ރާއްޖޭގެ މާލީ ނިޒާމަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުމަށާއި، ހިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ބަހައްޓަންޖެހޭ ރައުސްމާލުގެ އަދަދު ބޮޑުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގައިފިއެވެ. އެމްއެމްއޭއިން މިކަން އެންގީ ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.
މި ގަވާއިދަށް ގެނައި ބަދަލާއެކު، އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތާއި، ޕޭމަންޓް މުއާމަލާތްތައް އެކުއަޔަކުރުމުގެ ހިދުމަތް އަދި ރެމިޓެންސްގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ރައުސްމާލު ވަނީ ދެ މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. އެމްއެމްއޭއިން އަންގާފައިވާ ގޮތުގައި މި ހިދުމަތްތައް ދޭ ފަރާތްތަކުން ހުރިހާ ވަގުތެއްގައި ވެސް މަދުވެގެން މި އަދަދު ރައުސްމާލުގެ ގޮތުގައި ބަހައްޓަން ޖެހޭނެއެވެ.
މީގެ އިތުރުން، ޕޭމަންޓް އިނީޝިއޭޝަން ހިދުމަތާއި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ނަގާފައިވާ ކުންފުނިތަކުގެ ރައުސްމާލު ވެސް ވަނީ އެއް މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ. ކުރިން އީ-މަނީގެ ހިދުމަތްދޭ ފަރާތްތަކުން ފަސް ލައްކަ ރުފިޔާ ބަހައްޓަން ޖެހުނުއިރު، ޕޭމަންޓް އެކުއަޔަކުރާ ފަރާތްތަކާއި ރެމިޓެންސް ކުންފުނިތަކުން ބަހައްޓަން ޖެހުނީ ދެ ލައްކަ ރުފިޔާއެވެ. އަދި ޕޭމަންޓް އިނީޝިއޭޝަނާއި އެކައުންޓް އިންފޮމޭޝަން ހިދުމަތަށް ކުރިން ކަނޑައަޅާފައި އޮތީ އެއް ލައްކަ ރުފިޔާއެވެ.
މި ބަދަލާ ގުޅޭގޮތުން އެމްއެމްއޭއިން ބުނީ، މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ އެ ތަންތަނަށް ލިބިދާނެ ގެއްލުންތަކުން އަރައިގަނެ، ރައްކާތެރިކަމާއެކު ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ފަދަ މާލީ ގާބިލުކަން ހުރި ތަންތަންކަން ކަށަވަރުކުރުން ކަމަށެވެ.
މާލީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަކީ މާލީ ގޮތުން ދުޅަހެޔޮ އަދި ޒިންމާދާރު ތަންތަންކަން ޔަގީންކުރުމަކީ މުޅި މާލީ ނިޒާމަށް އޮންނަ އާންމުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. މި ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ ޕޭމަންޓް ނިޒާމު އިތުރަށް ހަރުދަނާވެ، ކަސްޓަމަރުންގެ ފައިސާއަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެއެވެ.