English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ މަހަރާޝްޓްރާގެ ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ގަވަރުނަރު ރާދަކްރިޝްނަން ވަނީ، ރައީސް އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެ ދިވެހި ވަފުދަށް މަރުހަބާ ދެންނެވިއެވެ. އަދި ރައީސް އާއި ދިވެހި ވަފުދު މުމްބާއީއަށް ޒިޔާރަތްކުރެއްވީތީ، ގަވަރުނަރު ރާދަކްރިޝްނަން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މުމްބާއީގެ ރައްޔިތުންނާއި ގަވަރުނަރު ރާދަކްރިޝްނަން، އެމަނިކުފާނުގެ ދެކަނބަލުންނާއި ދިވެހި ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާ އާއި ދެއްވި ދީލަތި މެހުމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ. އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން، އިންޑިއާ އާއި ރާއްޖޭގެ ބަދަހިގުޅުމުގެ އަގުވަޒަންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިޔާ އާއި ރާއްޖެއާ ދެމެދު، ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުމާ ބެހޭގޮތުންވެސް ގަވަރުނަރު ރާދަކްރިޝްނަން ވާހަކަފުޅުދެއްކެވިއެވެ. އަދި މި ދާއިރާތަކާއި އިތުރި ދައިރާތަކުން ދިވެހި ރައްޔިތުންނާއި މަހަރާޝްތްރާގެ ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.