English Edition
Dhivehi Edition
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ކައްދޫ އެއާޕޯޓަށް ފައިބައިވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ސިފައިން ދިވެހިރާއްޖޭގެ މަސް ދޯނިތަކަށް އެރި މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގުކުރަންޖެހޭކަމަށާއި އެ ތަހުގީގުގެ ހޯދުންތައް ވީއެންމެ އަވަހަކަށް ހާމަކުރަންޖެހޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކަންކަން ކުރިއަށް ދިޔަގޮތް ބައްލަވާލެއްވުމަށް ވަޑައިގެން ނޫސްވެރިންނާއި ހޮނިހިރު ދުވަހު ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, “ވީހާވެސް އަވަހަކަށް އެކަން ހިނގާފާއި އޮތްގޮތް ބަލައި ހާމަކުރަންޖެހޭ,” ކަމަށެވެ.

“އިންޑިއާއިން ކަމަށްވަންޏާ އެފަރާތަށްވެސް އެކަމުގެ ޝަކުވާ ހުށަހަޅާ ކަން ހިނގާފައި އޮތްގޮތް ބަލަންޖެހޭ. ދެވަނަ ފަހަރައް މިއިންކަމެއް ދިމާވިޔަނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަންޖެހޭނެ,” -ރައީސް ސޯލިހު-

ރައީސް ސޯލިހު މިހެން ވިދާޅުވިއިރު, މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ދިވެހިރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އަރާފައިވާކަމަށް ދިވެހި މަސްވެރިން ވަނީ ބުނެފައެވެ. އެއީ, “އަސުރުމާ 3” , “މާހޯރަ 3” އަދި “ނިރު 7” ކިޔާ މަސް ދޯންޏަކަށެވެ.

މި މައްސަލައިގައި ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާ, މިނިސްޓްރީ އޮފް ޑިފެންސް އިން ބުނެފައިވަނީ, “އަސުރުމާ 3” ނަކަށް ކިޔާ މަސް ދޯންޏަށް އިންޑިއާ ސިފައިން އެރުމުން, އެ ދޯނީގެ ފަޅުވެރިންގެ ރައްކާތެރިކަމަށްޓަކާ އެމްއެންޑީއެފްގެ ކޯސްޓުގާޑު “ޝަހީދު އަލީ” އެ ސަރަހައްދަށް ގޮސް އެ މަސް ދޯނީގެ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވުނުކަމަށެވެ.

“އެ ސަރަހައްދައް ދިއުމުން އިތުރު ދެ މަސް ދޯންޏަކަށް (މާހޯރަ 3 އަދި ނިރު 7) ބޭރުގެ އަސްކަރިއްޔާއިން އަރާފައިވާކަމުގެ މައުލޫމާތު ލިބުނު. އަދި ރާއްޖޭގެ މަސް ދޯންޏަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓުގާޑު ޝިޕް 246 އަދި ކޯސްޓުގާޑު ޝިޕް 253 އަށް ނިސްބަތްވާ ބޯޑިންގ ޓީމުތަކުން,” -ދިވެހި އަސްކަރިއްޔާ-

މި މައްސަލައިގައި ކަން ހިނގާފައިވާގޮތް ސާފުކުރުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ, ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި އެދިފައިވާކަމަށް ވެސް ދިފާއީ ވުޒާރާއިން ބުނެއެވެ.

މި ހާދިސާއަށްފަހު ވެސް ދިވެހި މަސްވެރިން ކުރަމުން ގެންދާ މަސައްކަތް “ސާބިތުކަމާއެކު ކުރުމަށް” ދިވެހި ދިފާއީ ވުޒާރާއިން ވަނީ އެދިފައެވެ.