English Edition
Dhivehi Edition
މިނިސްޓަރު އާދަމް ޝަރީފް އުމަރު

މުޅި މުޖުތަމަޢުގެ ކޮންމެ ފަރުދަކީވެސް ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ މީހަކަށް ވާންޖެހޭނެކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައި މިނިސްޓަރު ފާހަގަކުރެއްވީ، ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ ފުރުސަތުތައް ޒުވާން ޖީލުތަކަކާ އެއްފަދައިން ދޮށީ އުމުރުފުރައިގެ މީހުންނަށާއި، ހުރިހާ ގިންތިއެއްގެ، މިންތީގެ ތަފާތެއް ނެތި، ފަހިވާންޖެހޭކަމަށެވެ.

“މިފަދަ މިންވަރަކަށް ޓެކްނޮލޮޖީ ކުރިއަރަމުންދާއިރު، މުޖުތަމައުގެ ކޮންމެ ފަރުދަކީވެސް، ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ މީހަކަށް ވާންޖެހޭ،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 1980 ގެ އަހަރުތަކުގައި ލިޔަންކިޔަން ނުދަތުން ރާއްޖެއިން ނައްތާލި ފަދައިން، މިހާރު ޓެކްނޮލޮޖީގެ ލިޔަންކިޔަން ނުދަތުން ނައްތާލުމަށްޓަކައި، ޑިޖިޓަލް ލިޓަރަސީ ޕްރޮގްރާމްތައް ހިންގުމަކީ ޓެކްނޮލޮޖީގެ ފައިދާ އެންމެންނަށް ހަމަހަމަ ގޮތުގައި ލިބިގެންދާނެ މަގަކަށްވާނެއެވެ.

އެހެންކަމުން ޓެކްނޮލޮޖީއާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމަކީ އެކަނި ޒުވާނުންގެ ޒިންމާއެއް ނޫންކަމާއި، އެކި ޢުމުރުފުރާތަކުގެ އެންމެންގެ މަސްއޫލިއްޔަތެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަދުގެ ތަރައްޤީވަމުންދާ ދުނިޔޭގައި ގައުމުތަކުގެ ކުރިއެރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ ޓެކްނޮލޮޖީކަމަށް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ. އަދި އެންމެންނަށް ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހިފޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ، ރާއްޖެއަށް މުހިންމު ކަމެއްކަމުގައިވެސް ވިދާޅުވިއެވެ.