މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުން ގޯތި ދޫކުރަން ހަމަޖެހިފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ އެގްރިމަންޓް ބާތިލުކޮށް އެ ފަޅު ސަރުކާރުން ހިއްކާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިދިޔަ ސަރުކާރުން ފެށި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ބޯ ހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އަސާސީ ހައްގެއް ކަމަށެވެ. އަދި އެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ އިސްކަން ދޭ އެއް ސިޔާސަތަކީ ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުކަމަށެވެ.
ގިރާވަރުފަޅު ހިއްކުމުގެ އެގްރިމަންޓް ހަދާފައިވާ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ދައުލަަތަށް ލިބެމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވަރަށް ބައިވަރު ބިންތައް އެ މަޝްރޫއާ ގުޅުވައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިއީ ދައުލަތަށް ފައިދާއެއް ނެތް ވަރަށް ގެއްލުން ބޮޑު އެގްރިމަންޓެއްގެ ގޮތުގައި ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ އެ އެގްރިމަންޓް ބާތިލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިމުނު ހާ އަވަހަށް އެ ފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ފަށާނެކަމަށެވެ.