English Edition
Dhivehi Edition

ތިބޭފުޅާ ފިރިހެން ކުއްޖެއް ބޭނުންފުޅުވަނީ އެހެންވީމަ ދެއްތޯ؟”

ޝާން ގެންނެވި ވަށިގަނޑުން ތުވާއްޔެއް ނަންގަވައި ދޮންވެލިގަނޑުގެ މަތީގައި ފަތުރާލައްވަވާފައި ސޭންޑްވިޗާއި ސޯސްއާއި އަދި ބުއިމަށް ޝްވެޕްސްގެ އެންމެ ފަހުގެ އުފެއްދުންކަމަށްވާ ސްނޯބަރގ ދަޅުތަކެއް ނަންގަވާފައި ބެހެއްޓެވިއެވެ.

” އަހަރެން ބޭނުންވަނީ ލޯބި އެކުލެވިގެން ލިބޭ ދަރިއެއް. މަންމައަށްޓަކައެއް ނޫން. އެކަމަކު މަންމަ، މާމަ ދަރިފުޅަކު ބޭނުން ވާނެވަރު އަހަންނަށް އެނގޭ.”

އާދިލާ ސެންޑްވިޗް ކަމުން ގެންދިޔައިރު މޫނު މަތިން ފެންނަން ހުރީ ނުތަނަވަސް ކަމެކެވެ. އޭނާގެ ޚިޔާލަށް އަންނަނީ ލަރީސާގެ ބަނޑުން ޝާން އަށް ލޯބި އެކުލެވިގެން ފިރިހެންކުއްޖެއް ލިބުމުން އުފާފުޅުވާނެ މިންވަރެވެ.

“ކަލޭ މާ ހިތާމަވެރި ގޮތަކަށް ތިޔަ އިންނަނީ ކޮން ފިކުރެއްގަ؟ ރަށުތެރޭގަ އެހާ ގިނަ އިރު ހިނގީމާ ވަރުބަލިވީ ދޯ؟”

އާދިލާ ނޫނެކޭ ދެންނެވުމަށް ބޯ ހޫރާލިއެވެ. ” އެކަމަކާ އެއް ނޫން.”

” ދެން ކޮންކަމަކާ ؟” ޝާން އޭގެ ޖަވާބު ހޯދުމަށް ބާރުއަޅުއްވައިފިއެވެ. ” ކަލެއާ ސިރާޖުގެ ކަންތަކުގެ މަތީން ހަނދާންވީތަ؟ އަދިވެސް އެކަންތައް ހިތުން ނުފިލަނީތަ؟ ނޫނީ މި ރަށް ކަލެއަށް މާ ކަމު ދިޔައީތަ؟ މިރަށުގަ އުޅޭހިތްވަނީ ދޯ؟ ކަލޭ ނޫނަސް ވަރަށް ގިނަކުދިން މިރަށް ދެކެ ލޯބިވެޔޭ؟” ޝާން މިހާރު އެކުރައްވަނީ ސަމާސާއެއް ކަމެއް ނޫނީ މަލާމާތެއް ކަމެއް އާދިލާއަކަށް ނުވިސްނުނެވެ. އާދިލާއަށް ފަރުވާލެއް ނެތެވެ. އޭނާ ތަށްޓަކަށް ޑްރިންކެއް އަޅާފައި ޝާންއަށް ދިއްކޮށްލިއެވެ.

“އަޅުގަޑު މިއަދު ހޭލީ ރާޅުގެ އަޑަށް. އޭރު ހުރީ ގަޔަށް އަވި އެޅިފަ. އޭރު އަޅުގަނޑަށް ޚާއްސަ މެއިޑެއް ހުރި. އަޅުގަނޑުގެ ޚިދުމަތުގައި ޚާދިމާއިން ތިބުމުގެ އިތުރުން ތިބޭފުޅާގެ މަންމަވެސް އެހާ އޯގާވެރި. އަޅުގަނޑާމެދު ކަންތައް ކުރެވެނީ ސެކެޓްރީއަކާ ޚިލާފަށް މެހެމާނެއްގެ ގޮތުގަ. މިއީ ތިބޭފުޅާއަށް ދިމާވި އެކްސިޑެންޓްގަ އަޅުގަނޑަށް ކަންތައް ކުރެވުނުގޮތާހެދި ބަހަށްޓަވާ ޚާއްސަ ގޮތެއްކަންވެސް އެނގޭ. އެއީ އަޅުގަޑު ވަރަށް އުފާވާ ކަމެއް ވެސްމެ. އެކަމަކު އަޅުގަނޑު ހަނދާން ކުރަން ޖެހޭނެ އަޅުގަނޑަކީ ވަގުތީ ސެކްރެޓަރީއެއްކަން. ތައުފީގްބެ އެހާވަރަށް މި ވަޒީފާގައި އުޅޭ ހިތްވަނީ މި ކަހަލަ ކަންތައް މިހެން ހުންނާތީ ކަމަށް ވެދާނެ. މި ދަތުރު މިއޮތީ ނިމިފަ. ދެން ތައުފީގުބެ ގެންނަވަނީ ކޮން އިރަކުން ތޯ؟ ”

“އޭނާގެ އަލަތު އަނބިމީހާ އެކަނި ކޮށްލާފަތަ؟” ޝާން ހިނިފުޅުވަޑުވާލެއްވިއެވެ. ” ނޫން. އޭނައަށް އަހަރެން އެހެން ވަޒީފާއެއް ދީފިން. ހިތަދޫ ކޯއްޓޭގައި އޮންނަ އަހަރެންގެ ރިސޯރޓްގެ މެނޭޖަރަކީ މިހާރު އޭނަ. އެތަނުގަ އޭނައަށް ޚާއްސަ އެޕާރޓްމަންޓެއް ވެސް ހުންނާނެ. ކަލޭ އަހަރެންގެ ޕަރސަނަލް ފައިލްތައް ނުބަލާކަން މިހާރު ޔަގީންވެއްޖެ”

ޝާން އަދިވެސް ވިދާޅުވިއެވެ. ” މަންމަ ކަލެއާމެދު އޯގާވެރިކަން ބަހައްޓަވަނީ އެ އެކްސިޑެންޓުގެ ސަބަބުންނޭ ކަލޭ ހީކުރާނަމަ އެއީ ކުށް ހީއެއް. މަންމައަކީ މީހުނާމެދު ކަމޭހިތާ ވަރަށް އޯގާވެރި ބޭފުޅެއް. ޚާއްސަކޮށް ގޭގަ މިހާދުވަހު އަންހެނަކު ނޫޅެ ހުއްޓާ ކަލޭ އައިސް އުޅެންފެށީމަ މަންމަ އެހުންނަނީ އުފަލުން ފޮޅިފަ. ކަލޭގެ ބައްޕައާ މެދުވެސް މިގޭގައި ކަންތައް ހުންނާނީ ހަމ އެގޮތަށް”.

ދައްކަވަމުން ގެންދަވާ ވާހަކަފުޅުގެ މައުޟޫއު ބަދަލުކޮށްލައްވައި މާދުރު އެހެން ވާހަކަފުޅެއް ދެއްކެވުމަކީ ޝާންގެ އާދައެކެވެ.

“ބައްޕަ އެކަނި ދަތުރު ކުރައްވާތީ އަޅުގަނޑު މިހިރީ ވަރަށް ކަންތައް ބޮޑުވެފަ .”

” ކަލޭގެ ބައްޕަ ގޮވައިގެން އަންނަން އަހަރެން ވާނީ މީހަކާ ހަވާލު ކޮށްފަ. އަދި އެކަމަށް ޚާއްސަ ކޮށް ފްލައިޓެއްވެސް ފޮނުވާފަވާނެ. އެވާހަކަ ކަލޭގެ ގާތު ބުނަން ހަނދާންނެތުނީ . ކަލޭގެ ބައްޕަ މާލޭގަ ހުންނަވާނީ ހޮލިޑޭއިންގަ”

” ތިބޭފުޅާ ކުރައްވާ ހުރިހާ ކަމެއްވެސް ކުރައްވާނީ އެހާ ފުރިހަމައަށް ކަން އަޅުގަނޑަށް ނުވިސްނުނީ “.

” އަހަންނަށް ވީ ވަރަކުން ހުރިހާ ކަމެއްވެސް ރަނގަޅަށް ކުރެވޭތޯ ބަލަން. މިހާރު އެއޮތް 4 ޖަހަނީ. ދެން ދަމާ ހިނގާ. ދާ މަގުމަތީގައި އަހަރެންގެ އަތް އަޅުވާލުމަށް ކަލޭގެ ކޮނޑުގެ ބޭނުން ހިފަން ހުއްދަ ދީފާނަން ތަ؟ ފައިގަ ރިއްސަނީ މިހާރު ކުޅަދާނަ ވަރަކަށް ނޫން.”

އާދިލާ އެއްޗެހި ދަބަހަށްލައިގެން ޝާންއަށް އޭނާގެ ކޮނޑުގެ ހިމާޔަތް ދީގެން ގޮނޑުދޮށުގެ ތޮށި މަތިން ހިނގަމުން ދިޔައެވެ.

ފާލަމާ ހަމަޔަށް އައިސް އާދިލާ އެނބުރި ބަލާލިއިރު ތަރުތީބެއްނެތި ހެދިފައިވާ ރުއްތަކާއި މަގޫގަސްތައް އޭގެ އަމިއްލަ މާހައުލުގައި ހަމަހިމޭން އެކަނިވެރި ދުނިޔެއެއްގައި އުޅެން ދޫކޮށްލެވިފައިވާތަން ފެނުނެވެ. އެ ރަށަކީ ރާއްޖޭގެ ޒަމާންވީ ފަޅުރަށެއްގެ ގޮތުގައި މިހާރު ފެންނަން އޮންނާނެ ހަމައެކަނި ރަށް ކަމުން، މިއީ ތާރީޚީ ތަރިކައެއްކަން އާދިލާއަށް ފާހަގަ ކުރެވުނެވެ.

ލޯންޗަށް އާދިލާ ފުންމާލާފައި ފާލަމާ ލޯންޗް ކާރިކޮށްލިއެވެ. ދިޔަވަރު ހިނދިފައި އޮތީމާ ލޯންޗް އޮތީ ފާލަމަށްވުރެން މާ ތިރީގައެވެ. ޝާންގެ ފައިންޕުޅަށް ތަދުނުވާނެހެން ބޭލުވީ އާދިލާގެ ވަރަށްބޮޑު އެހީތެރިކަމެއް ދީގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ ޝާން ބޭލުވީ އޭނާގެ ކޮނޑުމަތީގައޭ ވެސް ބުނެވިދާނެއެވެ. ޝާންގެ ބެލެންސް ހަމަޔަކަށް އެޅެންދެން އާދިލާއަށް ހުރެވުނީ ޝާން އޭނާގެ ގަޔާއެއްކޮށް ހިފަހަށްޓައިގެންނެވެ.

ޝާން އެ ކުޑަ ސްޕީޑް ލޯންޗް ހޯރަފުށްޓާ ދިމާއަށް ދުއްވާލެއްވިއެވެ.

“ކުރީގައި އަހަރެމެންގެއަށް ކާށްޓާ ދަރާ އެހެންވެސް ތަރުކާރީ ގެންނަނީ އެ ރަށުން. މަންމަމެން ކޮންމެވެސް ވަރަކަށް ދަނޑު ހައްދާ އުޅުނު. ޒުވާރިއާ ކަނޑުލާ ބިންބި ފަދަ ކާބޯތަކެތި އެ ރަށުގަ ވަރަށް ރަނގަޅަށް ހެދޭ. އަހަރެމެންގެ ދިރިއުޅުން މިހާ ހިސާބަށް ގެނައުމަށް އެހީތެރިވެ ދިނީ އެ ރަށް.”

ލޯންޗު ކާރި ކޮށްލުމާ އެކު ފަޅުވެރިއަކު އައިސް ލޯންޗާ ހަވާލުވެއްޖެއެވެ. ޝާން ފާލަމަށް އަރާވަޑައިގަތީވެސް އާދިލާގެ އެހީގައެވެ. އެކަމަކު ގެޔާ ހަމަޔަށް ހިންވާފައި ވަޑައިގެންނެވީ އަމިއްލަފުޅަށެވެ.

” އަހަރެންގެ ފައިގަ ރިއްސާނެ ވާހަކަ ކަލޭ ކުރީގަ ވެސް ބުނީމެއް ނު؟ ކަލޭ ބުނިގޮތަށް އެކަން ވީމަ ‘އަހަރެން އޭރުވެސް ބުނީމެއްނޫންހޭ’ ކަލެ އެއް ނުބުނޭ.”

” ރަނގަޅު ސެކެޓްރީންނަށް އެމީހުންގެ ފެންވަރު ވިސްނެން ވާނެ ”

ގެޔާ ހަމަޔަށް ނާދެވެނީސް ޅަހުއްތު ދުވަމުން އައިސް އޭނާގެ އަތުން ދަބަސް އަތުލައިފިއެވެ. ” ކަމަނަ ތިދެބޭފުޅުންގެ އިންތިޒާރުގައި އެބައިންނެވި ވަޑައިގަތްހާ އަވަހަކަށް ތި ދެބޭފުޅުން ކަމަނަ އަރިހަށް ވަޑައިގަންނަވަން ދަންނަވަން ވިދާޅުވި”.

ޝާން އާދިލާގެ ލޮނުން ތެމިފައިވާ ޖީންސާއި ބުރަކަށީގައި ހޭކިފައިހުރި ދޮންވެއްޔަށް ބައްލަވާފައި ކޮނޑުފުޅު ތަޅުވާލައްވާފައި ހިނިފުޅު ވެޑުވިއެވެ.

” ކަލޭ އަވަހަށްދޭ ތި ވެލިފިލުވާލައި ހެދުން ބަދަލުކޮށްގެން އަންނަން”.

ކަމަނަ ސިޓިންގ ރޫމްގެ ސޯފާ ސެޓްގައި އިންނެވިއެވެ. ޝާންއާއި އާދިލާ އަށް އެތަނަށް ވަދެވުނީ އެކުއެކީގައެވެ. އާދިލާ ފެނުމާއެކު އެތާ އިން މުސްކުޅިވަރެއްގެ ފިރިހެނަކު ތެދުވެގެން އާދިލާއާ ދިމާއަށް ހިނގައިގަތެވެ.

” ބައްޕާ! ބައްޕާ! ކޮންކަލަކި ތެއައި” އާދިލާ އުފާވީވަރުން އޭނާގެ ބައްޕަގެ ގައިގައި އޮޅުލައިގަތެވެ. ” ބައްޕަ ތެހިށީދަތެރެވަރަބަލިވެފެއި ނުނީ”

ނާފިޒް އޭނާގެ ދަރިފުޅަށްވުރެން ކުރު ކަމަށް ދައްކައެވެ. އޭނާގެ ހަށިގަނޑު މިހާރު ކުރިއަށްވުރެން ފަލައެވެ. ކުރީގައި ބައްޕަ ކިތަންމެ ވަރަކަށް ކެޔަސް ފަލަ ނުވެޔޭ ކިޔައިގެން އާދިލާ ސަމާސާ ކުރާނެއެވެ. މިހާރު އެއާ މުޅިން އިދިކޮޅެވެ.

“ވަރަބަލިއަސް ނިވެއި. ދަތެރެ ހުށިހެއި ކަމަށްގެއި ވަރަށް ފައްސޭހަ ކޮށް. މާލޭން މިރަށަށް މިއައިޔަސް މަތިން.” ނާފިޒް ހީނލީމާ މަތީ ދަތްޕިލައިން ދަތެއް ވެއްޓިފައިވާތަން ފެނުނެވެ. ނާފިޒް އޭނާގެ ދަރިފުޅު އަތު ކޮޅަށް ދުރަށް ޖައްސާލާފައި ބޮލުން ފެށިގެން ފަޔަށް ބަލާލިއެވެ. “ދިޔެސް ފެނެނީ ސިއްހަތު ރަނގަޅަ ކަމަށް،ތެހެށީ ބޯކޮށަފެއްޔާ؟ މިދަތެރެ ގިޔެނެމެއި ދިޔެގެ ދިރިއުޅުމަސް ބަދަލުވެގޭހެން ހީވެނީ. އެކަމަކި ހައުދަހައި ވާހަކާށް ނޫސްތަކި ތިބެއްޔޭ”.

” ނާފިޒް! އަޅުގަނޑަކީ ޝާން. މިގެއަށް މަރުހަބާ! ” ޝާން ކުރިއަށް ޖެހިވަޑައިގެންފައި ނާފިޒްއާ ސަލާމް ކޮށްލެއްވިއެވެ. ފުރަތަމަ ބައްދަލުވުމާއެކުވެސް އެ ދެމީހުން އެކަކު އަނެކަކާ ވަރަށް ގަޔާވެއްޖެކަން އާދިލާއަށް ފާހަގަ ކުރެވުނެވެ. ” އަޅުގަނޑުމެން ދެމީހުން ދައްކަންޖެހޭ ވަރަށް ގިނަ ވާހަކަތައް އެބަހުރި. މިހާރަކު ނޫން ދެއްތޯ؟ މިއައީ މިތާ ކާރި ރަށަކަށް ގޮއްސަ”

” އެންމެ ރަނގަޅު” ނާފިޒް ދެންނެވިއެވެ.

” ކަލޭގެ ބައްޕައަށް މިގެ ދައްކާލަން ދޭބަލަ”. ޝާން ވަޑައިގަންނަވަމުން ވިދާޅުވިއެވެ. ” ކަލޭވެސް ބައްޕަގާތު ދައްކަން ޖެހޭނެ ވަރަށް ގިނަ ވާހަކަ ހުންނާނެ ކަން ޔަގީން”

ޝާން މިހެން މިހެއްދެވީ އޭނާގެ މަންމަ އާދިލާއާ ސުވާލެއް ކުރެއްވުމުގެ ފުރުސަތު ނުދީ އެތަނުން އަވަހަށް އޭނާ ފޮނުވާލުމަށެވެ.

” މައި ޑާރލިން ޝާން!” އެވަގުތު ހިމަތޮޅި ރީތި އަންހެނަކު އައިސް ޝާންއާ އޮޅުލައިގަތެވެ. އަދި އޭނާގެ ކަނދުރާގައި ދެއަތްމަހާފައި ރަނަޅަށް ކާރިކޮށްލިއެވެ. އެ ވަގުތުކޮޅުގެ ދިގުމިން ގަރުނަކަށް ދެމިގެން ދިޔަހެން އާދިލާއަށް ހީވިއެވެ. ކަމަނަގެ މޫނުފުޅުމަތިންވެސް ފެންނަން ހުރީ އުފާވެރިކަމެވެ. ހީވަނީ ދެން މާގިނަދުވަހެއް ނުވެ ކާވެނީގެ ހަފްލާއަކުން އެ ގެ ޒީނަތް ތެރިވެދާނެހެންނެވެ.

އާދިލާ ދެލޯ މަރާލުމަށްފަހު ފުން ނޭވައެއްލާފައި އޭނާގެ ބައްޕަ ގޮވައިގެން އެތަނުން ދާން ހިނގައިގަތެވެ.

ބަގީޗާގެ ތެރޭގައި ހުރި ހިލަ ގޮޑިއެއްގައި އިށީނދެ އިނދެ އާދިލާ އޭނާގެ ބައްޕައަށް ދަތުރުގައި ކަންތައް ހިނގި ގޮތާއި ނޫސްތަކުގައި ހުރި ވާހަކަތައް އޮޅުން ފިލުވައި ދިނެވެ.

” މިހުށިހެއި ކަމަށް ޝާން ކެޑެއި ނޫސްވެރިއަކާށް އޮޅުވަލާށް ވެގެން. މާއި އިންނަކަށް އެއްކަލަކިޔަސް ޝާން ނިހިނގައި.”
އާދިލާ އެ ވާހަކަތައް ކުރުކޮށްލިއެވެ. އެއީ މާ ބޮޑު ކަމެއް ނުހެދުމަށެވެ.

އާދިލާ އޭނާގެ ބައްޕަގެ މޫނަށް ބަލާލިއިރު އޭނާގެ ހިތުގެ ސިއްރުތައް ބައްޕައަށް ފޮރުވާ ނުލެވުނުކަން އެނގުނެވެ.

” މިކޮޅަނެއި ކުޅިވަރަށް ކަން ދިޔެއް ވިސްނެނެއި ކެހެއި ސާބަކުން ” ނާފިޒް މަޑުމަޑުން އަހާލިއެވެ. ” ދިޔެ ޝާން އެއި ހިތާއި ނިވޭ ކަމަށް ނިހެދެ.. ދެނަކަށް އެއަންހެން ކޮއްޔާ ކަންކެޑެލެކުން ދިޔެގެ މޫނަށް އާ ބަދަލު މަށް ފެނެނެ. އޭ ކޮންކޫދަށް؟ ވަރަށް ފެނޭ ކޫދަކާ ވައްތަރަ ޖަހައި.”

” އޭ ލަރީސާ! ބައްޕާއް އެނގޭހެއް. ހެދިފެއި ހިށިވަރުން މީހަކާއް އެނގޭވަރަކީ. އެއައި އިނދެގެން ހިށިމީހާ އެކުހުން ވަރިވެގެން ޝާން އެއި އިންނަށް. މަށް ޝާން އެއި ހިތާއި ވިޔެނެ މުއަ ހީވެއި މިކޯ. ކުރިން ޝާން އަށް ވަރަށް ރިޑިއަރައި. ފަހުން މިވީގޮަށް ނިޔަސް އެނގެނެ. މިކޯ ޝާންއެއި ނިލާއި ދިރި ވޭނޑުމަކީޔަސް ދަތި ކަމަކަށް ވެގެ. ދެން ވީ ަވަހަށް އެހެން ކޮންމިޔަސް ވަޒީފާށް ހޯދަގެން މިރަށުން އެބޭއް. އެއަންހެންމީހާ ވޭނޑޭ ގެޔަކި މަކަށް ނިވޭނޑުވޭހެއް.”

” ބައްޕާގެ ދިޔެ! ބައްޕާ ތެކަމާއި ބެނާނެއި ކިޔަނކާއު. މިއީ ބައްޕާގެ އުމުރުން މެހެއި ތާން އާކޯ ލިބެނެ އެންމެ ރަންގަޅަ ވަޒީފާ. އަދި އެންމެ ކެރާ ހިއްވޭ ކަން. ދިޔެ އެބެގޭމެއި ބައްޕާ ވަރަށް އެކަނި ވޭހެއް ދީ!”

” ބައްޕާ ގިނައި ޝަޒީން އަށް މިއުޒިކު ދަސްކޮށްދޭއް ނުނީ؟ ޝާން އަށް އެހެންމީ ހަކާސް ހޯދިޔޭހެއް. ބައްޕާ ރަށި ހިށަސް މަށް ވީވަރަކުން އަވަ ބައްޕާ ބަލާށުން.”.

” ކަމަނާ ވަރަށް ގިނަ ވާހަކަ މަ އެކެހެ ދެއްކި. އޭ ވަރަށް ވިސްނުން ރަންގަޅަ ހިއްހެއު އަންހެނަށް. ކިތަންމެ ވޭލާށް ވިޔަސް ކަމަނާއި ފޫހި ނިވެ ވާހަކަ ދައްކާއް އިނދި ޔޭހެއް. ސަޒީނުއެއި ތެބެ ދިމާވި. އެ ރޮނގެ ވަރަށް މުޅު ކޫދަކާހެން ހީވެނީ.”

އާދިލާ އޭނާގެ ބައްޕަ މިހާވަރަށް ވަޒީފާއެއްގައި އުޅޭ ހިތުން ހުއްޓަކާ ދެކެފައެއްނުވެއެވެ.

-ނުނިމޭ-