English Edition
Dhivehi Edition

އަހަރެން ބުނަން މިއުޅެނީ ލަރީސާއާ ބެހޭ ވާހަކައެއް. އާދިލާ! މިހާތަނަށް ވެސް މިކަމުގަ ކަލޭގެ އެހީތެރިކަން ދިނީމެއްނު. މިކަންތައް ނިމޭ އެންމެ މުހިންމު ދަނޑިވަޅަކީ މިއީ. ކަލޭގެ އެހީތެރިކަން އަހަރުމެނަށް އެންމެ ބޭނުން ވަގުތުކޮޅަކީވެސް މީ”.

” އަޅުގަނޑުގެ ފަރާތުން އެއްވެސް އެހީއެއް ލިބިވަޑައިގަތީތީ އުފާކުރަން. އެކަމަކު މިހާރު ދެން ހީވަނީ ފުދޭވަރު ވެއްޖެހެން”. އާދިލާ ދެންނެވިއެވެ.

“އެކަމަކު ބަގީޗާއާ ހަމަޔަށް އާދެބަލަ!. އެތަނަށް ނުކުތީމާ ތިޔަ ބޮލުގަ ރިއްސުން ރަނގަޅުވެދާނެ ” ކަމަނަ ވަޑައިގެން އޭނާގެ އަތުގައި ހިއްޕެވިއެވެ. “ތިއީ މިއަދު ދަތުރު ދިޔައިމާ ރިއްސާ ރިއްސުމެއެއް. ޝާން! މި ކުއްޖާ އެހާ ގަދަ އަވީގައި އެރަށުތެރޭ ހިންގުވާފަ ގެންދިޔަކަން އެއީ ކަލޭ ކުރި ވަރަށް ގޯސްކަމެއް”.

” ތި ކުށުގެ ޖޫރިމަނާ ދައްކަން އަޅުގަނޑު މިހިރީ ތައްޔާރަށް. އެކަމަކު އޭނަ ހުއްދަ ދިނިއްޔާ!”.

ޝާން ލަރީސާގެ އަތުން ދޫކޮށްލައްވާފައި އާދިލާގެ ގާތަށް އަތުވެއްޖެއެވެ. އާދިލާ ދެ ފިޔަވަޅެއް ފަހަތަށް އަޅާލިއެވެ. އެހެންނަމަވެސް އޭނާގެ އަތުގައި ކަމަނަ ހިއްޕަވާފައިވާތީ މާ ދުރަކަށް ނުދެވުނެވެ. ޝާން އެ އުޅުއްވަނީ އޭނަޔާ ލަރީސާގެ ކާވެނި އިއުލާން ކުރާވަގުތު އެތަނުގައި އޭނާ ގަދަކަމުން ބަހަށްޓަވާށެވެ. އޭނައަށް އެހާ ބޮޑު އަނިޔާއެއް ދެއްވަން ޝާން އެ އުޅުއްވަނީ އޭނާ ކުރި ކޮން ކުށެއްގ ެސަޒާއެއްގެ ގޮތުން ބާވައެވެ.

އާދިލާ އެހެން ގޮތެއް ނެތިގެން ބަގީޗާ ތެރެއަށް ނުކުމެއްޖެއެވެ. އިހަވަންދޫ ކަނޑުން އަންނަ ފިނި ވައިރޯޅިތައް އޭނާގެ މޫނުގައި ބީހިލުމުން ހަށިގަނޑަށް ކުޑަ ފިނިކަމެއް ލިބިގެން ދިޔައެވެ.

އޭނާ އެހެން އެންމެނާ ދުރުގައި ހުރި ފިނިފެންމާ ގަސްތަކެއްގެ ދަށުގައި އިށީނދެ އިނެވެ. އެވަގުތު އޭނާގެ ލޮލުގައި މަތަކުރެވޭތޯ ހިއްވަރު ކުރަމުން ދިޔަ ކަރުނަތައް ނޯބެހެއްޓިގެން ހޯސްލާފައި އޮހިގަތެވެ. އޭނާގެ މޫނުގައި ދެއަތް އަޅާ އެކަރުނަ މަތަކުރެވޭތޯ މަސައްކަތް ކުރިއެވެ.

މާދަމާ ހެނދުނު ގޭ މީހުން ނުހޭލަނީސް ފުރައިގެން ދާނީއެވެ. ކޮންމެވެސް ގޮތަކުން އޭނާއަށް ތިނަދުއަށް ދެވިދާނެއެވެ. އޭނާ އެ ދިޔައީ ކީއްވެގެންކަން ބައްޕައަށް އެނގޭނެއެވެ. އޭނައަކީ މިހާރު ކުޑަކުއްޖެއް ނޫނެވެ. އަމިއްލައަށް އުޅެވޭވަރުގެ ވިސްނުން އެބަހުއްޓެވެ.

ޝާން އެތަނަށް ވަޑައިގަތް ކަން އާދިލާއަށް އެނގުނީ އޭނާގެ ކޮނޑުގައި ހިއްޕަވާފައި ކޮޅަށް ނެންގެވީމައެވެ. . ބަގީޗާގެ ތެރޭގައި ދިއްލާފައިވާ ކުލަ ކުލައިގެ އަލިތަކާއި ކޮކާ ހަނދުވަރު ގަސްތަކުގެ ތެރޭން ފުރޭނިގެން އައިސް ޝާންގެ މޫނުފުޅަށް އެޅިފައި ހުރިއިރު އެ މޫނުފުޅުގައި އުފާވެރި ކަމެއް ނުވާކަން އާދިލާއަށް ފާހަގަ ކުރެވުނެވެ.

” މިހާރު ތިވަނީ ކީއްތަ؟” އޭނާގެ މޫނުން ދެއަތް ނަންގުވާފައި ޝާންއާ ދިމާއަށް ކުރިމަތި ލެއްވިއެވެ. އަދި އޭނާގެ ކޮނޑުގައި ހިއްޕަވާ ތަޅުވައިގެންނެވިއެވެ. ” ކަލެއަށް ތި ވާގޮތެއް އަހަންނަށް އެބަ އެނގޭ. އަހަރެމެން މިހުރިހާ ކަމެއް ރޭވީމަ ކަލޭ ތި އުޅެނީ މިކަންތައް ހަލާކު ކޮށްލަން ތަ؟ ތިހެން ހެދީމަ ލަރީސާ ހީކުރާނީ ކީކޭ؟”

“އަޅުގަނޑުގެ އެދެނީ ތި ދެ ބޭފުޅުންނަށް އުފާވެރި ކާވެންޏަކަށް”. އާދިލާއަށް ރޮވޭގޮތްވުމުން އިތުރު އެއްޗެއް ނުބުނެވުނެވެ. އޭރު ޝާންގެ އަތްޕުޅުގެ އިނލިތައް ހީވަނީ އޭނާގެ ބުރަކަށްޓަށް ހެރިދާނެހެންނެވެ. ތަދުވީ ވަރުންނާއެއްކޮށް އޭނައަށް ހަމަ ބާރަށް ރޮއިގަނެވިއްޖެއެވެ.

” ކަލޭ ތީ ބޮޑު މޮޔައެއްތަ؟” ޝާން ވިދާޅުވިއެވެ. ” ކަލޭ ތިޔަ ރޮނީ ކީއްވެކަން އަހަންނަށް އެބަ އެނގެޔޭ. އަހަރެން ނޫޅެން ލަރީސާއާ އިންނާކަށެއް. އަހަރެން އިންނަން މި އުޅެނީ ކަލެއާ. އެހެނަސް އެއީ ކަލޭ އެ ފުރުސަތު ދިނިއްޔާ. އަހަރެން ހީކުރީ ނޫހުގަ އޮތް ޚަބަރު ކިޔާފަ ކަލޭ ފުރައިގެން ދާނީއޭ. ކަލޭގެ ބައްޕަ އަވަހަށް މި ގެނައީވެސް އެހެންވެ. ކަލޭގެ ގެ ގަތީވެސް ކަލެއާ އިނދެގެން އެ ގޭގަ އުޅެން ދާން “.

އޭރު ޝާން ހުންނެވީ އާދިލާ އޭނާގެ މޭފުޅާއެއްކޮށް އާދިލާ ބޮނޑިކޮށް ލައްވައިގެންނެވެ. ” އަހަރެން އުޅުނީ ކޮންމެ ގޮތަކުންނަމަވެސް ކަލޭގެ ރުހުން ލިބޭތޯ. ކޮންމެ ގޮތަކުން ނަމަވެސް އަހަރެން ކަލޭ ހާސިލް ކުރަން ބޭނުން. އެހެން ގޮތެއް ނެތިއްޔާ ބަނދެގެން ފަޅުރަށަކަށް ގެންގޮސްގެން ނަމަވެސް”.

ޝާން މި ވިދާޅުވި އެއްޗަކުން އާދިލާގެ ގައިން ބާރުދޫވެ މުޅީން ސޮހިއްޖެއެވެ. އެވަގުތު އޭނާއަށް ހަމަ ރަނގަޅަށް ވެސް ޝާންގެ އަތްޕުޅުގެ ހިމާޔަތް ހޯދަން ޖެހުނެވެ. އޭނާ އަށް ޝާންގެ މޭފުޅުމަތީގައި ބޯ އަޅާލެވުނެވެ.

ޝާން އޭނާގެ ބުރަކަށިން ދެ އަތްޕުޅު ދޫކޮށްލައްވާފައި އާދިލާގެ މޫނު އުފުއްލަވާ ލެއްވިއެވެ. އޭރު ޝާންއަށް ފެނިވަޑައިގަތީ އާދިލާގެ ލޮލުން ފޭދޭ ކަރުނައިގެ ކޯރެއް އޭނާގެ ކޯތާފަތުން އޮހެމުން ދާ ތަނެވެ . ޝާން ގުދުވެ ވަޑައިގެން އެ ކަރުނައިގެ މުތީތައް އޭނާގެ ތުންފަތް ޕުޅުން ހޮއްވަވަމުން ގެންދެވިއެވެ. ޝަބްނަމްގެ ތެތްކަން އެކުވެފައިވާ ފިނިފެންމަލެއްގެ ކަރުގަނޑުގައި އިށީންނަ ކޮކާލެއްފަދައިން އެ މަލުގެ ފޮނިރަހަ ބައްލަވަމުން ގެންދެވިއެވެ. އެކަމަށްޓަކައި އެދެމީހުންގެވެސް ކެއްތެރިކަން ގެއްލިފައިވާ ފަދައަކުންނެވެ.

ދެހިތެއްގެ ދެމެދުގައިވާ ވާލޯބި ފާޅުކުރާކަށް ލަފްޒްތަކެއްގެ ބޭނުމެއް ނޯވެއެވެ.

އާދިލާއަށް ނޭވައެއްލެވުނީމާ މަޑުމަޑުން ބުންޏެވެ. ” އަޅުގަނޑަށް ރޮވުނީ ލަރީސާއާ ތިބޭފުޅާ ކާވެނި ކުރައްވަނީ ކަމަށް ހީކޮށް. އެއަކީ އަޅުގަނޑަށް ކެތްކުރެވޭނެ ކަމެއް ނޫން. އަޅުގަނޑު އުޅުނީ މާދަމާ ފުރައިގެން ދާން”

” ކަލެއަށް ފުރައިގެން ދެވޭވަރަށް ވުރެން ބޮޑަށް އަހަރެން މިވަނީ ކަލޭ ގައިދުކޮށްލާފަ. ކަލެއަކީ ކޮށްޓެއްގަ ބަންދު ކުރެވިފަ އިން ގުރައެއްކަން އަދިވެސް ނޭނގޭތަ. އެއީ އަހަރެން ކަލޭދެކެ ވާ ލޯބީގެ ކޮށީގަ”

” ލަރީސާވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް އަހަރެން ރަހުމަތްތެރި މާރކްއާ ކާވެނި ކުރަން އޮތީ ނިންމާފަ. މާރކް އެއީ ސްވިސް މީހެއް. އޭނާގެ އަންހެނުން އޭނައަށް ބޭވަފާތެރިވިކަން އެނގުނީމަ، އެ ދެމީހުން ވަކިވާން ނިންމީ. އެހެންނަމަވެސް ކާރު އެކްސިޑެންޓެއްގައި އޭނާގެ އަންހެނުން ނުކުޅެދޭ މީހަކަށް ވީ. ދެން އެކަން ހުއްޓާލީ. މިހާރު މާރކްގެ އަންހެނުން ނިޔާވެއްޖެ. އެހެންވެ އަނެއްކާވެސް އެދެމީހުން ކާވެނި ކުރަން ހަމަޖެއްސީ ”

“މާރކަށް އެވީ ކިހާ ދެރަގޮތެއް”

“ލަރީސާއަށްވެސް އެވީ ކިހާ ދެރަގޮތެއް. މާރކާ ދިމާވުމުގެ ކުރީގަ ލަރީސާއަކަށް ވެސް އޭނާ ހިތް އެދޭ ކަހަލަ މީހަކު ނުފެނުނު. އެކަމަކު މާރކްގެ ބަލިވެ އޮތް އަންހެނުންނަށް އެކަން އެނގިދާނެތީ ބޭނުމެއްނުވި އެވާހަކަ ނޫސްތަކަށް އަރާކަށް. އެހެންވެ އަހަންނާ ލަރީސާ އަޅުވާ ކިޔާގޮތަށް ހަމަޖެއްސީ. އެއަކީ އަހަންނަކަށްވެސް ކުރަން މާކަ ފަސޭހަކަމެއް ނޫން. އެކަމަކު މާރކް ކަހަލަ ރައްޓެއްސަކަށް އެވަރުގެ ކަމެއް ދިމާވީމަ އެހީތެރިވެ ދިނީ. .ބައެއްފަހު ރައްޓެހިންނަށް އެހީތެރިވާންވެސް ޖެހޭނެއެއްނު”

” އަދި އަޅުގަނޑާ ތިބޭފުޅާއާ ގުޅުވައިގެން ވާހަކަތަކެއް ދެކެވޭ ގޮތް ވުމަކީ އަޅުގަނޑަކަށްވެސް އެހާ ފަސޭހަކަމަކަށް ނުވި. އެކަމަކު ތިބޭފުޅާއަކަށް އެއަކީ އެއްވެސް ކަމަކަށް ނުވި.”

” އަހަރެންގެ ގައިގައި ހުންނަނީ ވަރަށް ބޯ ހަމެއްކަން މިހާރު އެނގިއްޖެ އެއްނު؟. ޝާން ހިނިފުޅުވެޑުވިއެވެ. ” ލަރީސާއާ މާރކް މިހާރު ވަރަށް ގިނައިން އެބަ ބައްދަލު ކުރޭ. އެކަމަކު މީން އެއްވެސް ނޫސްވެރިއަކަށް އެކަމެއް ހޯދައެއް ނުގަނެވޭ. ނިވާފަތަކަށް ހުންނަން ޖެހުނީ މަށަށް. ރައްޓެއްސަކަށް އެވަރުގެ ކަމެއް ކޮށް ދިނީމާ އޭގެ ބަދަލުގައި އެއަށްވުރެން ބޮޑު އުފަލެއް ލިބިދާނެކަން މިކަމުންވެސް އެނގިއްޖެއެއްނު”.

” ދެން އެ ދެމީހުންގެ ކަންތައް ވީ ކިހިނެއްތޯ؟”.

” މާރކްގެ އަންހެނުން އޮންނަން ޖެހުނީ ވަރަށްބޮޑު ވޭނެއްގަ. އެހެން އޮވެ އޭނާ ނިޔާވީ މީގެ 2 ހަފްތާގެ ކުރިން. ލަރީސާ ވިސްނަން ވަގުތު ބޭނުން ވެގެން އުޅުނީ އެކަމާ. މާރކް ބޭނުންވަނީ ކާވެނީގެ ފަހުން ލަރީސާ ފިލްމް ކުޅުމާ ލަވަ ކިޔުން ހުއްޓާލާފަ އޭނައާ އެކު ސްވިޒަރލެންޑަށް ދިރިއުޅުން ބަދަލު ކުރަން”.

މި ވާހަކަތައް ރިޕޯރޓަރުންނަށް އެނގުނު ނަމަ އަލީ އަފީފްމެން ކަހަލަ ރިޕޯރޓަރުން އެކަންތައް ދުނިޔެއަށްވުރެ ބޮޑުކޮށްލާކަށް ހިނދުކޮޅެއްވެސް ނުނަގާނެއެވެ.

ޝާން އަދިވެސް ބޮޑަށް އަދިވެސް ބޮޑަށް އާދިލާ އޭނާގެ ގައިކޮޅާ އެއްކޮށް ބޮޑިކޮށް ބާރު ކޮށްލެއްވިއެވެ. “ކަލޭ ދެން މިވީ ކަންތަކުގެ މަތީން ހަނދާން ނައްތާލާ . މިހުރިހާކަމެއް އޮޅުންފިލުވާ ދިނީމަ އަދިވެސް އަހަންނަށް މަޢާފެއް ނުކުރާނަންތަ؟ އަހަރެން ކުރީގަ މިވާހަކަ ނުބުނެ ހުރީ ލަރީސާ އެކާވެންޏާ ރުހޭބަސް ބުނަންދެން. ލަރީސާ ބަލާ މާރކް ދެން ލަހެއްނުވެ އަތުވެދާނެ. ކާވެނި ކުރެވޭނީ ސްވިޒަރލޭންޑްގަ. އެކަމަކު ހަނީމޫނަށް އަންނާނީ ރާއްޖެ އަށް. އަހަރެންވެސް އެ ކާވެނި ޕާރޓީއަށް ދާން ޖެހޭނެ. އެއީ އަހަރެންގެ އަންހެނުން ގަބޫލު ނަމަ. ދާނަންތަ؟ އަހަރެމެންގެ ހަނީމޫން ޕެރިހުގައި ހޭދަ ކޮށްފަ، އެމީހުންގެ ކާވެންޏަށް ސްވިޒަރލޭންޑަށް ދާނީ. އޭގެ ފަހުން ކަލޭގެ ގެ އަހަންނަށް ދައްކާދީ.”

“އެއަކީ މިހާރު އަޅުގަނޑުގެ ގެއެއް ނޫނެއް ނޫންތޯ ؟”

އާދިލާއަށް މިހުރިހާވާހަކަ އެއްފަހަރާ އަޑު އިވުމުން ހުރީ ނޭވާލާންވެސް ހަނދާންނެތިފައެވެ.

“އެއީ އަހަރެމެން ދެމީހުންގެ ގެ” ޝާން އާދިލާގެ އިސްތަށިގަނޑުތެރޭގައި މޫނުފުޅު ފޮރުވާ ލެއްވިއެވެ. ” އެކަމަކު ގޭގެ ވެރިޔަކީ އަދިވެސް ކަލޭ. އަދި ކަލޭވާނެ އަހަރެންގެ ރިޔާސީ ކެމްޕޭންގެ ސްޕީޗްވެސް ތައްޔާރުކޮށްދޭން”

“އެވެސް ވަގުތީ ސެކްރެޓަރީއެއްގެ ގޮތުންތޯ؟”

” އެއީ ދާއިމީ ވައިފްގެ ގޮތުން”.

އާދިލާގެ ކޯތާފަތް ޝާންގެ ކޮނޑުފުޅުމަތީ ބޭއްވިއެވެ. އޭރު އޭނާގެ ތުންފަތުގައި ފެތުރިފައިވަނީ އުފާވެރިކަން އިންތިހާއަށް ދިއުން ދައްކުވައިދޭފަދަ ހިނިތުންވުމެކެވެ. އޭނާގެ ލޮލުން އޮހޭ ކަރުނައިން ޝާންގެ ކޮނޑުފުޅު ދެމެމުން ދިޔައެވެ.

” އާދީ..! އަދިވެސް ކަލޭ ރޮނީތަ؟”

“އާދެ! އެކަމަކު ޝާން! މި ކަރުނަތައް އޮހުނަ ދެއްވާ! މި އޮހެނީ ލޯބީގެ ކަރުނަ ތިކި”.99

-ނިމުނީ-