ކަމަކަށް ސަމާލުކަން ދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އެގޮތަކީ ސަމާލު ކަމަކީ އެކި ދިމާއަށް އެނބުރެމުންދާ ކަމަކަށް ވާތީއެވެ. އެއްކަމަކަށް ޚިޔާލު ހުއްޓާލައިގެން އިނދެވުމަކީ ހައިރާންވާން ޖެހޭ ފަދަ ކަމެކެވެ.
ގިނަ މީހުން ހީކުރަނީ ސަމާލުކަމަކީ އަހަރެމެން އިޚުތިޔާރުގައި ވަކިކަމަކަށް ހުއްޓުވައިގެން ތިބެވޭނެ ކަމެއް ކަމަށެވެ. އެކަމަކު އަސްލުގައި ސިކުނޑި ކުރާ ކަމަކީ އެލިބޭ މައުލޫމާތު ތަކުން ވަކިއެއްޗެއް ފުރާނައިގެން ނަގަނީއެވެ.
މީހާ ސަމާލުކަންދޭ ދެގޮތެއް އޮވެއެވެ. އެއްގޮތަކީ ގަދަޔަށް ބަލަހަށްޓައިގެން އިދެ ދޭ ސަމާލުކަމެވެ. އަނެއް ގޮތަކީ ލޮލުން ނުބަލައި ދޭ ސަމާލުކަމެވެ. މިސާލަކަށް ވެހިކަލެއް ދުއްވުމަށް ބަލަމާހެވެ. އޭރު އިންނަނީ ލޯހުޅުވައި ކުރިމައްޗަށް ބަލައިގެންނެވެ. އެކަމަކު ނުބަލައި ވަށައިގެން ހިނގާ ކަންކަމަށް ސަމާލުކަން ދެމުން ގެންދެއެވެ.
މެހެދީ އޯޑިކާނީ ބުނަނީ ތިމަންނާއަކީ ކޮމްޕިއުޓޭޝަނަލް ނިއުރޮލޮޖިސްޓެއް ކަމުގައެވެ.
“އަހަރެން ސިކުނޑީގައި އުފެދޭ ކުރެހުންތައް ދެކެ ލޯބިވަން. އެކުރެހުންތަކަކީ އަހަރެމެންނަށް ވަރަށް މުހިންމު އެއްޗެއް. އޭގެ ކޮމްޕިއުޓަ މޮޑެލްތައް އަހަރެމެން ހަދަން ބޭނުންވޭ. މިއަށް ބަލައިގެން އަހަރެމެންގެ ސިކުނޑި މަސައްކަތް ކުރަނީ ކިހާވަރަކަށްކަން އަހަރެމެން ދެނެގަންނަމު. އަދިވެސް އެހެން ކަމެއް އޭގައި އެކުލެވޭ. އަހަރެމެން ބަލާ ކުރެހުން އެއީ ނުބައި ކުރެހުމެއްނަމަ އެއަށް ބިނާކޮށް ދެނެގަނެވޭ ކަންތައް ނުބައިވެދޭ. އެހެންކަމުން އެކުރެހުމަށް ބަލައިގެން ސިކުނޑިއަށް ދެވޭ ފަރުވާއަކީ ނުބައި ފަރުވާއަކަށް ވެދާނެ.
އަހަރެމެންގެ ސަމާލުކަން އެއީ ހަމައެކަނި ލޮލުން ދެވޭ އެއްޗަކަށް ނުވޭ. އަހަރެމެންގެ ޚިޔާލުތައް ލޮލުން ފެންނަ އެއްޗަކަށް ވުރެން މާ ބޭރަށް ދޭ. އެހެންކަމުން ކޮމްޕިއުޓަރުން މި ކުރެހުންތައް ބަލާއިރު ލޮލުން ނުބަލައި ދެވެމުންދާ ސަމާލުކަމަށް އިތުރު ޝައުގުވެރިކަމެއް އުފެދިގެންދޭ.
އަހަރެން ބަލަން ބޭނުންވަނީ އެއްޗަކަށް ބަލަން އިނދެގެން ސަމާލުކަން ދޭއިރު ސިކުނޑީގައި ކުރެހޭ ޑިޒައިންތަކާއި އެއްޗަކަށް ނުބަލައި ސަމާލުކަން ދިނުމުން އުފެދޭ ޑިޒައިންތަކަށް. އަހަރެން ބޭނުންވީ މިކަން ތަޖްރިބާކޮށްލަން. އަހަރެން ބެލިބެލުމުން ފެނުނީ ނިވިދިއްލެމުން ދިޔަ ހަތަރެސްކަން ގޮޅިތަކެއް. އެއްގޮޅި ދިއްލެމުން ދިޔައީ އަނެއް ގޮޅިއަށް ވުރެން ލަސްލަހުން. މިގޮޅިތަކަށް ސިކުނޑީގެ އެހެނިހެން ބައިތަކުން އިޖާބަދީ އެގޮތަށް ނަމޫނާ ކުރެހެން ފަށާ. އެހެންކަމުން ސިކުޑީގެ ސިގްނަލްތަކަށް ބަލައިލުމުން އަހަރެމެންނަށް އެނގޭ އޭނާ ސަމާލުކަން ދެމުންގެންދަނީ ބަލައިގެން ނުވަތަ ނޫންކަން. އަހަރެމެންނަށް ދެނެގަނެވޭ މީހާ ބަލަން އިނީ ނުވަތަ ސަމާލުކަން ދެނީ ކޮން ކަންތަކަކަށްކަން. “
އޭނާ އެތަޖްރިބާ ކުރިއިރު މީހުންކުރެން އެކިކަންކަމަށް ސަމާލުކަން ދިނުމަށް އެދުނެވެ. ބަލައިގެންނާއި ނުބަލައެވެ. އެމީހުންނަށް ފެނުނުގޮތުގައި ބަލައިގެން ސަމާލުކަންދޭ އިރު ސިކުނޑީގެ ފުލުން ގޮޅިތަކެއް ފިޔަޖަހަމުން ދެއެވެ. ދެން ބެލީ ވަކިތަނަކަށް ބަލަން އިނދެ އެހެން ކަމަކަށް ސަމާލުކަން ދިނުމަށެވެ. މިފަހަރު ހައިރާންވާ ކަހަލަ ގޮތަކަށް ސިކުނޑީގެ ކުރިމަތީގައި ހުންނަ ގޮޅިތައް ފިޔަޖަހަން ފަށައެވެ. އަދި ފިޔަޖަހާ ރޭޓްވެސް ތަފާތުވެގެން ދެއެވެ. އެހެންކަމުން އިންސާނުންގެ ދެނެގަތުމުގެ ބައި ހުންނަނީ ސިކުނޑީގެ ކުރިމައްޗަށް ހުންނަ ފަރާތުގައިކަން ދެނެގަނެވުނެވެ. އެއީ ލިބޭ މައުލޫމާތު ފުރާނައި އެއާ މެދު ވިސްނާ ފިކުރުކުރާބައެވެ. އަދި ބައެއް މައުލޫމާތާމެދު ވިސްނާނުލައި ދޫކޮށްލާތަން ވެސް ފެނުނެވެ.
ސިކުނޑިން ފުރާނައިގެން ނަގާ ބަޔަކީ ސަމާލުކަންދޭ މުހިންމު ކަންތަކެވެ. މިސާލަކަށް އޭޑީއެޗްޑީގެ މައްސަލަ ހުންނަ މީހުންނަށް އެއްކަމަކަށް ސަމާލުކަންދީގެން ގިނައިރަކު ނުތިބެވެއެވެ. އެކަމަކު މިފަދަ މީހުންނަށް ވަކިބާވަތެއްގެ ޕްރޮގުރާމެއްގެ އެހީގައި ވަކިކަމަކަށް ސަމާލުންކަން ދޭން ތަމްރީނު ކޮށްލެވިދާނެއެވެ.
އޭޑީއެޗްޑީގެ މައްސަލައަކީ މިސާލެކެވެ. އަދި މިނޫން މީހުންނަށްވެސް ވަކިކަމެއް ވިސްނަން ތަމްރީނު ދެވިދާނެއެވެ. ސިކުނޑިއާ ކޮމްޕިއުޓަރ ގުޅުވައިގެން ވަރަށް ގިނަ ރޮގުތަކުގައި ޚިޔާލުތަކާ ކުޅެލެވިދާނެއެވެ.
މެހެދީގެ ކާފައަށް ސްޓްރޯކެއް ޖެހުނީ އަހަރުތަކެއްގެ ކުރީގައެވެ. އޭނާއަކަށް ދެން ވާހަކައެއް ނުދެއްކުނެވެ. އެކަމަކު އޭނާއަށް އެހެން މީހުން ބުނާ ހުރިހާ އެއްޗެއް އެނގެއެވެ. އޭނާއަކަށް އިޖާބަ ދެވޭނެގޮތެއް ނުވިއެވެ. އޭނާއަކީ ލިޔަން ދަންނަ މީހެއް ނޫންވީމާ ލިއުމަކުންވެސް ބުނެއެއް ނުދެވެއެވެ. އޭނާ ދުނިޔެ ދޫކޮށްދިޔައީ ހިމޭންކަމުގައި އޮވެއެވެ.
“އަހަރެން އެދުވަސްތަކުގެ މަތީން ހަނދާން ހުރޭ.” މެހެދީ ބުންޏެވެ.
“މިއަދު އެތައް ޖީލެއްގެފަހުން އަހަރެން މިހިރީ މިރޮނގުގައި ކަންކަން ހޯދުމަށް ނުކުމެ. ނިކަން ވިސްނާބަލަ އޭރު އަހަންނަށް ކާފަ ބުނަން އުޅޭ އެއްޗެއްގެ ނަމޫނާ ސިކުނޑީގައި ކުރެހިގެން ދިޔައިރު އެއީ ކޮން އެއްޗެއްކަން ދެނެގަނެވުނު ނަމަ ކިހާ ރަނގަޅުވީސް. މިއަދު އަހަރެމެންނަށް މިފެންނަނީ މީހާ ވިސްނާ އެއްޗެއްގެ ނަމޫނާ ސިކުނޑީގައި ކުރެހޭތަން. އެހެންކަމުން ވާހަކަ ނުދެއްކޭ މީހުން ބުނަން އުޅޭއެތި ކޮމްޕިއުޓަރުގެ އެހީގައި ކޮންމެވެސް ދުވަހަކުން ދެނެގަނެވިދާނެ.
އަހަރެމެންނަށް އަދި އެހާ ހިސާބަކަށް ނުދެވޭ. އެކަމަކު ސަމާލުވޭ! މާލަސްތަކެއް ނުވެ އަހަރެމެން އެހިސާބަށް ދާނަން.”
“ޝުކުރިއްޔާ!”