English Edition
Dhivehi Edition
ޗާގޯސްގެ ރަށްތަކެއް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން ހުއްޓާނުލާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި މައްސަލައިގައި ކުރިއަށް ދިއުމަށްޓަކައި ރާއްޖެއިން ބޭރުގެ މާހިރުންގެ ލަފާ މިހާރު ލިބިފައިވާ ކަމަށެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން މި މައްސަލަ ދިރާސާކުރެއްވުމަށްފަހު، ކެބިނެޓަށް ހުށަހަޅުއްވައި ކުރިއަށް ދާނެ ގޮތެއް ނިންމަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިޓްލޮސްގައި މައްސަލަ ކުރިއަށްދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، މައްސަލައިގެ ދިފާއުގައި ނަގަންޖެހޭ މުހިންމު ނުކުތާތައް ނަގާފައިނުވުމުގެ ސަބަބުން، ދޫކޮށްލި ބައި އަނބުރާ ހޯދުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން މާހިރުން ފާހަގަކޮށްފައިވާކަމަށެވެ.

އިންޓަނޭޝަނަލް ޓްރައިބުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދުފުޅެވެ.