ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ ފިއްތުންތަކަށް ލުޔެއް ހޯދައިދީ، މާލީ ނިޒާމުގެ ތެރެއިން ޑޮލަރު ލިބުން ފަސޭހަކުރުމަށްޓަކައި މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ. މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިވެރިން މުދާ އިމްޕޯޓުކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމެވެ.
އެމްއެމްއޭއިން އެޅި ފިޔަވަޅުތަކުގެ ތެރެއިން ކޮމާޝަލް ބޭންކުތަކަށް ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 51 ޕަސަންޓު އިތުރުކުރަން ވަނީ ނިންމާފައެވެ. ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަށް ގެނައި މި ބަދަލާއެކު، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 7 މިލިއަން ޑޮލަރަށް އަރާނެއެވެ. ބޭންކުތަކަށް ކަނޑައެޅި 264 މިލިއަން ޑޮލަރުގެ އެލޮކޭޝަނުން މީގެ ކުރިން ހަފުތާއަކު ދޫކުރަމުން ދިޔައީ ގާތްގަނޑަކަށް 5 މިލިއަން ޑޮލަރެވެ.
ބޭރު ފައިސާގެ ބާޒާރަށް ފިއްތުންތައް ކުރިމަތިވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ޓޫރިސްޓުން އަންނަ މިންވަރު ދަށްވުމެވެ. މީގެ ސަބަބުން ފާއިތުވި ފެބުރުއަރީ މަހުން ފެށިގެން ރާއްޖެއަށް ވަންނަ ޑޮލަރު މަދުވެ، ވިޔަފާރިތަކުގެ އާމްދަނީއަށް ވަނީ ބޮޑުއަސަރެއް ކޮށްފައެވެ.
މީގެ ކުރިންވެސް ބާޒާރު ހަމައަކަށް އަޅުވައި، އާންމު މުދަލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެމްއެމްއޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ރޯދަ މަހާ ދިމާކޮށް ޒަރޫރީ ކާބޯތަކެތި އިމްޕޯޓުކުރާ ފަރާތްތަކަށް އެހީވުމަށް ބޭންކުތަކަށް ދޫކުރާ ޑޮލަރު 32 ޕަސަންޓަށް އިތުރުކުރިއިރު، ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ފާއިތުވި ޖޫން މަހު ވަނީ 26 ޕަސަންޓުގެ އިތުރުވުމެއް ދީފައެވެ.
ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމުގެ އިތުރުން، ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދުތަކަށްވެސް ބަދަލުތަކެއް ގެންނަން އެމްއެމްއޭއިން ވަނީ ނިންމާފައެވެ. އެގޮތުން، ކެޓަގަރީ “އޭ” ގެ ރިސޯޓުތަކުން އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، ލިބޭ އާމްދަނީގެ 20 ޕަސަންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ބަދަލުކުރުން ހިމެނެއެވެ. މިއާއެކު ބޭންކިން ނިޒާމަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެ ކަމަށް މަރުކަޒީ ބޭންކުން ލަފާކުރެއެވެ.