English Edition
Dhivehi Edition
ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު / ފޮޓޯ:އެމްޕީއޭއޯ

މަރުކަޒީ ބޭންކު އެމްއެމްއޭގެ، ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު އިސްތިއުފާ ދެއްވައިފިއެވެ.

މީޑިއާތަކާ މިއަދު ހިއްސާކުރެއްވި ބަޔާނެއްގައި އިމާދު ވިދާޅުވީ، އޭނާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވަނީ މި ފަހުން އެމްއެމްއޭ އިން ނިންމި ނިންމުމަކީ އޭނާގެ ނަޒަރުގައި އެ ތަނުގެ އަސާސީ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުންތަކަކަށް ނުވާތީ ކަމަށެވެ.

އެމްއެމްއޭގެ ބޯޑުން ހުޅުމާލޭގައި ފައިނޭންޝަލް ސެންޓަރެއް އެޅުމަށް ބިމެއް ގަތުމަށް ނިންމާފައިވާއިރު އެމްއެމްއޭ މެދުވެރިކޮށް ބިމެއް ގަތުމަށް 15 ބިލިޔަނެއްހާ ރުފިޔާ ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުން ދަނީ އަހަރުގެ ބާކީ ހުރި ދުވަސްތަކުގައި ދައްކަން ޖެހޭ ދަރަނިތައް އަދާކުރުމަށެވެ. އެކަމަކު މި ނިންމުން ފާސްކުރި ބައްދަލުވުމުގައި އިމާދު ބައިވެރިވެވަޑައިގެންފައި ނުވާއިރު އެ ނިންމުން މުރާޖައާކޮށްދޭން ވެސް ހުށަހެޅުއްވިއެވެ.

އިމާދު އިސްތިއުފާ ދެެއްވާފައި މި ވަނީ އޭނާ ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ހަފްތާގައި ނިންމައި އެކަން ތަޅުމުގައި އިއުލާނުކުރަން އެޖެންޑާކޮށްފައި ވަނިކޮށެވެ.