ރީ-އެމްޕްލޯއިމަންޓް ގާނޫނުގެ ދަށުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މުވައްޒަފުން ރިޓަޔަކުރުމުގެ އުމުރު ހަމަވުމަށްފަހުވެސް އުމުރުން 75 އަހަރާ ހަމައަށް އެ އިދާރާގައި މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ގަވާއިދު އާންމުކޮށްފިއެވެ. އެމްއެމްއޭއިން މި ފުރުސަތު ހުޅުވާލީ، ތަޖުރިބާކާރު މުވައްޒަފުންގެ ހިދުމަތް އިތުރަށް ހޯދުމުގެ މަގުސަދުގައެވެ.
އެމްއެމްއޭ އޮފީހުން ބުނީ، މި ގަވާއިދުގެ ދަށުން ވަޒީފާ ހަމަޖައްސައިދޭނީ އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ މުވައްޒަފުންނަށް ކަމަށެވެ. އަދި މިގޮތުން ވަޒީފާ ދޭނީ އަހަރުން އަހަރަށް އާކުރާ ގޮތަށް ހަދާ 12 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، މި ފުރުސަތު ލިބޭނީ އުމުރުން 75 އަހަރު ފުރުމާ ދެމެދު މަދުވެގެން 13 މަސް ދުވަސް އޮތް މީހުންނަށް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މި އުސޫލުގެ ދަށުން އެމްއެމްއޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ދާއިމީ މުވައްޒަފަކު ނަމަ، އެ މީހަކަށް 65 އަހަރު ފުރުމުގެ ހަ މަސް ދުވަސް ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭނެއެވެ. އަދި އަލުން ވަޒީފާ ހަމަޖައްސާއިރު ކުރިން ހުރި މަގާމު ނުވަތަ އެހެން މަގާމެއް ދެވިދާނެ ކަމަށާއި، މަސްއޫލިއްޔަތުތަކާއި މުސާރައަށް ބަދަލު ގެނެސްގެންވެސް ވަޒީފާ ހަމަޖެއްސިދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އަލުން ވަޒީފާ ހަމަޖެހުމަށްފަހު ވަޒީފާއިން ވަކިވާން ބޭނުންވާ މީހުންނަށް 21 ދުވަހުގެ ނޯޓިސް ދޭންޖެހޭ ގޮތަށް ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، މި އުސޫލުން މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ހަމަޖައްސާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އެމްއެމްއޭގެ ގަވަރުނަރެވެ.
ރީ-އެމްޕްލޯއިމަންޓް ގާނޫނަކީ އުމުރުން 65 އަހަރުވުމުން ރިޓަޔަކުރަން ޖެހުނު ކަމުގައި ވިޔަސް، ގާބިލުކަމާއި ތަޖުރިބާ ހުރި ފަރާތްތަކަށް މުޖުތަމައަށާއި ދައުލަތަށް އިތުރަށް ހިދުމަތް ކުރުމުގެ ދޮރު ހުޅުވައިދިނުމަށް އެކުލަވާލާފައިވާ ގާނޫނެކެވެ. އެމްއެމްއޭއިން މި ގެނައި ބަދަލާއެކު އެ އިދާރާގެ މުވައްޒަފުންނަށް ދިގު މުއްދަތަކަށް ހިދުމަތުގައި ދެމިތިބުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.