ރޭގަނޑު ފުރިހަމަޔަށް ނިދާލެވުން ވަރުގެ ކަމެއް ނެތެވެ. ޓެކްނޮލޮޖީގެ އެހީގައި އަހަރެމެންގެ ނިދިން އިތުރަށް ފައިދާ ކުރާނެ ގޮތެއް ވެއްޖެއްޔާ ކީއްހެއްޔެވެ؟
ޑޭން ގާރޓްނބާރގް މަސައްކަތް ކުރަމުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ފުންނިންޖެއް ލިއްބައިދޭނެ ގޮތެއް ހޯދުމަށެވެ. މިއީ އަހަރެމެންގެ ހަނދާންތައް އާކޮށްދީ ޝަޚުސިއްޔަތު ފުރިހަމަ ކޮށްދޭނެ ކަމެކެވެ. މިގޮތުން އެންމެ ފުން ނިދީގެ ވަގުތުގައި ވަކިބާވަތެއްގެ އަޑުތަކެއް އިއްވާލުމުން އެއަޑުގެ ރާޅުބާނިތަކާ ނިދީގައި ސިކުނޑީގައި އުފެދޭ ރާޅުބާނިތައް އެކުވެގެން ނިދި އެއަށް ވުރެން ފުން ވެގެން ދާކަން އޭނާ ވަނީ ހޯދާފައެވެ. އެކަމުން އަހަރެމެންގެ ސިއްހަތަށާއި ހަނދާންތަކަށާއި ދަސްކުރުމުގެ ކުޅަދާނަކަމަށް އިތުރު ކުރިއެރުމެއް ލިއްބައި ދެއެވެ.
ގާރޓްންބަރގް ބުނަނީ މިހެންނެވެ.
“އަހަރެމެންގެ ނިދިން މިއަށްވުރެން ފައިދާ ބޮޑުވާނެގޮތެއް ވެއްޖެ ނަމަޔޯ؟ ނިދުމާ ބެހޭ ސައެންޓިސްޓެއްގެ ގޮތުން މިސުވާލު އަހަރެންގެ ހިތުގެ މައްޗަށް ބާރުހިންގާތާ ދިހަވަރަކަށް އަހަރު ވެއްޖެ.’
ބޮކިތަކާއި ޓެކްނޮލޮޖީގެ ސަބަބުން މީހުން ސައުވީސް ގަޑިއިރު އުފެއްދުންތެރި ކަމުގެ މަސައްކަތުގައި އުޅެންފަށައިފި. އެހެންކަމުން އަހަރެމެންގެ ތަބީއަތަށް އެކަމުން އަގެއް ދައްކަން ޖެހެއެވެ. ތަބީއީގޮތުން އަހަރެމެން ނިދަން ބޭނުންވާ ގަޑިތަކަށް އޮޅުންއަރާގޮތް މެދުވެރިވެއެވެ.
ސާކޭޑިއަން ރިދަމް އަކީ އަހަރެމެން ތަބީއީގޮތުން ހަކަތައިގެ މިންވަރު މަތިވެ ދަށްވާ ވަގުތު ކަނޑައަޅާ ތަބީއީ ނިޒާމެވެ. މި ރިދަމްތަކާ ބެހޭ ހޯދުންތައް މުޅި ދުނިޔޭގައި އަހަރެމެން ކުރަންފެށީ ދާދި ފަހުންނެވެ. އަހަރެމެންގެ ނިދުން ފުރިހަމަ ނުވާނަމަ އަހަރެމެންގެ ސިއްހަތާއި އަހަރެމެންގެ ދިރިތިބުމަށް ބޮޑު އިންގިލާބެއް ގެނުވައެވެ. މިހެންވެ އަހަރެމެންނަށް އަސްލުގައި ބޭނުންވާވަރަކަށް ނިދުމެއް ނުލިބެއެވެ. އެމެރިކާގެ މީހުން މިހާރު ނިދަނީ ސާޅީހުގެ އަހަރުގެ ތެރޭގައި ނިދާ އުޅުނުވަރަށް ވުރެން އެއްގަޑިއިރު މަދުންނެވެ.
ކޮންމެވެސް ސަބަބަކާހެދި ނިދި މަދުކުރުން އަހަރެމެން ދުށީ މޭމަތީގައި ޖަހާލެވޭ ޝަރަފުވެރި މެޑެއްޔެއްގެ ގޮތުގައެވެ. މިކަމުން ޖަމާވެގެންދަނި ސިއްހީ ކާރިސާތަކެވެ. ގިނަބަޔަކަށް ހަނދާންނެތުމުގެ ބަލި ނުވަތަ ހިތުގެ ބަލިތައް، ވާގިނެތުމާއި ހަކުރުބަލި ނިދި ހަމަނުވެގެން ޖެހޭކަން އެނގޭވެސްމެއެވެ. ނިދީގައި ނޭވާ ނުލެވޭގޮތްވުން، ސްލީޕް އެޕްނިއާ، ނުވަތަ ގުގުރިދެމުމުގެ މައްސަލަ ހުރެ އެކަންތަކަށް ފަރުވާ ނުހޯދާ ހުރެއްޖެ ނަމަ މި ބުނެވުނު މައްސަލަތައް އަދި ވަކީން ބޮޑުވެގެންދާނެއެވެ. ނިދި މަދުވުމުން އަހަރެމެން ކުއްލި ނިންމުންތައް ނިންމާ ހަދަމެވެ. އެއީ ރިސްކީ ކަމެއް މެއެވެ. އަދި އަނެކާއަށް ހަމްދަރުދީ ވުމުގެ ބައި ކުޑަވާގޮތް ވެސް ވެއެވެ. ނިދި މަދުވުމުން އަހަރެމެންގެ އަމިއްލަ ވޭންތައް އިހްސާސްވާލެއް ބޮޑެވެ. ނިދި ފުރިހަމަ ވެފައި ހުންނަ މީހަކަށް ވުރެން ނިދިން މަހުރޫމުވެފައި ހުންނަ މީހާއަށް އަނެކުންނާ އަޅާލާން ދަތިވާނެއެވެ.
ސައެންސްވެރީން މިހާރު ބަލަމުން ގެންދަނީ ނިދަންވީ ކިހާއިރަކުތޯއެއް ނޫނެވެ. ނިދީގެ ފެންވަރުވެސް އެމީހުން ބަލަމުންގެންދެއެވެ. އަދި ނިދީގެ ސަބަބުން ސިއްހަތަށް ކުރަނީ ކޮންކަހަލަ އަސަރެއްތޯވެސް ބަލަމުން ގެންދެއެވެ.
“އަހަރެންގެ ހޯދުންތައް އަމާޒުކުރަނީ ނިދީގައި މީހާއަށް އެންމެ ތާޒާކަން ލިއްބައިދޭ ކަންކަމަށް. ގިނަ ސައެންސްވެރިން އެއްބަސްވާ ގޮތުގައި އެއީ ފުންނިދި. މިހާރު އަހަރެމެންނަށް އެނގިފައިވާ ގޮތުގައި ނިދީގެ ތިން ހަރުފަތްތަކެއްވޭ. އެއީ ލުއި ނިދުމާއި ލޮލުގެ ހަރަކާތް ކުރެވޭ ނިދުން ނުވަތަ REM އަދި ފުން ނިދި. އަހަރެމެން މިކަންތައް ބަލަނީ ބޮލުގެ ނާށިގަނޑުގައިއާއި ދަތްދޮޅީގައި ސެންސަރުތަކެއް ގުޅައިގެން. ނިދާފައި އޮންނަ އިރު ސިކުނޑީގައި އުފެދޭ ރާޅުބާނިތައް ހޭލާ ހުންނަ އިރު ހުންނަ ރާޅުބާނިތަކާވެސް އެއްގޮތް. ދިގު ރާޅިބާނިތަކަކީ ޑެލްޓާ ރާޅުބާނިތައް. އެއީ ހޭލާ ހުންނަ އިރު ހުންނަ ރާޅުބާނިތަކާ ތަފާތު އެއްޗެއް. ނިދުން ހަމަޔަށް ނުލިބޭނަމަ އަހަރެމެންގެ ހަށިގަނޑު އަލުން ތާޒާވުމަށާއި ކަންކަން ދަސްކުރުމާއި ދިރުތަކަށް ލިބެން ޖެހޭ ދިރުންތަކެއް ނުލިބޭ. ފުން ނިންޖަކީ އަހަރެމެންގެ ޝަޚުސިއްޔަތަށް ބަދަލު ވިޔަނުދީ އަދި ދުރުހަނދާންތައް ދަމަހަށްޓާދޭ ކަންތައް. އަހަރެމެން އުމުރުން ދުވަސްވާ ވަރަކަށް ޑެލްޓާ ރާޅުބާނިތައް ދާނީ މަދުވަމުން. އެއްގޮތަކުން ބަލާއިރު މި ޑެލްޓާ ރާޅުބާންޏަކީ އަހަރެމެންގެ ނަފުސުގެ ޒުވާންކަން ދައްކައިދޭ ރާޅުބާނިތައް. މިއުފެދެނީ ފުންނިދީގަ.”
ތަބީއީ ގޮތުން އަހަރެމެން ޖެހެނީ ފުންކޮށް ނިދާށެވެ. އެކަމަށް ބޭނުންކުރެވޭނެ ހުރިހާ އާލާތެއް އަހަރެމެން ބޭނުން ކުރަން ޖެހެއެވެ. ވިޔަފާރި ފެންވަރުގެއާއި ކުލިނިކް ފެންވަރުގެ އާލާތްތަކެވެ. އެގޮތުން ވަރަށް ގިނަ ކަންތަކެއް ހޯދުނެވެ. އަދި ކެއުމުގެ ގަޑިތަކާއި އެހެނިހެންވެސް ތަބީއީ ގަޑިއަށް ބަދަލުގެނެސްގެން ބެލުނެވެ. ގަދައަށް ކަސްރަތު ކޮށްގެންނާއި ލުއިކޮށް ކަސްރަތު ކޮށްގެންވެސް މެއެވެ. އެހެންނަމަވެސް ފުންނިންޖަކަށް ދާނެ ގޮތެއް ނުހޯދުނެވެ. ހާވާޑުގެ މެޑިކަލް ސްކޫލުގެ ޑޮކްޓަރެއް ކަމަށްވާ ޑިިމިޓްރީއާ ބައްދަލުވަންދެންނެވެ.
ޑޮކްޓަރ ޑިމިޓްރީ ބުނާ ގޮތުގައި ޖަރުމަން ލެބޯޓަރީއަކުން ބެލި ބެލުންތަކުން އެނގެނީ ނިދާފައިވާ މީހާއަށް ވަކިބާވަތެއްގެ އަޑެއް އިއްވުމުން އޭނާގެ ނިދި ފުންވާކަމެވެ. އަދި ނިދީގެ ފައިދާ ބޮޑަށް ކުރާކަންވެސް މެއެވެ. އަދި މީގެ އިތުރަށް މި ހޯދުމުން އެނގުނީ އޭގެ އަނެއް ދުވަހު އެމީހުންގެ ހަނދާންވެސް ގަދަވެފައި ހުންނަ ކަމެވެ.
“ދެން ޑިމިޓްރީއާ އަހަރެން ގުޅިގެން މި ހޯދުންތަކަށް ޓީމެއް އެކުލަވާލިން. “ ޑޭން ބުންޏެވެ.
މި ދެޑޮކްޓަރުންގެ މަސައްކަތުން މިކަމަށް ޚާއްސަ ލެބެއް އެމެރިކާގެ ޕެން ސްޓޭޓްގައި ހުޅުވިއެވެ. އަދި އެމީހުން ތައްޔާރު ކުރި ސިސްޓަމްއިން މިހޯދުންތައް ޔަގީން ކުރިއެވެ. މިކަމަށް ނެޝަނަލް ފައުންޑޭޝަނުން ފަންޑު ކުރިކަން އެއީ މިހޯދުންތަކަށް ލިބިގެންދިޔަ ކުރިއެރުމެކެވެ.
އަލަށް މިހޯދުންތައް ދިރާސާކުރަން އުފެއްދި ލެބްގައި މިކަމަށް ޚާއްސަ އެތައް ސާމާންތަކެއް ބެހެއްޓުނެވެ. އޭގެ ތެރޭގައި ނިދާފައި އޮންނަ މީހާއަށް ރާޅުބާނިތަކެއްގެ އަޑު އިއްވާނެ މެޝީނެއްވެސް ބެހެއްޓުނެވެ.
މީހާ ފުންނިދީގައި އޮންނަ ވަގުތު އަހަރެމެން މި އުފެއްދި މެޝިނުން އޭނާއަށް ރާޅުބާނިތަކުގެ އަޑު އިއްވަމުން ގެންދިޔައިމެވެ.
“މިއީ ކިހާ ހެއްވާ ކަމެއް ދޯ؟” އޭނާ ހެމުން ބުންޏެވެ.
މިއަޑު ތަކަކީ ނިދާފައި އޮންނަ މީހާގެ ސިކުނޑީގައި އުފެދޭ ރާޅުބާނިތަކާ އެއްގޮތް އަޑުތަކެވެ. ވަކި ފްރެކްއެންސީއެއްގައި މި އަޑުތައް އިއްވުމުން ނިދާފައި އޮންނަ މީހާގެ ނިދި އިތުރަށް ފުންވެގެން ދެއެވެ. އަދި ޑެލްޓާ ރާޅުބާނިތައް އިތުރުވެގެން ދާތަން ފެނިގެން ދެއެވެ.
އޭގެ އަނެއް ދުވަހު ބައިވެރީންގެ ގާތުން އެއަޑު އިވުނުތޯ އެހުމުން އެމީހުންނަށް އަޑެއް އިވުނު ކަމަކަށް ނުބުނެއެވެ. އެކަމަކު އެމީހުން ސިކުނޑިތައް ވަނީ މިއަޑުތަކަށް އިޖާބަ ދީފައެވެ.
އެމީހުން މިކުރި ތަޖްރިބާ ސްކޭންކޮށް އޭގެ ނަތީޖާ ވަނީ ދައްކާފައެވެ. އަދި ރެކޯޑް ކުރެވިފައިވާ ރާޅުބާނިތަކުން ރީއްޗަށް މިކަމުގެ ހެކި ފެންނަން ހުއްޓެވެ.
“އަހަރެމެންނަށް ހޯދުނުގޮތުގައި މީހާ ފުން ނިންޖަކަށް ފޮނުވާލުމަށް އޭނާގެ ގައިގާ ނަރުތަކެއް މިހާރު ގުޅާކަށް ނުޖެއެވެ. އަހަރެމެން މިބަލަނީ މީހާ ދިރިއުޅޭތަނެއްގައި ހުރެގެންވެސް ފުންނިދި އޭނާއަށް ލިއްބައިދޭނެ ވަސީލަތެއް އުފައްދާނެ ގޮތެކެވެ.
މިގޮތުން މީހުންގެ ސިއްހަތަށް ފައިދާ ކުރާނެ މަގު ފަހިވެގެން ދާނެއެވެ.
އަހަރެމެންގެ ނިންޖަކީ އަހަރެމެންގެ ޒުވާންކަން ދަމަހަށްޓައި ދިނުމަށް މުހިންމު ދައުރެއް އަދާ ކުރާ ކަމެކެވެ. އެހެންވެ އަހަރެމެން ނިދާއިރު ހަމަ ދާދި ކުޑަކުޑަ އާލާތެއްގެ އެހީގައި ނިދީގެ ފައިދާ ކުރާނެ ގޮތް މެދުވެރި ކޮށްލެވިދާނެއެވެ.
ޑޮކްޓަރ ޑޭންގެ މިތަގުރީރަށް އަޑުއަހަންތިބި އެންމެން ތަރުހީބު ދިނެވެ.