English Edition
Dhivehi Edition

ބަގީޗާ ވަރަށްވެސް ރީއްޗެވެ. ފެންޑާއިން ފެށިގެން ދޮރާ ހަމަޔަށް ތަފާތު މާމެލާ މެލީގެ ގަސްތައް ހައްދާފައިވެއެވެ. ވަކިން ޚާއްސަކޮށް ފިނިފެން މަލާއި ގުލޭ ނޫރަން މަލާއި ގުލްހަޒާރު މަލާއި ޗަމްޕާ މަލާއި އޯކިޑްގެ ކުލަކުލައިގެ މާ އަޅާ ގަސްތައް އާދިލާއަށް ފެނުނެވެ. އަދި ފިނިފެންމަލާއި ނޫރާނީ މާވެސް އެތާ ހުއްޓެވެ. އެއީ އާދިލާއަށް ނޫރާނީ މަލެއް ފެނުނު ފުރަތަމަ ފަހަރުވެސް މެއެވެ. އެ މާތަކުގެ މީރުވަސް މުޅި ފެންޑާއަށް ފެތުރިފައިވެއެވެ.

ޝާން މިހާރު ހޭފުޅުލައްވާފާނެޔޭ އޭނާގެ ހިތަށް އެރިއެވެ. މިހެން ހިތަށް އެރުމާއެކު ޝާންގެ ގާތަށް އަވަސް ފިޔަވަޅެއްގައި އޭނާ ދިޔައެވެ.

އާދިލާ ދިޔައިރު ޝާން އިންނެވީ ފެންޑާގައި ހުރި ފަސޭހަ ގޮޑިކޮޅެއްގައި އިށީނދެވަޑައިގެންނެވެ. ކުރިފުޅުމަތީގައި ހުރި މޭޒުކޮޅު މަތީގައި ބައިވަރު ކަރުދާސްތައް ހުއްޓެވެ. އަދި ލެޕްޓޮޕެއްވެސް ހުޅުވާފައި ހުއްޓެވެ.

” މިއީ ކޮންކަމެއްތޯ ؟” ޝާން ބޭރަށް ނުކުންނަވާ އިންނެވި ތަން ފެނިގެން ހައިރާންކަމާ އެކު އާދިލާ ސުވާލު ކުރިއެވެ.

” އާދިލާ، ކަލޭވެސް ކޮންމެހެން މަށަށް ތަގްރީރު ދޭން ނަހަދާ. މަށަކީ ކުޑަ ކުއްޖެއް ނޫން. ކަލޭވެސް މިތާ އިށީނދެ މި މަސައްކަތުގައި އެހީތެރި ވީމާ އެނިމުނީ”.

ޝާންއާ އަރާރުން ވުމަކީ ބޭކާރުކަމެއް ކަން އާދިލާއަށް އެނގެއެވެ.

“ޑޮކްޓަރ އަންގަވާފައިވަނީ އަރާމު ކުރައްވަން ނޫންތޯ؟”

“މާދަމާ އަހަރެން ކަލޭމެންގެ ބަސް އަހާފާނަން. މިއަދު އަހަރެން ބޭނުން މި މަސައްކަތް ނިންމާލަން. މީހުނަށް ކުރެވިފަ ހުންނަ ވައުދު ފުއްދަން ޖެހޭނެ. މިއެއްޗެހި ގެންގޮސް ކޮޓަރީގަ ހުރި ކޮމްޕިއުޓަރުން މެއިލް ކޮށް ނިންމާލަދީ. މަންމަ އާމެދު ކަލޭ ބުނަނީ ކީކޭތަ؟”

ޝާން އެ ކުރެއްވީ އޭނާ ތައްޔާރުވެގެން ހުރި ސުވާލެއްވެސް ނޫނެވެ.

” އަޅުގަނޑަށް ފެނުނީ ތި ދެމައިންވެސް ވަރަށް އެއްގޮތް ކަމަކަށް . އެކަކުވެސް ގޮތެއް ދުލެއް ނުކުރައްވާނެ .”

ޝާން ޖަވާބެއް ނުދެއްވާ ހިނިފުޅު ވަޑުވާލެއްވީއެވެ.

މެންދުރު ފަހުންވެސް އާދިލާ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އޭރު ފެންޑާގައި ހުރި އަވި ކުޑައެއްގެ ދަށުގައި، ފަސޭހަ ގޮނޑިކޮޅެއްގައި ޝާން އަވަހާރަފުޅު ލެއްޕެވިފައި އޮންނެވިއެވެ.

އާދިލާ ކޮޓަރިއަށް ދިޔައީ ހަވީރުވާން ކާރިވެފައި ހުއްޓައެވެ. އޭރު ޒޫނާ އޭނާގެ ނޫ ހެދުން އިސްތިރިކޮށްފައި އެނދުމަތީގައި ބާއްވާފައި އޮތެވެ. އެހެންކަމުން މިރޭގެ ކެއުމުގެ ހަފްލާ ޚާއްސަ ކަން އާދިލާއަށް ފާހަގަ ކުރެވުނެވެ

ކާމޭޒުދޮށުގައި އާދިލާ އިންނަން ޖެހުނީ ކަމަނަގެ ކުރިފުޅުމަތީގައި މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައެވެ. ކަމަނަ ތުރުކުރައްވައިގެން އިންނެވީ މުސްކުޅި ދިވެހި ހެދުންކޮޅެކެވެ. އެއީ އަދާރަސަން ފޮތިން ތައްޔާރު ކޮށްފައިވާ ވަރަށް އަގުބޮޑު ހެދުންކޮޅެކެވެ. ކަރުފުޅުގައި އޮތް ރަން ފަށުގެ ފުލުން ވިދާބަބުޅަނީ ބޮޑު އަލިމަހެކެވެ. ދިވެހި ލިބާހުގެ ފެޝަނަކީ އުވިގެން ނުދާނެ އެއްޗެއްކަން އާދިލާއަށް ވިސްނެއެވެ. މިރޭ ކަމަނަ ފެންނަނީ އުމުރުފުޅުން ހޭދަވީ 50 އަހަރު ދެބައިކުޅަ އެއްބަޔަށް ފަހަތަށް ޖެހިފައި ވަނިކޮށެވެ.

ކެއުން ވަރަށް މީރެވެ. ވަކިން ޚާއްސަކޮށް ކޮޕީފަތް ލައިގެން ތައްޔާރު ކޮށްފައިވާ މަސް ފަތަފޮޅިއެއްވެސް ހީވަނީ އަނގަޔަށް ވިރޭހެންނެވެ. ރަހަވެސް އެހާ މީރެވެ. ތަށިތަކުން ޖޫސް ހުސްވަމުން ދިޔަ ވަރަކަށް ޚާދިމާ އަކު ޖޫސް އަޅާ ދެމުން ގެންދެއެވެ.

ފަތިހާ ހޭލެވުނީތީ އާދިލާ ގަސްތުކުރީ މޫދަށް އެރިލުމަށެވެ. ގެޔާ ދިމާ މޫދާވީ ފަރާތަށް ގޮސްބަލާލިއިރު އެ ގޮނޑުދޮށާއި ވަށައިގެންވާ މަގޫގަސްތަކަކަކީ މިގެއަށް ޚާއްސަވެފައިވާ ސަރަހައްދެއްކަން އޭނައަށް އެނގުނެވެ. އެއީ ވަރަށް އެކަނިވެރި މިނިވަން ތަނެކެވެ. އާދިލާ މޫދަށް ފޭބުމާއެކު އެހިސާބު ގަސްތަކުގައި ތިބި ދޫނިތައް ލަވަކިޔަމުން އުދުއްސައިގަތެވެ. އާދިލާ ފޭބުމުން އެނގުނީ އެ މޫދަކީ އަސްލު ގޮނޑުދޮށަކާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ ސްވިމިންގ ޕޫލެއް ކަމެވެ. އަޑީގައި ވަނީ ދޮންވެއްޔެވެ. ވަށައިގެން ވަނީ ރީތި ކުލަކުލައިގެ މުރަކަތައް އަތުރާލެވިފައެވެ. ކޮންމެވެސް ވަރަކަށް ކުދިކުދި މަސްތައް އުޅެއެވެ. އެކަމަކު އަޑީގައި ފަޔަށް ހެރޭނެ ގާކޮޅެއްވެސް ނެތެވެ. މިއީ އޭނައަށް ޚާއްސަކުރެވިފައިވާ ޕޫލެކޭ އެވަގުތު ހިތަށް އެރިއެވެ. އޭނާ ޕޫލްގެ ފުނަށް ފީނަމުން ދިޔައެވެ.

އިރުގެ ފުރަތަމަ ދޯދި ޝާންމަހަލްގެ ބޭރުގައިވާ ސަންގުމަރުމަރު ހިލަތަކަށް އެޅުމުން އެތަން ސިފަވެގެން ދަނީ ކުޑަ ކުޑަ ތާޖް މަހަލް އަކާއެވެ. ނަންވެސް ގުޅެއެވެ. އޭނާ ޕޫލުން އަރައިގެން އައިސް ހެނދުނުގެ އަވިން ރަންކުލަ ޖެހިފައިވާ ދޮންވެލިގަނޑުގެ މަތީގައި ބަންޑުން އޮށޯވެ އޮތީ އެ ތޫނު ދޯދިތަކުގެ ހޫނު އިނގިލިތަކުން އޭނާގެ ބޮޑު ބައި ހާމަޔަށް އޮތް ބުރަކަށީގައި ފިރުމަން ހުއްދަ ދީގެންނެވެ.

ހެނދުނުގެ ހަލަބޮލިކަން އިތުރުވާން ފެށުމުން އާދިލާ އެނބުރި ގެއަށް އަތުވެއްޖެއެވެ.

“އާދިލާ، މިރަށު މޫދު ކިހިނެއް؟” ޝާންގެ ބެންޑޭޖްތަކެއް މިހާރަކު ނެތެވެ. އެކަމަކު ހިންގަވަނީ ކޮރު ޖައްސަވަމުންނެވެ.

“ހެނދުނު އަހަރެން ކޮޓަރީގެ ދުރުމީން ބަލާލިއިރު ގޮނޑު ދޮށަށް ވީނަސްތަރިއެއް ވެއްޓިފަ އޮއްވާ ފެނުނު. މިއަދު ހިތްހަމަ ޖެހިގެން ފަތާލެވުނުތަ ؟ ”

އާދިލާއަށް ޝާން އެ ވިދާޅުވި އެއްޗެއްގެ މާނަ އެނގުނީ މާ ފަހުންނެވެ”. އެހެންވެ ކުޑަކޮށް ރަކިވިއެވެ. “ތީގެ ޖަވާބުގަ ދަންނަވަން ޖެހެނީ އަޅުގަނޑު އެންމެފަހުން މޫދަށް އެރުނު ފަހަރަށްވުރެ މިފަހަރު މާ ހިތްގައިމޭ”.

” އިއްޔެއަކު މަޖަލެއް ނުވާނެތާ، ކަލޭ އުޅެން ޖެހުނީ އަހަރެން ކަފުޖަހައިގެން ވިއްޔަ. އަހަރެން މި ދަނީ ފަޅުރަށަކަށް ޖައްސާލަން. ކަލޭ ނުދާނަންތަ؟”

” ފަޅު ރަށަކަށޭތޯ! ތިޔަ ފައިންޕުޅަށް ތިވަރު ވެފަ އޮއްވާ!؟” އާދިލާއަށް ލިބުނީ ޝޮކެކެވެ. ” މިއަދު އަޅުގަނޑުމެންގެ ބަސްއަހަންކަމަށް އިއްޔެ ވެ ވަޑައިންނެވި ވައުދަށް ވީ ކިހިނެއްތޯ ؟”

” އަހަރެން ވައުދެއް ނުވަން ތަނަކަށް ނުދާކަށް. އަހަރެން ބަސް އަހާނަމޭ ބުނީ މިއަދު މަސައްކަތެއް ނުކުރާނެ ވާހަކަ. އެހެންވެ މިއަދަކު މަސައްކަތެއް ނުކުރަމެއްނު. މިދަނީ ކުޑަ ޕިކްނިކަކަށް ނޫންތަ؟ ކޮންމެހެން މި ފެންޑާގަ އޮށޯވެ އޮންނަން ޖެހޭތަ؟ ރަށެއްގެ ގޮނޑުދޮށުގަ އޮތަސް ރިއްސާނީ މިތާގަ އޮންނަ އިރު ރިއްސާވަރަކަށް ނޫންތަ؟ ދާން މިއުޅެނީ މިތާ ކާރީގަ އޮންނަ ރަށަކަށް. ދަނީ އަރާމު ކޮށްލަން”.

” ތީ އަޖައިބެއްކަހަލަ ވިސްނުންފުޅެއް ގެންގުޅުއްވާ ބޭފުޅެއް. ތިބޭފުޅާ އެކަނި ފަޅުރަށަކަށް ފޮނުވާލެވޭނީ ކިހިނެއް؟ އަޅުގަނޑު ކޮންމެހެންވެސް ދާން ޖެހޭނެ”.

” ނޫން . ކޮންމެހެން އަހަރެންގެ ހާލު ބަލަން ދާނެކަމެއް ނެތް. އަހަރެން މީ ނުކުޅެދޭ މީހެއް ނޫން. ކަލޭ ދާންވާނީ ދާން ބޭނުމިއްޔާ. ހެދުމަކާ ދެންވެސް ގެންދަން ބޭނުންވާ އެއްޗެއް އޮތިއްޔާ ހިފައިގެން އަވަހަށް އާދޭ. ވޭލަރ މިހާރު އޮންނާނީ ތައްޔާރަށް”.

” އެތައް ދުވަހެއްގެ ފަހުން ޗުއްޓީއެއް ލިބުނީމާ އާދިލާގެ ދެފައިގައި ހީވީ ދެ ފިޔަ ލެވުނުހެންނެވެ.

ޗެޕްޓަރ 6

“މީ އަހަރެންގެ ކުޑައިރުގެ ހަނދާން އާކޮށްދޭ ތަނެއް. އަހަރެންގެ ފެވަރިޓް ސްޕޮޓް”

އިންނަ ފިނޮޅު ނުވަތަ “މަރމޭޑް އައިލެންޑް”ގެ ގޮނޑުދޮށުގައި ރާޅު ޖަހާފަށުގައި ހުރި ބޮޑު ގަލަކަށް ލެނގިވަޑައިގެން ދެއަތްޕުޅު އިސްތަށިފުޅަށް މައްސަވައިގެން އިންނެވިއިރު ޝާންގެ މޫނުފުޅުމަތިން އުފާވެރި ހިނިތުންވުމެއް ފާޅުވެފައި ހުއްޓެވެ. މި ނޫނީ މިހެން ހުސްކޮށް އޮތް ފަޅުރަށެއް މިހާރު މިއަތޮޅުގަ އޮތްހެނެއް ހިއެއްނުވޭ. މިއީ ކުރީގަ ބައްޕަ ވަރުވާ އަށް ގެންގުޅުއްވި ރަށެއް. ފަހުން މިރަށް އެހެން މީހަކަށް ދީފަ އޮތްވާ އޭނަ އަތުން އަހަރެން އަތުލީ. އޭރު އޭނަ ދިޔައީ ރިސޯޓެއް ހަދަން ތައްޔާރުވަމުން. އަހަރެން ބޭނުންވީ ރާއްޖޭގެ އެންމެ ފަޅުރަށެއް ނަމަވެސް ކުރީގަ އޮތް ގޮތަށް ބޭއްވުމަށް. އެހެންކަމުން މިރަށް އަހަރެން އަތުލީ ރިސޯޓަކަށް ދައްކަންޖެހޭ ކުލި ދައްކާ ގޮތަށް”

މިރަށަށް އައި އިރު ޝާން ލޯންޗް ދުއްވެވިލެއް ބާރުކަމުން އާދިލާގެ ބުރަކަށީގައި ރިއްސައެވެ. އެހެންނަމަވެސް ރާޅާ ތަޅުވާލުމުން މުޅި ހަށިގަނޑަށް ވަނީ މަސާޖެއް ލިބި ތާޒާވެފައެވެ. ރަށުގެ ވަލުތެރޭން ކުރެދިގަސްތަކާއި ކަށިގަސްތަކުގެ ތެރޭން ހިނގަމުން އައިއިރު ޝާން އޭނާއަށް މިރަށުގައި ހުރި އާސާރީ ތަންތަން ދައްކަވަމުން ގެންދެވިއެވެ. މިއީ ވަރަށް ކުރީ ޒަމާނެއްގައި ކޮންމެވެސް ބަޔަކު އުޅެފައިވާ ރަށެއްކަމުގެ ހެކިތަކެއް ފެންނަން ހުއްޓެވެ. މިރަށުގައި ވަރަށް ކުކުޅު ގިނައެވެ. މިރަށުގައިވާ ހުރިހާ އެއްޗެއްވެސް ވަނީ ގުދުރަތީގޮތުން އުފެދި އާލާވެގެން ދާނެ ގޮތަކަށް ދޫކޮށްލެވިފައެވެ. ދޫނި ތަކާއި ދިރޭ އެއްޗެއްސާއި އެ ފަދަ ހުރިހާ އެއްޗެއްވެސް ތަބީއީގޮތުން ބަދަލުވަމުން ދާނެގޮތަކަށް ދާގޮތަށެވެ. ގޮނޑު ދޮށާ ހަމަޔަށް އާދެވުނު އިރު އާދިލާވެސް ވަނީ އަރާމުކޮށްލަން ބޭނުން ވެފައެވެ.

“މިރަށް ދެން ބާއްވާނީ ހަމަ މިހެން ތޯ .”

” ވަގުތީ އުފަލަކަށްޓަކައި ތާރީޚާއި ތަބީއަތް ބަޔަކު ގެއްލުވާލިޔަސް ،އަހަރެން ބޭނުންވަނީ އެކަންތައް ދަމަހައްޓަން. މަންމައަދިވެސް އެ އުޅުއްވަނީ ތާރީޚު އާލާ ކުރަން. އެކަމަކު ނޮވެމްބަރު 3 ގެ ވާހަކަތަކެއް މުޅިއަކުން އަހަންނަކަށް ކިޔައެއް ނުދެއްވާ. ބައްޕަ ނިޔާވި ގޮތުގެ ތަފްސީލެއް ވެސް މަންމަގެ ދޫފުޅަކުން ވިދާޅެއްނުވި. އެހާދިސާގެ ފަހުން މަންމަ އެ އުޅުއްވަނީ މުޅީން އެހެން ދުނިޔެއެއްގަ”

“ތިބޭފުޅާ އެހާ ރީއްޗަށް އެގެ އަޅުއްވާފައިވަނީ ވަރަށް ތުއްޕުޅު އިރު ކަމަށް މަންމަ ވިދާޅުވި. އެއީ ކިހާ ފަޚްރުވެރިވެ ވަޑައިންނަވަން ޖެހޭނެ ކަމެއް”.

” މަންމައަށް ހުރިހާ ކަމެއް ކޮށްދީ ހުރިހާއެއްޗެއް ހޯދައި ދެވުނު އިރުވެސް މަންމަ ބޭނުންފުޅުވާ އެކައްޗެއް ހޯދައެއް ނުދެވުނު. އެއީ އަހަރެންގެ ބައްޕަ. ބައްޕަ ދެކެ މަންމަ ލޯބިވާ ވަރު އަހަންނަށް އެނގޭ. ބައްޕައަކީ މިއުޒިކަށް ލޯބި ކުރެއްވި ބޭފުޅެއް. އެ ފަންނު އަހަންނަށް ނުލިބުނީތީ މަންމަ ހުންނަވަނީ ނާ އުންމީދުވެފަ ”

” އެކަމަކު ސަޒިންއަށް އެވަނީ އެ ފަންނު ލިބިފަ. ތިބޭފުޅާއަށް ތިވަނީ މަސައްކަތް ތެރިކަމާ ވިޔަފާރީގެ ފަންނުގެ ކުޅަދާނަކަން ލިބ ވަޑައިގެންފަ. އެއަކީވެސް ދެރަ ކަމެއް ނޫނެއް ނޫންތޯ؟ އެހެންވީއިރު މަންމައަށް މިހާރު އެވަނީ ހުރިހާ އުފާފުޅެއްވެސް ލިބިވަޑައިގެންފަ ހެން އަޅުގަޑަށް ހީވަނީ.”

ސަޒިންއާއެކު މަންމަ ހުއްޓާ ދުށިންތަ؟. މަންމަ ހީވާނީ އިރުގެ އަލި އެޅިގެން ފޮޅިފަ އިން ފިނިފެންމަލެއްހެން. އޭނަ ނެތިއްޔާ ހުންނާ މިލާ މޯޅިވެފަ. އަދި އަހަރެން ރަށުން ބޭރުގައި އުޅޭއިރު ކޮޓަރިންވެސް ބޭރަކަށް ނުނުކުންނަވާނެ. މަންމަ ބޭނުންވާނީ ގޭގަ ކުޑަކުދިން އުޅެން”

-ނުނިމޭ-