އެންމެ ކުޑައިރުން ފެށިގެން ގޭގެ އުދޯލީގައި މާމަ އާއި ކާފަ(މާފަ) ކިޔަމުންދިޔަ ‘އިހުގެ’ ލަވަތަކުގެ ތެރެއިން މިއުޒިކްގެ ދުނިޔެއަށް ނިކުމެވުނު ހުސެއިން އަމީން އަކީ އައްޑޫ ސިޓީ މީދޫ އަށް އުފަން ޒުވާނެކެވެ. އާއިލާތެރޭގައި އުފެދިފައިވާ ލަވަކިޔުމުގެ ޖޯޝާ ފޯރި އާއި އެކު ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރުޕް ‘ހަބޭސް’ އިން އުފަންވެގެން ދިޔަ ‘ހަބޭސް ސެންޓޭ’ އަކީ މިހާރު ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށްލެވޭފަދަ ގާބިލްކަމަކާއި، ރަން އަޑެއް ލިބިފައިވާ ޒުވާނެކެވެ. ކުޑަދުވަސްކޮޅެއްގެ މެދުކެޑުމަކަށްފަހު އައްޑޫ ސިޓީ މީދޫ އަށް މެޑަމް ފާތުމަތު އިބްރާހިމް ކުރެއްވި ދަތުރުފުޅުގައި މެޑަމްއަށް ހާއްސަކޮށްގެން ކިޔާފައިވާ ‘އަށާރަ ޔަގީނޭ’ މި ލަވައާއި އެކު 2018ގެ ޕީޕީއެމް ކެމްޕައިނަށްވެސް އެންމެ ބިޒީވި އެއް ތަރިއަކީ ހުސެއިން އެވެ
ލަވަކިޔުމުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ކުންފުނި ދިރާގު އަދި ބޭންކް އޮފް މޯލްޑިވްސްގެ އިޝްތިހާރުތަކަށް މޮޑެލް ކޮށްފައިވާ ހުސެއިންއަކީ ސްކޫލް ދުވަސްވަރު ‘ތޭރަވާ’ގެ ނަމުގައި ބޮޑުބެރު ގުރޫޕެއް އުފައްދައިގެން ހެރެތެރެ އައިލެންޑް ރިސޯޓުގައި ގުރޫޕާއެކު މަސައްކަތްކޮށްފައެވެ.”އޭރު ގްރޭޑް 10ގައި އުޅެމުން އުފެއްދި ގުރޫޕެއް އެއީ. އެކަމަކު ސްކޫލް ނިމުމުން އެންމެން ވަޒީފާތަކަށް ގޮސް ހުސްވީ. ދެން އެހާ ހިސާބުން ބެރުގައި މި ހިފަނީ އޭރު އަހަރެމެން ބެރުޖެހިއިރު އެތާ އުޅުނު ޔަންގް ކުދިންތަކެއް. އަހަރެމެންގެ ފިޔަވަޅުމަތިން ބުންޒީލާ އުފެދިގެން ދިޔައީ.”އެހެންނަމަވެސް ރަށުގައި ހުރި ވަޒީފާގެ ދަތިތަކާއެކު ދެރަށުގެ ޒުވާނުން ބައިވެގެން އުފެއްދި ބުންޒީލާ އުވިގެން ދިޔައީ ދެރަށުގެ މެދުގައި އުފެދިގެން ދިޔަ ވާދަވެރިކަމާއެކުގައިކަމަށް ހުސެއިން ބުންޏެވެ
ފޮޓޯ:ލުބްނާ މަޖީދް މުހްތާރް/އޭއޯ ނިއުސް
ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި 2001 ވަނަ އަހަރު އުމުރުފުރާއިން އެއްވަނަ އަދި ފިރިހެން ކުދިންގެ ބައިން އެއްވަނަ އާއި އެކު މުޅި މުބާރާތުގެ ގަދަ ފަހެއްގައި ހިމެނިފައިވާ ހުސެއިން ދެން ފެނިގެން ދިޔައީ ރާއްޖެ ރަން އަޑުންނެވެ. 2010 ވަނަ އަހަރު މުބާރާތުގައި ބައިވެރިވި ގިނަ ލަވަކިޔުންތެރިންތަކެއް ފަހަތަށް ޖައްސާލުމަށް ފަހު މުބާރާތުގެ ގްރޭންޑް ފިނާލޭއިން ވަނީ ޖާގަ ހޯދާފައެވެ. އެ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނިފައިވީ ނަމަވެސް ހުސެންގެ ވިސްނުމުގައި މިއުޒިކަށް ހުސްވުމުގެ އެއްވެސް ހިޔާލެއް ނެތެވެ.އެހެންކަމުން ރަންއަޑުން ލިބުނު ކާމިޔާބާއެކު ލިބުނު ގިނަ ފުރުސަތުތަކެއް ދޫކޮށްލުމަށްފަހު ދެން ހުސެއިން ގެ މިސްރާބަކަށްވީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށްލުމެވެ. އެ ހުވަފެންތަކާއެކު މެގަ މޯލްޑިވްސް އާއި އެކު ދުނިޔޭގެ އެތައް ގައުމަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ދިރިއުޅުމުގެ ވައްޓަފާޅީ ހުސެއިން ވަނީ ދަސްކޮށްފައެވެ
މިއުޒިކާއި ލަވަ ކިޔުމުގެ ދާއިރާ އާއި ދުރުގައި ހުރުމަށްފަހު ދެން ހުސެއިން ފެނިގެން ދިޔައީ ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕް ހަބޭސް އިންނެވެ. ލީޑް ވޯލްކަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު އެ ގުރޫޕުން ލިބިގެން ދިޔަ ނަމަވެސް ގިނަ ދުވަސްތަކެއްގެ މެދުކެޑުމަކަށް ފަހު ލަވަކިޔުމުގެ އެ ފުރުސަތުގެ ބޭނުން ހިފަން ހުސެއިންވަނީ އުޒުރުވެރިވެ އުފުރުސަތު ދޫކޮށްލާފައެވެ. “އަސްލު އެހާ ގިނަ ދުވަސްތަކުގެ މެދު ކެޑުމަކަށްފަހު ބޭނުންވީ އިތުރު ވޯކަލް ޓްރައިނިންތަކެއް ހަދަން. އެ ގުރޫޕްގައި ހުރެގެން ޓްރައިނިންވެސް ހެދިން. އެކަމަކު އެއްވެސް ދުވަސްވަރަކު ބޭނުމެއް ނޫން ހުސް ލަވަކިޔުމަށް ހުސްވެ ހުންނާކަށް. “ހަބޭސް ގުރޫޕް އިން ކުޑަ ދުވަސްކޮޅަކަށް ބްރޭކް ނަގައިގެން ހުރި ލަވަކިޔުންތެރިޔާ އޭއޯ ނިއުސް އިން ކުރި ސުވާލަށް ޖަވާބުދެމުން ބުންޏެވެ
ފޮޓޯ:ލުބްނާ މަޖީދް މުހްތާރް/އޭއޯ ނިއުސް
އަބަދުވެސް ރަށުގެ ހިތްފަސޭހަ ދިރިއުޅުން ދެކެ ލޯބވާ ހުސެއިން ބޭނުންވަނީ އަބަދުވެސް އާއިލާއާއި އެކު ރަށުގައި ދިރިއުޅުމަށެވެ. “އަބަދުވެސް ބޭނުންވަނީ މައިންބަފައިން ކައިރީގަ އުޅެން. އެކަމަކު ރަށުގައި އުޅުމުގެ ފުރުސަތެއް ނެތް. ދިރިއުޅުމަށްޓަކައި ކުރާނެ މަސައްކަތެއް މިތާ ނެތީމަ ކޮންމެ ފަހަރަކު މާލެ ދާން މަޖްބޫރުވަނީ.”ރަށަށް ޗުއްޓީއަކަށް އައިގޮތަށް އަބުރާ މާލެ ދާހިތްނުވެގެން މިހާރު ރަށުގައި އުޅެމުންދާ ހުސެއިން ބުންޏެވެ. ރަށުގައި އުޅެމުން މިއުޒިކާއި ލަވަކިޔުމުގެ ދާއިރާއިން މާބޮޑު ކުރިއެރުމެއް ލިބެންނެތްކަމަށް ހުސެއިން ބުނި ނަމަވެސް މާލޭގައި އުޅެމުންދާ ލަވަކިޔުންތެރިންނަށް މިހާރު މިއުޒިކީ ދާއިރާއިންވެސް ރަގަޅު އާމްދާނީ އެއް ލިބިގެންދާނެކަމަށް ހުސެއިންވަނީ ބުނެފައެވެ
މިއަހަރު ރިޔާސީ އިންތިހާބަށް ހުރިހާ ޕާޓީއަކުން ތައްޔާރުވަމުންދާއިރު ޕީޕީއެމްގެ ހުރިހާ ކެމްޕެއިން ލަވަތައް ކިޔުމުގެ ފުރުސަތުވެސް މިހާރު ހުސެއިންއަށް ވަނީ ލިބިފައެވެ. “ރަށަށް އައިތަނުން މެޑަމް މީދޫއަށް ވަޑައިގަންނަވާ ހަބަރުތައް ލިބުނީ. ދެން މުޅި ފެމެލީއަކީވެސް ވަރަށް ޕީޕީއެމްއަށް ތާއިދުކުރާ ބައެއް. ފެމެލީ މީހުން އެދުނީ މެޑަމް ވަޑައިގަންނަވާ ދުވަހު ބާއްވާ ހަފްލާގައި ލަވައެއް ކިޔަން. އެކަމަކު އޭރު އެ ވާހަކަތައް އެހާ ސީރިއަސްކޮށް ނުނަގާ ހުއްޓާ ޕީޕީއެމް އޮފީހަށް ދިޔަ ދުވަހެއްގެ އެތާ ތިބި ރައްޓެހިންނާއި މެމްބަރުންވެސް އެކަމަށް އެދުމުން ލަވައެއް ކިޔާލަން ނިންމީ.” ހުސެއިންއަށް ކެމްޕެއިން ލަވަކިޔުމުގެ ފުރުސަތު ލިބުނު ގޮތާއި ބެހޭ ގޮތުން ބުންޏެވެ. މެޑަމްގެ އިވެންޓްގައި ހުސެއިން ކިޔައިދިން އަށާރަ ޔަގީނޭ އަކީ މެޑަމްއަށް ވަރަށް ކަމުދިޔަ ލަވައަކަށްވުމުގެ ނަތީޖާއެއްގެ ގޮތުން އައްޑޫސިޓީގައި ބޭއްވި ޕީޕީއެމް ބޮޑު ޖަލްސާގައިވެސް ހުސެއިންގެ އެ ލަވަވަނީ އަޑު އިވިގެން ގޮސްފައެވެ. އާއިލާއާއި ރަހްމަތްތެރިންގެ އެދުމަކަށް ރަހްމަތްތެރިއެއްގެ އެހީއާއި އެކު ދެ ދުވަހުން ޅެމެއް ތައްޔާރުކޮށް ކިޔާފައިވާ އެލަވައިގެ ތަރްހީބާއެކު ހުސެއިންއަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ.އަމިއްލަ ރާގުގެ ލަވަތަކަށް ލޯބިކުރަމުންދާ ހުސެއިންއަށް ދެން ލަވަ ކިޔުމުގެ ފުރުސަތު ލިބިގެން ދިޔައީ މަޝްހޫރު ސްޕެނިޝް ލަވަ ‘ޑެސްޕަސީޓޯ’ގެ ރާގަށެވެ. ދިވެހި އަމިއްލަ ރާގަކަށް ‘ޔާމީން ޔަގީނޭ، އަށާރަ ޔަގީނޭ’ ނުވިނަމަވެސް އެ ލަވަ ހުސެއިން ކިޔާފައިވާ ފުރިހަމަކަމާއެކު އަމިއްލަ ރާގަށް ލޯބިކުރާ ފަރާތްތަކުންވެސް އެ ލަވައަށް އެތައް ތައުރީފެއްވަނީ އޮއްސާފައެވެ. ހުސެއިން ކިޔާދީފައިވާ ކެމްޕައިން ދެ ލަވައާއި އެކު މިއަހަރަކީ އަނެއްކާވެސް ހުސެއިންއަށް ވަރަށް ބިޒީ އަހަރެކެވެ.”ރިޔާސީ އިންތިހާބުގެ ކެމްޕައިން ނިމެންދެން ދެން ކިޔާނީ ހުސް ކެމްޕައިން ލަވަތައް. މިހާރު މިހުރީ އެކަމަށް ހުސްވެގެން.” ހުސެއިން ބުންޏެވެ
ފޮޓޯ:ލުބްނާ މަޖީދް މުހްތާރް/އޭއޯ ނިއުސް.
ހޮބީއެއްގެ ގޮތުގައި މޮޑެލްކުރުމާއި ލަވަކިޔުން ކުރިއަށް ގެންދިޔަ ނަމަވެސް ރިސޯޓް މިއުޒިކު ކުޅުމުގެ ރަގަޅު ހުށެހެޅުމެއް ލިބިއްޖެނަމަ އެކަމާމެދު ވިސްނާނެކަމަށް ހުސެއިންވަނީ ބުނެފައެވެ. ” އަސްލު މިހާރު އެހާ ބޮޑަށް ލަވަކިޔާ ހިތެއްވެސް ނުވޭ. އެކަމަކު އެކަން އެއްކޮށް ހުއްޓާލާ ވިސްނުމެއްވެސް ނެތް. ދެން ކުޅުނަސް ކުޅޭނީ ރިސޯޓް މިއުޒިކް. މިހާރު ފޯކަސްހުރީ ރިސޯޓް މިއުޒިކަށް.”ހުސެއިން ބުންޏެވެ. ލަވަކިޔުމުގެ ކުރިއަށް ގެންދިއުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދަނީ ހުސެއިންގެ ބައްޕަގެ ފަރާތުންކަމުގައި ހުސެއިންވަނީ ބުނެފައެވެ. “މުޅި ފެމެލީއިންވެސް ވަރަށް ހެލްޕްވޭ. ހާއްސަކޮށް ބައްޕަގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭ.”ނިންމާލަމުން ހުސެއިން ބުންޏެވެ