English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ރާއްޖޭގައި ފަހި ފުރުސަތުތަކެއް އެބަހުރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މުމްބާއީގައި ބޭއްވި “އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް” ގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުޞަތުތަކަކީ، އިގްތިސާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށް ދިވެހިރާއްޖެ ދެކޭ ތަޞައްވުރަށް ބާރުދޭ ފަދަ ފުރުސަތުތަކެއް ކަމުގައެވެ. މީގެ ތެރެއިން، ހާއްސަ އިގްތިސާދީ ސަރަހައްދުތަކުގައްޔާއި، ލަގްޒަރީ ޕްރައިވެޓް އައިލެންޑްތަކުގައްޔާއި، ތިމާވެއްޓާ ރަޙުމަތްތެރި ރިސޯޓާއި އިންޓަގްރޭޓަޑް ޓުވަރިޒަމުގެ މަޝްރޫޢުތަކުގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ބައްދަލުވުންތަކާއި، އިންސެންޓިވްތަކާއި، މަހާސިންތާތަކާއި، މައުރަޒުތަކަށް ހާއްސަ ނުވަތަ “މައިސް ޓުވަރިޒަމް” ފަދަ ފަތުރުވެރިކަމުގެ އައު ބާވަތްތައް ތައާރަފުކުރުމަށް އަމާޒުކުރައްވައިގެން، ފަތުރުވެރިކަމުގެ ލާސާނީ ތަޖުރިބާތަކެއް ފަރުމާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 2025 ވަނަ އަހަރު، ވެލާނާ އިންޓަނޭޝަނަލް ވައިގެބަނދަރާއި، ހަނިމާދޫ ވައިގެބަނދަރަށް ވެސް އެދެވޭ ބަދަލުތަކެއް ގެނެވޭނެކަމަށް ދެކިވަޑައިގަންނަވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.