English Edition
Dhivehi Edition

” އެކަމަކި ބައްޕާ ރަށިހިށި ގެއް ކެހެނަކަށް ހަދަނީ؟ ކެއްޔައް އެގޭ ބަލާނެއިޔަސް؟ އޭ ބައްޕާ ކެހެއި ލޯބިވޭ ގެޔަށް.”

” އެގޭ ދެކެ ބައްޕާށްޓެއި ބޮނޑަށް ލޯބި ވެނީ ދިޔެ ނުނީ! ދިޔެގެ މަންމާ މަރަވީފަހުން ބައްޕާ އެގޭ މަތިން ފޫހިވެގެ. ދިޔެ ނެއް އެއްތެންނާ އެގޭ ދޫކޮށްލާއި އެބެގޭތާން ކިތަންމެ ދުވަހަށް.
ބައްޕާ ބޭނުންފެހޭ ހިންނަށް ބޭނުން ދުވަހަކަށް ހިންނަށް ތާން ދޭށުމާއު ކަމަނާ ބެނީ. ބައްޕާ ހިންނަކަށް މާބޮނޑޮ ތާން ބޭނުމަށް ނުން. 6 ކޮޓަރީ ގެ ގެޔަށް ބައްޕާ ހިންނަކަށް ބޭނުން ނިވޭހެއް ނުނީ؟”
ނާފިޒް ބަލާލިއިރުވި އާދިލާ ކަންބޮޑުވެފައި އިންވަރު ފެނިގެން ބުންޏެވެ. ” ދިޔެ އެގޭ ހިންނަށް ބޭނުންފެހޭ އެގޭ ހިންނަނެއި ދިޔެއް. ނުންފެހޭ ވިއްކަލާއްވީ. ބައްޕާކަށް މިކޯ އެހެއި މުހިންމައްނުން.”

އެއީ ހިތްގައިމު އެކަނިވެރި ގެއެކެވެ. އެގެއަށް އޭނާ އެނބުރި ދާންވީއެވެ. މުޅި ދުނިޔެއާ ވަކިން އެކަނި އުޅެލުމަށެވެ. އަމިއްލަ ރަށުގެ ހިތްފަސޭހަކަމުގެ ތެރޭގައި މުޅި އުމުރު ވޭތި ކޮށްލާނީއެވެ. އެކަމަކު ބައްޕަ އެގޭގައި ނޫޅުއްވާނަމަ އެގެ ވިއްކާލައިގެން ލިބޭ ފައިސާކޮޅު ބައްޕައަށް ބޭނުން ވާނެއެވެ. ބައްޔެއްވިޔަސް އެހެން މީހެއްގެ އެހީ ހޯދާކަށް ބައްޕަ ބޭނުމެއް ނުވާނެއެވެ. އޭނާއަށް ކޮންމެ ތަނަކުންވެސް ވަޒީފާއެއް ހޯދައިގެން އުޅެވިދާނެއެވެ. އާދިލާ ވިސްނަމުން ދިޔައެވެ.

‫. ” ބައްޕާ އެގޭ ދޫކޮށްލާށިޔައި ދުވަހަކިޔަސް ދިޔެ ހިތަށް ނިއަރައި. ބައްޕާ ބޭނުންގޮތަށް ހަދަ އެނިމެނެއި. ގަންނަށް މީހަކާ ހިށިފެހޭ ވިއްކަލަ. ދިޔެ މާލޭއް ވަޒީފާކަށް އެބޭށުން. ނުންފެހޭ ތެނަދޫއަށަސް އެބޭށުން. މިދަތެރެ ޝާން ދިންމުސާރައިން ވަޒީފާއް ނެތަސް ވަރަށް ގިނަ ދުވެހި ވޭނޑުވިޔޭހެއް. ތެނަދޫނަސް މިކޯ ވަޒީފާށް ލިބިޔޭހެއް.”

” ތެހެން ދިޔެ ބެނިމެއި މިކޯ ބައްޕާ ބޮލަށް ވަރަށް ލޫވެގެ. ބައްޕާ މިހިންނެއި ދިޔެއެކެހެ މިވާހަކަ ދައްކާނެ ގޮތަށް ނިއެނގިފެއި.”
ނާފިޒް އުފާވެފައިވާ ވަރު މޫނުމަތިން ފެންނަން ހުއްޓެވެ.

އާދިލާ އޭނާގެ ހިތުގެ ނުތަނަވަސްކަން ފޮރުވުމަށްޓަކައި ހިނިތުންވެލިއެވެ. ދެން އޭނާގެ ބައްޕަގެ އަތުގައި ހިފާފައި ގޮނޑިން ތެދުކޮށްލިއެވެ. ” މިގޭ ބައްޕާށް ދައްކާއްކެން ޝާން ތެބެބެނި ނުނީ؟”

އެރޭގެ ކެއުމުގައި ބައިވެރިވާން ޖެހޭތީ އާދިލާ ހުރީ ވަރަށް ހިތް ނުތަވަސްވެފައެވެ. އޭނާ ހުރީ އެންމެ ފަހު ވަގުތާ ހަމަޔަށްވެސް ތައްޔާރު ނުވެއެވެ. ގަޑި ޖެހެން ކާރިވިތަނާ އޭނާ އަވަސް ކޮށްލައިގެން ގޮތަކަށް ތައްޔާރުވެގެން ކާކޮޓަރިއަށް ހިނގައްޖެއެވެ. އޭރު ކާކޮޓަރި އޮތީ ވަރަށް ގަދަޔަށް ދިއްލައި އުޖާލާ ކޮށްފައެވެ. އެތަނުގައި ތަފާތު ބާވަތުގެ ކެއުން ތައްޔާރު ކުރެވިފައިވެއެވެ. މޭޒުމަތީގައި ހުރި ކްރިސަލް ތަށިތަކަށް ޝެންޑްލިއަރގެ އަލި އެޅިފައިވާއިރު ދިއްލާފައިވާ އުއްބައްތިތަކުން ރިހި އުލާ ސަމުސާތަކަށް ރަންކުލަ އަރާފައި ވެއެވެ.

މޭޒުގެ ކޮޅުގައި ކަމަނަ އިންނެވި އިރު ހީވަނީ ރާނީއެއް އިންނަވާހެންނެވެ. ކަމަނަ ތުރުކުރައްވައިގެން އިންނެވީ ގަދަ ނޫކުލައިގެ ހެދުން ކޮޅެކެވެ. ކަރުފުޅުގައި އޮތް ރަންމުތުގެ ހާރު ވިދާބަބުޅައެވެ. އޭރު އާދިލާގެ ބައްޕަވެސް ކަމަނައާ ޖެހިގެން ހުރި ގޮޑީގައި މޭޒުގެ އެއްފަރާތުގައި އިންނެވިއެވެ. ބައްޕަ ދެންނެވި ކޮންމެވެސް އެއްޗަކަށް ކަމަނަ ހިނިފުޅުވަޑުވާލެއްވިއެވެ. ފެންނަ ފެނުމަށް ކަމަނަ ލަރީސާއަށް ވުރެންވެސް މާ ޗާލެވެ.

ލަރީސާ ލައިގެން އިނީ ރިހިން ޖަރީކޮށްފައިވާ ކަޅު ހެދުމެކެވެ. އޭނާގެ އިނގިލި ތަކުންނާއި ކަންފަތުން ރަންރިހީގެ އަނގޮޓިތަކާއި މުދިތައް ވިދާ ބަބުޅައެވެ. އޭނާގެ ދިގު ފަން އިސްތަށިގަނޑު ނަގިއްޔެއްގެ ވަލެއްހެން އޮޅާފައި ބޯ މަތީގައި ބާއްވާފައި އޮތެވެ. އެހެންކަމުން އޭނާގެ އިސްކޮޅުން ދިގު ކަމަށް ދައްކައެވެ. އޭނާގެ ޒީނަތްތެރިކަމާ އަޅާ ބަލާލާއިރު އާދިލާ ހީވަނީ ފަނޑު ހިޔަންޏެއް ހެންނެވެ.

އޭނާގެ އަތްކުރު ފެހިކުލައިގެ އާދައިގެ ހެދުމުގައި އަޅައިގަންނާނެ އެއްވެސް ޒީނަތްތެރި ކަމެއް ނެތެވެ. ކަރުގައި އޮތީ އާދައިގެ މުތުގެ ހާރެކެވެ. އޭނާ ދޮރުމައްޗަށް އައިސް ހުއްޓުނު އިރު އެތަނަކީ އޭނައާ އެކަށީގެންވާ ތަނެއްހެން ހީނުވާތީ ވަންނަން ނުކެރިފައި ހުއްޓެވެ. އެވަގުތު އޭނާގެ ފުރަގަހުން ޝާން ވަޑައިގެން ހުއްޓިވަޑައިގަތެވެ.

” މަންމަ އަޅެ ރީއްޗެއް ނޫންތަ؟. މިރޭ ބައްޕަ ހުންނެވި ނަމައޭ ހިތަށް އަރާ”. ޝާން އާދިލާގެ ކަންފަތް ދޮށުގައި ވިދާޅުވިއެވެ. ” މަންމަ މީގެ އިރުކޮޅެއް ކުރިން އަހަރެންގެ ކޮޓަރިއަށް އައިމާ ހިތަށްއެރީ ޔަގީނޭ އެ އައީ މިއަދު ދަތުރު ދިޔަ ކަންތަކާ ލެކްޗަރ ދޭށޭ. އެކަމަކު މަންމަ ބުނީ ކަލޭގެ ބައްޕައަށް މަންމަގެ މުސްކުޅި ގޯތީގައި ހުރި ގެ ދޭންވެގެންނޭ. އެއީ ސަޒިންވެސް އުޅޭ ހިތްވާ ގެއެއް. އެހެންވެ ސަޒިންއަށް ގިނައިރު ކަލޭގެ ބައްޕަ ގާތު އުޅެވޭނެ. ދެން ވިދާޅުވީ މާލޭގަ މި އަންނަ ހަފްތާގަ ބާއްވަން އުޅޭ އިންޑިއާގެ ޝޯ އެއް ކަލޭގެ ބައްޕައަށް ދައްކަން ގެންދާވާހަކަ. އަހަރެން ކިތަންމެ ފަހަރަކު މަންމަ ޝޯއަކަށް ގެންދަން އުޅެފިން. އެކަމަކު ހަމަ އެއްގޮތަކަށްވެސް އެކަން ވާ ގޮތެއް ނުވި”.

” ބައްޕައަށް މަންމަ އެގެ ދެއްވާތީ ތި ބޭފުޅާ އިންކާރެއް ނުކުރައްވަންތޯ ؟”

” އިންކާރު ކުރަންވީ ކީއްވެ ؟ އެއީ އަހަންނަށްވެސް ލިބޭ އުފަލެއް. ކަލޭގެ ބައްޕަ އައިފަހުން މަންމައަށް އާދިރުމެއް ލިބިއްޖެ . އާދިލާ! ކަލޭގެ ރަށުގައި ހުރި ގެ ކަލޭގެ ބައްޕަ ވިއްކާލައިފިއްޔާ ކަލޭ ހަދާނީ ކިހިނެއް؟

މިހެން ވިދާޅުވެފައި ޝާން އޭނާގެ މޫނަށް ބައްލަވާލެއްވި ގޮތުން އޭނާގެ ހިތުގެ އެންމެ ފުނުގައިވާ ސިއްރުތައް ޝާންއަށް ހާމަވެދާތީ އާދިލާ ކަންބޮޑުވިއެވެ.

” އޭރުން އަޅުގަނޑުގެ ދިރިއުޅުން ތިނަދުއަށް ބަދަލުކޮށްލާނީ . ދެން އެރަށުން ވަޒީފާއެއް ހޯދާނީ”. ޝާންއަށް އޭނާގެ ހިތުގެ ނުތަވަސްކަން ނުދައްކާ ވޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ” އެހެން ބައްޕަގާތު ވެސް މިއަދު ބުނިން”.

” އޭގެ މާނައަކީ ކަލޭ ބޭނުންވަނީ މިނިވަން ދިރިއުޅުމެއް ދޯ؟”

އާދިލާގެ އެސްފިޔަ އަވަސް އަވަހަށް ތަޅުވާލިއެވެ. ” ތި ވިދާޅުވި އެއްޗެއްގެ މާނައެއް ނުވިސްނުނު”.

ޝާންގެ އަވިން އަނދާފައިވާ މޫނުފުޅު ފެންނަނީ ވަރަށްވެސް ފިރިހެންވަންތަ ހަރުދަނާ ގޮތެއްގައެވެ. ހުދު ގަމީސްކޮޅެއް ތުރުކުރައްވައިގެން ހުންނެވީތީ މިކަން މާބޮޑަށް ފާޅުވެއެވެ. ލަރީސާ އަކީވެސް ރީތި އެހާ ކާމިޔާބު އަންހެނެކެވެ. އެ ދެމީހުންނަކީ ވަރަށް ފުރިހަމަޔަށް ގުޅޭ ޖޯޑެކެވެ.

މިއީ އާދިލާ މިގެއަށް އައިފަހުން އޭނާއަކީ ބީރައްޓެއްސެއްކަމަށް ހީކުރެވުނު ފުރަތަމަ ފަހަރެވެ. މީގެ ކުރީގައި އެ ގޮތަށް އޭނައަށް އިހްސާސް ވެފައެއް ނުވެއެވެ. އޭނާއަށް މިކަން އެހާ ބޮޑަށް ފާހަގަ ކުރެވުނީ މިގޭގައި އޭނާ އުޅޭ ހިއްވާލެއް ބޮޑު ކަމުން ކަމަށް ވެދާނެއެވެ. އެހެންނަމަވެސް އެއީ އެކަށީގެންވާ ކަމެއް ނޫންކަން އޭނައަށް ވެސް އެނގެއެވެ.

“ކަލެއަކީ ކޮށްޓެއްގަ އިންނަ ދޫންޏެއް”. ޝާން ވިދާޅުވިއެވެ. ” އެކަމަކު އެއީ ކަލޭ އަމިއްލައަށް އުފެއްދި ކޮށްޓެއް. ސިރާޖް ކަލޭ ދޫކޮށްލީމަ ދެން ކަލޭ އެ ކޮށްޓަށް ވަދެ ފިލީ. އެތަނުން ނުކުންނާކަށް ކަލޭ ބޭނުމެއް ނުވޭ. މީހަކު އެ ކޮށީގެ ދޮރު ހުޅުވަން އުޅުނަސް ކަލޭ އަވަހަށް އެ ދޮރު ލައްޕާލަނީ . އެކަމަކު މިހާރު ކަލޭ އަމިއްލައަށް އެކޮށިން ނުކުމެ އުދުއްސައިގަންނަން ޚިޔާލު ކުރީތީ އަހަރެން ވަރަށް އުފާވެއްޖެ”.

އޭނާއަކީ ކޮށްޓެއްގައި އިން ދޫންޏެއް ނޫނެވެ. މިއީ ޝާންއަށް ހީފުޅުވާ ގޮތެކެވެ. ކަންކަމާ ކުރިމަތިލާން ނުކެރޭ ހިތްބަލި މީހަކަށް، ހިތުން ރުހުމުން މީހަކުދޭ ހަދިޔާއެއް އަތުލާކަށް ވެސް ނުކެރޭނެއެވެ. މިއީ ޝާން އެއްފަހަރަކު ވިދާޅުވި ބަސްފުޅެކެވެ.

ޝާން އާދިލާގޮވައިގެން ވަޑައިގެން އޭނާގެ ގޮނޑި ދެއްކެވިއެވެ. ޝާން އިންނެވީ ލަރީސާއާ ޖެހިގެން ހުރި ގޮނޑިކޮޅުގައެވެ. ލަރީސާގެ ތަށްޓައް ޝާން ބަތް އަޅުއްވައި ދެއްވުމުން ތަށި އަތުލިއިރު ޝާންގެ އަތްޕުޅާއެކު ލަރީސާ އެތަށީގައި ހިފިތަން އާދިލާ އިނީ ބަލާށެވެ. އަދި އެއާއެކު ސިއްރު ބެއްލެވުމެއްވެސް ދެމީހުން ބަދަލުކޮށްލެއްވިއެވެ. މިއީ އާދިލާއަށް ބަލަން ކުޅަދާނަ ކަމަކަށް ނުވިއެވެ.

ޅަހުއްތުއާއި ޒޫނާ އަދި އެހެން އަންހެންކުއްޖަކު މޭޒަށް ކާނާއާއި ޖޫސް ގެނެސް ދެމުން ގެންދެއެވެ. އޭގެ ތެރޭން ފާހަގަ ކުރެވޭ އެކައްޗަކީ އިނގުރު ދިޔައިގައި ރޯސްކޮށްފައި ހުރި ކުކުޅެވެ. އެއީ ވަރަށް ރަހަމީރު ކާހިތްވާ ކެއުމެކެވެ. ދެން ގިނައިން ހުރީ ދިވެހި ކެއުމެވެ. އޭގެ ތެރޭގައި ހުރި ޓޯމާޓޯއާއި ބައެއް ތަރުކާރީ ފަދަތަކެއްޗަކީ މިއަދު އެމީހުން ދިޔަ ފަޅުރަށުން ގެނަސްފައިވާ އެއްޗެހި ކަމަށް ޝާން ވިދާޅުވިއެވެ.

މިއީ ވަރަށް ފުރިހަމަޔަށް ތައްޔާރު ކުރެވިފައިވާ ޖާފަތެކެވެ. އެހެންކަމުން މިއީ ވަރަށް ޚާއްސަ ކަމެއް ފާހަގަ ކުރެވޭ ހަފުލާއެއްކަން އެނގުނެވެ.

” މިރޭ ކެއުން ހާދަ މީރޭ” އާދިލާގެ ބައްޕަ ބުންޏެވެ. ” މި ކެއްކި މީހަކަށް ސާބަސް ދޭވަރުވޭ”

” މުޅި އާއިލާއަށް އެއްފަހަރާ ކައްކާލަން ލިބުނީތީ ކެއްކި މީހާ ހުރީ ވަރަށް އުފާވެފަ ” ކަމަނަ ހިނިފުޅުވެޑުވިއެވެ. ” މިއަދު މީ އެތައް އަހަރެއް ކޮށްފަ އަހަރެން ބަދިގެއަށް ވަތްން ދުވަސް. ކުކުޅު މީރުތަ؟ މި އަދު ކެއްކީ އަހަރެން”.

” އާދިލާ!” ލަރީސާ އޭނަގާތު އެއްޗެއް ބުނަން އުޅޭކަން އާދިލާއަށް ވިސްނޭތާ ކިތަންމެ އިރެކެވެ. ” ކަލޭ ކޮށްދިން ކަންތަކަށް އަހަރެން ޖެހޭނެ ޝުކުރު އަދާ ކުރަން. ކަލެއާ ޝާން އެ ގޮތަށް ކަންތައް ނުކުރި ނަމަ އަހަންނަށް މިކަމާމެދު ވަކިގޮތެއް ކަނޑައަޅަން ވަރަށް އުނދަގޫވީސް. މިހާރު ކާވެނި ކުރާގޮތަށް އަހަރެން މުޅީން ނިންމައިފިން.”

އާދިލާ އިސްދަށަށް ޖަހާލިއެވެ. އޭނާ އަކަށް އެއްޗެއް ނުބުނެވުނެވެ. އޭނާގެ އަރުތެރެ ބެދިއްޖެއެވެ. ލޮލުގެ ތިރީ ކާރިފަށް ތެމެންފަށައިފިއެވެ.

” ކަލޭ ގޮވައިގެން މިއަދު ދަތުރަކު ދިޔަ ވާހަކަ ޝާން ވިދާޅުވި. އެކަހަލަ ޝަރަފެއް އަހަންނަށް ދުވަހަކުވެސް ލިބިފައެއް ނެތް”.

” ކަލޭ ގޮވައިގެން އެކަހަލަ ރަށަކަށް ދެވޭނެތަ؟” ޝާން ވިދާޅުވިއެވެ. އެރަށު ވަލުތެރޭ ހުންނަ ކަށިގަހެއްގެ ފަތެއް ކަލޭގައިގައި ޖެހި ތި ނާޒްކް ހަމުގަ ކޫރުމެއް އެޅުނަސް އަހަރެންގެ ކަންތައް ހަލާކުވީއެއްނު؟” ޝާން ހިނިފުޅު ވެޑުވިއެވެ.

އުއްބައްތީގެ އަލި އެޅިފައިވާ އާދިލާގެ މޫނަށް އެވަގުތު ޝާން ބައްލަވާލެއްވިއެވެ. އެ ރަށަށް ދިއުމުގެ ޝަރަފު އޭނައަށް ލިބުނު ސަބަބު އާދިލާއަށް މި ވިސްނުނީ މިހާރުތާއެވެ. ޝާން ބެއްލެވީމާ ވީ އުނދަގުލުން އޭނާގެ ބައްޕައާ ދިމާއަށް މޫނު އަނބުރާލިއެވެ.

“މަންމަ ނިންމެވީ ރަނގަޅަށް ވިސްނާ ވަޑައިގެން ނިންމެވި ނިންމެވުމެއްތޯ؟ ނޫނީ އަޅުގަނޑުމެނަށް މާ އަވަސް އަރުވާލެވެނީ ތޯ ؟”

އާދިލާގެ ބައްޕަ ކަމަނަގެ މޫނުފުޅަށް ބައްލަވާ ލެއްވިއެވެ. ކަމަނަގެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމުންކަން ދޭހަވާފަދަ ހަރަކާތެއް އިސްތަށިފުޅަށް ގެންނެވިއެވެ.

” އެއީ އަހަރެން ހަމަ އުފަލުން ނިންމި ނިންމުމެއް. މާދަމާ އަހަރެމެންގެ ވަކީލުން އެކަމުގެ ލިޔެކިއުން ނިންމާނެ “. ޝާން ވިދާޅުވިއެވެ.

” އަޅުގަނޑު ހީކުރީ އެ ކަންތައް މިހާރު އެހެންގޮތަކަށް ނިންމަވަން އުޅުއްވަނީ ކަމަށް”. އާދިލާގެ ބައްޕަ ދެންނެވިއެވެ.

” އަހަރެން ވަކިގޮތަކަށް ކަމެއް ނިންމައިފިއްޔާ އެ ނިންމުމެއް އެހާފަސޭހައިން ބަދަލެއް ނުކުރާން.”

މިއީ ކޮން ނިންމުމެއް ކަން އާދިލާއަށް ނުވިސްނިގެން މިހާއިރުވަންދެން ލައްޕާފައިވާ އަނގަ ހުޅުވާލިއެވެ.

“ބައްޕާ! ތިބުނަނީ ކޮން ނިންމުމެއްގެ ވާހަކަ”

“އެއީ އަހަރެންގެ ގެ ޝާންއަށް ވިއްކާލަން ނިންމި ވާހަކަ. މިކަންތައް ތަންކޮޅެއް އަވަސް ކޮށްލަން ޖެހުނީ. މިއަދު ކަލެއާ އެވާހަކަ ދެއްކިއިރު ޝާން އެގެ ބައްލަވައިގަންނަވަން ބޭނުންފުޅުކަމެއް އަހަންނަކަށް އެނގިފައެއް ނެތް”.

“ޝާން!” އާދިލާ ޝާން އާ ދިމާއަށް ލޯ އަޅާލިއެވެ. އޭނާގެ ގެ އޭނައަށް އެނގިވެސް ނުލާ ޝާން ބައްލަވައިގަންނަވަން ނިންމެވީތީ އޭނާ ވަރަށް ރުޅި އަތުވެއްޖެއެވެ.

” ކަލޭ ބުނީމެއްނު އެއީ ވަރަށް ހިތްގައިމު ގެއެކޭ. އާ ކާވެންޏެއްކޮގެން ދިރިއުޅެން ދާން އެކަހަލަ މުސްކުޅިގެއެއް އަހަންނަށް މާ ކަމުދޭ”.

އާދިލާ ބޯންއިން ކޮފީ ފޮދު އަރުތެރޭގައި ތާށިވިއެވެ. މިއީ ކެއްކުރެވޭ ވަރުގެ އަނިޔާއެއް ނޫނެވެ.

“އާދިލާ! ކަލޭގެ ނުރުހުމެއް މިކަމަކު ނެތެއްނު؟” އާދިލާގެ ބައްޕަ ބުންޏެވެ. ” މިއަދު ހަވީރު އެވާހަކަ ދެއްކި އިރަކުވެސް…….. ”

” މަށަށް ހެޔޮ. މަސްއަލައަކީ ތަންކޮޅެއް އަވަހަށް ކަންތައް ނިމެމުން ދާތީ “. އާދިލާ ރުޅިއައިސްފައިވާވަރު އޭނާގެ އަޑުން ފާޅުވެގެން ދިޔައެވެ.

” އަހަރެން ވެސް މިއިނީ ތިޔަ ކަމާ ހައިރާންވެފަ “. ކަމަނަ ވިދާޅުވިއެވެ. ” އަހަރެންގެ މި ދަރިފުޅަކީ ބޭނުން ކަމެއް ކޮށްނުލާ ނޭވައެއްވެސް ނުލާނެ މީހެއްކަން ކަލެއަށް އަދިވެސް ނުވިސްނޭތަ .” ކަމަނަ މިހެން ވިދާޅުވީ ލުއި ހިނިތުންވުމަކާ އެކުގައެވެ.

-ނުނިމޭ-