މި ސަރުކާރު ވެރިކަމަށް އައިސް ފުރަތަމަ ކުރަން އުޅުނު ކަންކަމަކީ ‘ނުފޯރާ ފޮތިން ފޫގެޅުން’ ކަމަށް ސިފަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދާ ‘ލާމަރުކަޒީ ގުޅުން’ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސޯލިހް ވިދާޅުވީ ވެރިކަމުގައި ފަށާފައިވާ މަސައްކަތްތަކަކީ ގައުމުގެ ތަރައްގީއަށްޓަކައި ކުރަން ޖެހިފައިވާ މަސައްކަތްތަކުގެ އިހުސާސް މިއަދު ކުރެވޭ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއާ އެކު ބާއްވަމުން ދިޔަ ގުޅުމާއި އިންޑިއާއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތްތަކާ ގުޅޭ ގޮތުން ވާދަވެރި ޕީއެންސީން ދައްކަމުން ދިޔަ ވާހަކަތަކަށް އަލިއަޅުއްވަމުން ސޯލިހް ވިދާޅުވީ އިދިކޮޅުގައި ޕީއެންސީ/ޕީޕީއެމް އޮތް އިރު އިންޑިއާއަށް ވަރަށް ބޮޑަށް ބަދު ބަސް ބުނެ ވެރިކަމަށް އައިސް ވެސް ފުރަތަމަ އިންޑިއާއަށް ނުގޮވާ އެއްޗެއް ނެތް ކަމަށެވެ.
“މާދޫގައި އިންޑިއާ މީހުން އާބާދުކޮށް ސިފައިންގެ ތަނަކަށް ހަދަން އުޅެނީއޭ ބުނި. އެކަމަކު ހަނިމާދޫ ރަންވޭ ތަރައްގީކުރަން ހަވާލުކޮށްފި. އުތުރުތިލަފަޅަކީ އިންޑިއާ އަސްކަރިއްޔާގެ މަރުކަޒެއް ގޮތުގައި ސިފަކުރި. އެކަމަކު އެ އެއްބަސްވުން ހަމަ ކުރިއަށް ގެންދަން ނިންމައިފި. އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން އުޅުނީ އެ އަތޮޅުގައި އިންޑިއާ މީހުން އާބާދުކުރަން ކަމަށް ބުނެ ނުރައްކަލެއްގެ ގޮތުގައި ސިފަކުރި. އެކަމަކު އެ މަސައްކަތް ވެސް ކުރިއަށް ގެންދަން މަޝްވަރާކޮށްފި” ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ސޯލިހް ވިދާޅުވީ ސަރުކާރުން އިންޑިއާއަށް ދިމާކޮށްލަން ފުރަތަމަ އުޅުނު ކަމަށާއި އެއީ ނުފޯރާ ފޮތިން ފޫގެޅުންކަމަށެވެ. މި ސަރުކާރު ގެންނަން ވޯޓު ދިން ގިނަ މީހުން ވެސް އެ ކަމާ ހިތާމަކުރާކަން ފާހަގަކޮށް ސޯލިހް ވިދާޅުވީ މި ސަރުކާރަށް ވޯޓު ދިން އާންމު މީހަކު އެމަނިކުފާނަށް ގުޅުއްވައި އެ މޭރުމުން ވާހަކަ ދައްކާފައިވާ ކަމަށެވެ.