާނާ އައްޔަނުކުރަން ފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އިރު ލިސްޓުގެ ތިންވަނައަށް އިން ޝިމްލާ އައްޔަނުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 14 މެންބަރުންނެވެ.