English Edition
Dhivehi Edition

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު ދިވެހިރާއްޖޭގެ ރަސްމީ ރިޒާވް 547.7 މިލިއަން ޑޮލަރަށް ދަށްވެއްޖެއެވެ. މިއީ އޮގަސްޓު މަސް ނިމުނުއިރު ރިޒާވުގައި ހުރި 643.9 މިލިއަން ޑޮލަރާ އަޅާބަލާއިރު 14.9 ޕަސަންޓުގެ ދަށްވުމެކެވެ.

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް ވެސް ވަނީ ފާއިތުވި މަހު ދަށްވެފައެވެ. އެގޮތުން، އޮގަސްޓު މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 200.6 މިލިއަން ޑޮލަރު ހުރިއިރު، ސެޕްޓެމްބަރު މަސް ނިމުނުއިރު އެ އަދަދު ވަނީ 167.7 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ 15.4 ޕަސަންޓުގެ ދަށްވުމެކެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ސެޕްޓެމްބަރު މަހު އެ އޮތޯރިޓީއަށް ބޭރު ފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ ބޭރު ފައިސާ ވިއްކި އަދަދު އިތުރުވުމެވެ. އޮގަސްޓު މަހާ އަޅާބަލާއިރު، ސެޕްޓެމްބަރު މަހު އެމްއެމްއޭއިން ބޭރު ފައިސާ ވިއްކި މިންވަރު ވަނީ 46.9 ޕަސަންޓު އިތުރުވެފައެވެ.

ބޭރު ފައިސާ ވިއްކި މިންވަރު އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، 2019 ވަނަ އަހަރު ސަރުކާރުން ބަޖެޓް ސަޕޯޓުގެ ބޭނުމަށް އެސްބީއައި ބޭންކު މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ޓީ-ބިލުގެ ތެރެއިން ބާކީ ދައްކަން އޮތް 50 މިލިއަން ޑޮލަރު ސެޕްޓެމްބަރު މަހު ދައްކައި ހަލާސްކުރުމަށް އެމްއެމްއޭއިން ސަރުކާރަށް ޑޮލަރު ވިއްކުން ހިމެނެއެވެ. މީގެ އިތުރުން، ބޭންކުތަކަށް ޑޮލަރު ވިއްކައިގެން ބާޒާރަށް ލުއި ހޯދައިދިނުން ވެސް ހިމެނެއެވެ.

ބޭރު ފައިސާގެ ގާނޫނުގެ ދަށުން، ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭއިރު، ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން 90 ޕަސަންޓު ޑޮލަރު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކައެވެ. މީގެ ތެރެއިން ބައެއް ފައިސާ އާންމުންގެ ބޭނުންތަކަށް ބޭންކުތަކަށް ވިއްކާއިރު، ބާކީބައި ބޭނުންކުރަނީ ރަސްމީ ރިޒާވް ހަރުދަނާކުރުމަށެވެ.