English Edition
Dhivehi Edition

” އަހަރެން ހަވީރު އަންނާނަން. އެހާ އިރަށް ތިޔަ ދެމީހުން ތިޔަ ކުޅެން އުޅޭ ރާޒުވާއެއް އޮންނާނީ ކުޅެވިފަ” މިހެން ބުނެފައި ޑޮކްޓަރު ނިކުންނަވައިފިއެވެ.

ޑޮކްޓަރަށް އެ ނޫސް ފެނިފައި އޮންނާނެޔެކޭ އޭރަކު ހިތަކަށް ނާރައެވެ. އެކަމަކު އޭނާ އެހެން ބުނުއްވާފައި ބައްލަވާލެއްވި ގޮތުން އާދިލާއަށް އެކަން ވިސްނުނެވެ.

” އަޅުގަނޑުގެ އަތުން ދެން ދޫކޮށްލައްވަންވީ ނޫންތޯ”. އެކަނިވާ އިރަށް އާދިލާ ބުނެލިއެވެ.

ޝާން އޭނާގެ އަތުން ދޫކޮށްލައްވާފައި ފުން ނޭވައެއް ލެއްވިއެވެ. އޭރު އާދިލާގެ އިންތިޒާރުގައި ޝާންގެ މަންމަ ހުންނަވާނެކަން ހަނދާންވިއެވެ.

” އަޅުގަނޑު އެބައަންނަން. ޝާންގެ މަންމަ އަޅުގަނޑު ލަސްވެގެން އުޅުއްވާނެ”.

” އާނ. މަންމަ ދޯ ؟.” ޝާން ވިސްނަވާލެއްވިއެވެ. “ރޭގަ މަންމައާ ވާހަކަ ދެއްކޭ ވަރެއްނުވި. އެކަމަކު މިއަދު ހެނދުނު ވަޑައިގެން އެންމެ ފުރަތަމަވެސް ދެއްކެވީ ކަލޭގެވާހަކަ. ކަލޭގެ ކުޅަދާނަ ކަމުގެ ވާހަކަ . އަހަރެން އިތުރު އެއްޗެއް ނުބުނަން”

” އަޅުގަނޑު އެ ހުރިހާ ވާހަކައެއް ދަންނަވާފާނަން. މަންމައަށް ހަގީގަތް ނާންގާ ބާއްވާކަށް ނުވާނެ ނޫންތޯ؟”

” މަންމަ އޭން އެކައްޗެއްވެސް ގަބޫލެއް ނުކުރައްވާނެ. އަހަރެންގެ އަނގައިން މަންމަ ގާތު ނުބުނާ ވާހަކައެއް ނޫހެއްގައެއް ނޫން ކޮންމެ އެއްޗެއްގަ އޮތަކަސް އެކަމަކާ މަންމަ އަޅައެއް ނުލައްވާނ ގޭގަ އުޅޭ މީހަކުވެސް އަހަންނޭ ކިޔައިގެން ދައްކާ އެއްވެސް ވާހަކައެއް މަންމަ އަޑެއް ނާހާނެ. މަންމަ އަހަންނަކާވެސް އަދި ކަލެއަކާވެސް ސުވާލެއް ނުކުރައްވާނެ. މަށަށް ޑޮކްޓަރ ދީފަ މިހިރަ ބޭހުގެ ބާރު ކެނޑުނީމަ ހުރިހާ ވާހަކައެއްވެސް މަންމައަށް ކިޔާ ދީފާނަން. އަދި އަހަރެންގެ ފުރާނަ ސަލާމަތް ކޮށް ދިނީތީ ކަލެއަށް ޝުކުރުވެސް އަދައެއް ނުކުރެވެއެއްނު؟ އެކަމަކު މި ގެއަކީ ކަލޭގެ ވެސް ގެ ކަމަށް ބަލައިފިއްޔާ އަހަރެން ވަރަށް އުފާވާނެ. އަދި އަހަރެމެން ދެމީހުން ދޭތެރޭ މަސްއަލައެއް އޮތްނަމަ އެކަމެއް ހައްލު ކުރެވޭތޯ އަހަރެން ވެސް ބަލާނަން.”

މިއީ އިންކާރު ކުރަން ދަތި ހުށަހެޅުމެކެވެ. އެހެންކަމުން އާދިލާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

” ކުޑަކޮށް އަވަހާރަފުޅު ލެއްޕެވޭތޯ ބައްލަވަންވީނޫންތޯ ؟” އާދިލާ ދެންނެވިއެވެ. ” ތި އޮންނެވީ އަދިވެސް ވަރަށް ހާލުކޮޅު ދެރަކޮށް. އަޅުގަނޑު ގަޑިއެއްހާއިރު ކޮށްފަ އެބައަންނަން”.

” ތި ބަހުރުވައިން ވާހަކަ ދެއްކުން ކަލޭ ހުއްޓާލާނީ ކޮންދުވަހަކުން ؟” ޝާން ލޯބިވެތި ގޮތަކަށް ބައްލަވަން އޮންނެވިއެވެ. އާދިލާ ހިނިތުންވެލާފައި ނިކުމެއްޖެއެވެ.

ކަމަނަ އިންނެވި ކޮޓަރި އޭނާ އަށް ދެއްކީ ގެންގުޅުއްވާ ކުއްޖެކެވެ. ސައިމޭޒު ތައްޔާރު ކުރެވިފައިވަނީ ދެމީހުނަށެވެ. ސަޒިން މިހާރު ސައިބޮއިފާނެއެވެ. ބޮޑުބޭބެ ކަންތަކާ އޭނާ ހުންނާނީ ވަރަށް ކަންބޮޑުވެފައެވެ.

“ޒޫނާ ސަޒިން ގޮވައިގެން ދިއްދުއަށް ހިނގައްޖެ . އެރަށުގަ އޭނަގެ ދައްތައެއް އުޅޭނެ. އެގޭ ކުދިންނާ އެކީ ކުޅެލާ ހަދާލީމަ އިސާހިތަކުން އިއްޔެގެ ކަންތައް ހިތުން ފިލާފާނެ. ކަލެއަށް އަނިޔާއެއް ނުވިކަންވެސް ނަސީބެއްނު؟ އަހަންނަށް ހީވަނީ މިހާރު އަހަންނަށް ކަލޭ ރަނގަޅަށް ދަސްވެއްޖެ ހެން .”

” އަދިވެސް މިހުންނަނީ ކުޑަކޮށް އެއްގޯސްވެފަ.” އާދިލާ ސާފުކޮށް ދެންނެވި އެވެ. ” ރޭގަ އަޅުގަނޑު އެކޮޓަރިއަށް ގެނެވުނު ކަމެއްވެސް ނޭނގުނު. އެތާނ އޮށޯވެވުނުކަން އެނގުނު. ދެންވީގޮތެއް ނޭނގުނު.

“ކަލެއަށް ކަންތައްކޮށްދޭނެ މީހުން މިގެއަކު މަދެއް ނުވާނެ. މުޅި ރަށުގަ ވެސް ތިބޭނީ އަހަރެމެންގެ ގާތް މީހުން . ކަލެއަކަށް އެއް ކަމެއް ދައްޗެއް ނުވާނެ “.

” އެންމެންވެސް އަޅުގަނޑާ މެދު ތި ބަހަށްޓަވާ އޯގާވެރިކަމަށްޓަކާ ވަރަށް ޝުކުރުވެރިވަން.”

ކަމަނަ އާދިލާގެ މޫނަށް އޯގާވެރި އެހެނަސް ފުން ނަޒަރަކުން ބައްލަވަން އިންނެވިއެވެ. މިއީ އާދިލާ އަށް އުނދަގޫވި ކަމެކެވެ. ކަމަނަ އަކީ އަދިވެސް ވަރަށް ރީތި ބޭފުޅެކެވެ. އޭނާގެ ދިގު އުމުރުފުޅު ވޭތި ކުރައްވާފައި ވަނީ އުފަލާއި ހިތްދަތިކަމާއި އެކު އެކީގަކަން އެ މޫނުފުޅުމަތިން ދައްކައެވެ. ކަރުފުޅުގައި އޮތް ރަން ފަށް ފިޔަވައި އެހެން ގަހަނާއެއް ނެތެވެ. ތުރުކުރައްވައިގެން އިންނެވި ކަޅު ލިބާސް ކޮޅުގެ އެއް ފަޅީގައި ފިނިފެންމަލެއް ޖަރީކޮށްކޮށްފައިވެއެވެ.

” ކަލެއާ ބެހޭގޮތުން އެރި އަޑުތަކާމެދު އަހަރެން ކުރިން ނުރުހުންވި”. ކަމަނަ ވިދާޅުވިއެވެ. ” އަހަރެން ކަލޭ ދެކެ އެންމެބޮޑަށް ނުރުހުނީ އިއްޔެގެ ނޫހުގަ އޮތް އެއްޗަކުން. އެ ލިއުނު އަފީފަކީ ކަންތައް ބޮޑުކޮށްގެން ލިޔާ މީހެއްކަން ވެސް އެނގޭ. ޝާންއާ ގުޅުވައިގެން ކިތަންމެ އަންހެންކުދީންނެއްގެ ވާހަކަ އަޑުއަރާފައިވޭ. އަހަރެން ހީކުރީ ކަލެއަކީވެސް އެކަހަލަ ކުއްޖެއް ކަމަށް. ކަލެއަކީވެސް ވަގުތީ އުފަލަކަށް އޭނައާ އަޅައިގަނެގެން އުޅޭ ކުއްޖެއް ކަމަށް. އެހެންނޫނަސް އޭނަ ކަހަލަ ގޮތް ދޫނުކުރާ މީހަކާއެކު އެއްކުއްޖަކަށްވެސް ނޫޅެވޭނެ ކަންވެސް އެނގޭ”.

” ތިބޭފުޅާ އަޅުގަނޑު ދެކެ ނަފްރަތު ވެ ވަޑައިންނަވާނެ ކަހަލަ ކަމެއް މެދުވެރިވީތީ ވަރަށް ދެރަވެއްޖެ. އަޅުގަނޑުއެދެނީ އަޅުގަނޑު ދާފަހުންވެސް ތިބޭފުޅާގެ ގާތްކަން އޮތުމަށް”

” އަހަރެން ކަލޭ ދެކެ ނަފްރަތު ކުރަމޭ ބުނެފިންތަ؟. އަހަރެން ބަލަނީ ކަލޭތީ އަހަރެންގެ ދަރިއެއް ކަމަށް. އަހަރެންގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކޮށް ދިންމީހަކު ދެކެ އަހަރެން ނަފްރަތު ކުރާނީ ކިހިނެއް؟ އެކަން ކަލޭ ކުރީ ކަލޭގެ އަމިއްލަ ފުރާނައަށްވެސް ބެލުމެއްނެތި. އެ ނެރުމަތި އެއީ ވަރަށް ނުބައި އޮއިވަރެއް އަޅާ ތަނެއް. މީގެ ކުރީގަވެސް އެ ތަނަށް ވެއްޓުނު ކިތަންމެ ބަޔަކު ގެނބިގެން މަރުވެފަ ވޭ. އެވާހަކައެއް ނާހަންތަ؟”

” ނޫން. ޝާން އިއްޔެ ހެނދު އެވާހަކަ ދެއްކެވި. އެހާ ބޮޑަށް ރަށާ ބޯޓް ކާރި ނުކުރެވޭނެޔޭ ކެޕްޓަންވެސް ބުނި. އެކަމަކު ޝާން ބޭނުންފުޅުވީ ރަށު މީހުނަށް އެ ބޯޓް ވީހާ ކާރިއަކުން ދައްކާލުމަށް. އެކަމަކު ނެރުމަތީގަ ވަރަށް ނުބައި އޮއިވަރެއް އޮންނާނެއޭވެސް ވިދާޅުވި. އަޅުގަނޑަށް ފުންމާލެވުނު އިރަކު އެކަމުގެ މައްޗަކުން ހަނދާނެއް ނުވި”

” ކަލޭ ފެނުނު ފުރަތަމަ ވަގުތުކޮޅުވެސް މަށަށް އެނގުނު، ކަލޭތީ އޮޅުކުރަން އުނދަގޫ މިނިވަން ޚިޔާލުގެ ބުޅަލެއްކަން. އެކަމަކު އެއަކީ އަހަރެންގެ ދަރިފުޅު ހީކުރާހާ ފަސޭހަ ކަމަކަށް ނުވާނެކަމެއް އޭނައަކަށް ނުވިސްނޭނެ”. ކަމަނަ މިހެން ވިދާޅުވެފައި ހިނިފުޅުވެޑުވިގޮތުން އާދިލާއަށް ހައިރާންކަމެއް ލިބުނެވެ.

ކަމަނަ ދެން ކުރެއްވި ސުވާލަކުން އާދިލާ އަށް ލިބުނު ހައިރާންކަން ވަކިން އިތުރުވިއެވެ. ” ކަލޭ އަހަރެންގެ ދަރިފުޅު ދެކެ ލޯބި ވަމެއްނު؟” އާދިލާ އެސުވާލަށް ޖަވާބެއް ދޭކަށް ބޭނުމެއްނުވިއެވެ. އޭނާ ޕާންފޮތީގައި ބަޓަރު ކޮޅަކާއި މާމުއި ކޮޅެއް ހާކާލުމަށް ފަހު މަޑުމަޑުން ކަމުން ގެންދިޔައެވެ. އިއްޔެގަ އޭނައަށް ކަންތައް ކުރެވުނު ގޮތުން ޝާން ދެކެ އޭނާ ލޯބިވާކަން އެންމެނަށް ފަޅާއެރީ ތާއެވެ. އެއީ އޭނާގެ އިޚްތިޔާރުން ބޭރުގައި ކުރެވުނު ކަންތަކެކެވެ. މިހާ ސާފުކޮށް އޭނާގެ މޫނުމަތީން ފާޅުވާން ހުރި ކަމަކާމެދު އޭނާ އިންކާރު ކުރާނީ ކިހިނެއް ހެއްޔެވެ؟

” މި ސުވާލު އަހަރެންގެ ދަރިފުޅާ ކުރުމަކީ ފަސޭހަ ކަމެއް ނޫން. މިކަންތައް އޮޅުންފިލުވަން އަހަރެން ބޭނުންވާވަރު މިހާރު ކަލެއަށްވެސް އެނގޭނެ . އެކަމަކު މީގެ ފަހުން މި ވާހަކަ ދެން އަހަންނެއް ނުދައްކާނަން”. ކަމަނަ މަޑުމަޑުން ވިދާޅުވިއެވެ.

” އަޅުގަނޑުވެސް އެދެނީ ތި ގޮތް. ޝާން އަމިއްލަފުޅަށް ތި ވާހަކަ ވިދާޅުވާން އަޅުގަނޑުވެސް ބޭނުންވަނީ”.

” އުމުރުން މިހާ ދުވަސްވީ އިރު އަހަރެންނަށް ދަސްވި އެއްކަމަކީ ކެއްތެރިކަން. ތި ޖޯޑް ދިއްކޮށްބަލަ. އަދި ކޮފީކޮޅެއް ބޯލަން ވާނެ”.

ޝާން އެއްފަހަރަކު ދެއްކެވި ވާހަކަ ފުޅެއްގެތެރޭގައި މަންމައަށް ވެފައިވާ އަނިޔާއެއްގެ ވާހަކަ ވިދާޅުވިއެވެ. އެއީ ތަމަޅައިން މާލެ އެރި ދުވަހު ވަޒަން އަރައިގެން މަގުމައްޗަށް ވެއްޓީފައި އޮތް މީހަކަށް ފެންފޮދެއް ދެއްވަން ނުކުމެ އުޅުއްވަނިކޮށް އޭގެ މީހަކު ބަޑިޖަހަން ފެށީމާ ދުއްވައިގަތްތަނާ ވެއްޓިވަޑައިގެން ވީ އަނިޔާއެކެވެ. އޭގެ އަސަރު ފެންނަން ފެށީ ވަރަށް ފަހުންނެވެ. ކަމަނަގެ ގޮނޑި ކޮޅުގެ ފުރަގަހުގައި ހުރި އަސާ އާދިލާ އަށް ފެނުނެވެ.

” މިއީ ވަރަށް ހިތްފަސޭހަ ގެއެއް.” އާދިލާ ދެންނެވިއެވެ.

” ތަމަޅައިން މާލެ އެރި ދުވަހު އަހަރެމެންނަށް ވީ ގެއްލުންތަކާ ގުޅިގެން އަހަރެމެންގެ ހުރިހާ ވިޔަފާރިއެއް ހުލިވެގެން ދިޔައީ. ދެން އަހަރުމެން އައީ މިރަށަށް. ޝާންގެ ކިޔެވުން ފުރިހަމަ ކޮށްދެވުނީ ވަރަށް ބުރަ މަސައްކަތުން ވަރަށް ދަތި ހާލުގަ. އޭނަ ކުޑައިރު އުޅުނީ މިކަހަލަ އަރާމު ދިރިއުޅުމަކު ނޫން. އެކަމަކު މިހާރު އެދުވަސް މިއޮތީ މާޒީ ވެފަ . މިހާރު އޭނައަތުގަ ނެތީ ކޯނޗެއް. ނެތީ އޭނާ ދެކެ ލޯބިވާނެ އަތްނބެއް. ދެން ނެތީ އޭނަ ކަހަލަ ފިރިހެން ދަރިއެއް.”

ޝާންގެ ދަރިފުޅު ހުންނާނެ ގޮތް އާދިލާގެ ޚިޔާލަށް ތަސައްވުރު ކުރެވުނެވެ. ކަޅު ކުލަ ގަދަ ދެލޮލެވެ. ބޮޑާކަން ދައްކުވައިދޭ ތުންފަތެކެވެ. އެކަހަލަ ބުޅި އިސްތަށިގަނޑެކެވެ.

މި ޚިޔާލުތައް ހިތުން ދުރުކޮށްލުމަށް އޭނާ ލޯ މަރާލިއެވެ. މިއީ މޮޔަ ޚިޔާލެކެވެ. އެ ދަރިފުޅު ޝާން އަށް ހޯދައި ދޭނީ ލަރީސާއެވެ.

” ޝާން އަކީ ކުޑައިރުއްސުރެ ބުރަ މަސައްކަތުގައި އުޅެން އާދަވެފަ ހުރި ކުއްޖެއް. އޭނާގެ ބައްޕަ އަވަހާރަވުމާއެކު ދިރިއުޅުމުގެ ހުރިހާ ކަމަކާ ކުރިމަތިލާން ފެށީ ވަރަށް ޅަ އުމުރުގަ . އޭނައަކީ އަބަދުވެސް އުމުރަށް ވުރެން ދޮށި ކުއްޖެއް” ކަމަނަ ހިނިފުޅުވެޑުވިއެވެ. ” އޭރުއްސުރެ އޭނަގެ ހަށިގަނޑަކަށް، ކަމަކަށް ނުބަލާ ރެޔާ ދުވާލު މަސައްކަތް ކުރީ. އެކަމަކުވެސް ކިޔެވުމެއް ހުއްޓައެއް ނުލާ. މިގެ މި ގޮތަށް ހެދީވެސް އޭނާގެ ބުރަ މަސައްކަތުން. ގިނަ ކަންތައް ކުރީވެސް އަމިއްލަ އަތުން”. ކަމަނަ އާދިލާގެ މޫނަށް ބައްލަވާ ލެއްވިއެވެ. ” ކަލޭ ނިކަން މިގެ ރަނގަޅަށް ބަލާލަބަލަ. މަށަކަށް ނޭރޭނެ ކަލޭ ގޮވައިގެން އެ ހުރިހާ ސިޑި ތަކަކުން. ކަލެއަށް މަނާ ތަނެއް މިގެއަކު ނުހުންނާނެ”.

ކަމަނަ އާދިލާގެ މޫނަށް ބައްލަވަން އިންނެވިއެވެ. ” އަދި ނުބުނެވޭ އެއް ވާހަކަ އެބައޮތް. ކަލޭގެ ބައްޕަ ވަރަށް އަވަހަށް މިރަށަށް ދުރުވާނެއޭ އިއްޔެ ޝާން ގުޅާފަ ބުނި. އޭނާ ހުންނަވާ ކޮޓަރި މިހާރު ވާނީ ތައްޔާރު ކޮށްފަ”.

” އަޅުގަނޑު. އަޅުގަނޑު ގާތުގަ ވެސް ޝާން ތި ވާހަކަ ގޮތަކަށް ވިދާޅުވި. އެކަމަކު ބައްޕަ ދުރުވަން ހަމަ ޖެއްސެވި ދުވަހެއް ވިދާޅެއް ނުވޭ. މިހާރު ބައްޕަ ހުންނަވާނީ މާލޭގަ ކަންވެސް ނޭނގެ . ބައްޕަ ފޯނެއް ނުގެންގުޅުއްވާނެ . ޝާން ކުރައްވާ ގިނަ ކަންތައް އަޅުގަނޑަށް އެނގޭނީ އެންމެ ފަހުވަގުތު”.

” އެއީ އަބަދުވެސް އޭނަ ކަންތައް ކުރާގޮތް މީހަކު ރުހޭތޯ ނުރުހޭތޯ ބަލަން ބަލާކަށް ނުހުންނާނެ. ހިތަށް އެރި ކަމެއް ހިތަށް އެރިގޮތަކަށް ކޮށް ނިންމާ ލާނީ”

މިގޭގައި ހުރި އެތަކެއް ސަތޭކަ ކުރެހުންތަކުން ރާއްޖޭގެ މުޅި ތާރީޚް ދައްކުވައިދެއެވެ. ހޮޅިން ރާއްޖެ ހިފި ހިސާބުން ފެށިގެން ބޮޑު ތަކުރުފާނާއި ޕޯރޗްގީޒުން ކުރި ހަނގުރާމަ ތަކާއި ، 88 ނޮވެމްބަރ 3 އަކާއި 94 ގެ ސުނާމީގައި ލިބިފައިފާ ގެއްލުންތަކާއި ރާއްޖެއަށް ވަރަށް ފަހުން އައި ގަނޑުފެނުގެ ތޫފާނާއި މިކަހަލަ ވަރަށް ގިނަ ހާދިސާތައް ދައްކުވައިދޭ ކުރެހުންތައް ހުއްޓެވެ. މި ކުރެހުން ތަކުގެ އަގު މިހާރު އެތައް މިލިއަން ރުފިޔާއަކަށް އަރާނެއެވެ. މިއީ ޝާން އޭނާގެ މަންމަގެ އުފަލަށްޓަކައި ހޯއްދަވައި ދެއްވާފައިވާ ކުރެހުންތަކެކެވެ.

ޝާން އަކީ ވަރަށް އެކަނިވެރިއެކޭ އޭނާގެ މަންމަ ވިދާޅުވިއެވެ. އެއީ ތެދެކޭ އާދިލާއަށް ވެސް ހީވާ ފަހަރު އާދެއެވެ. ތުއްޕުޅު އިރުން ފެށިގެން ބައްޕައަކާ ނުލައި އުޅުއްވަމުން ގެންދެވި ހާލުކޮޅާއި، އަދި އޭގެ ފަހުންވެސް އުޅުއްވާ ދިރިއުޅުއްވުމުގެ ބުރަކަން އާދިލާއަށް ވެސް މިހާރު އިހްސާސް ވެއެވެ.

އާދިލާ އެކިތަންތަން ބަލަމުން ގޮސް ބަދިގެއަށް ވަން އިރު ގެންގުޅޭ އަންހެނަކު ކެއްކުމުގެ ކަންކަމުގައި މަޝްއޫލުވެގެން އުޅެނިކޮށް ފެނުނެވެ. ގޭތެރޭގެ ކަންކަމުގައި ޅަހުއްތުއާއި ޒޫނާވެސް އުޅެމުން ދެއެވެ. ބަދިގޭގައި އުޅެނީ މި އަންހެން މީހާ އެކަންޏެވެ. ގޭތެރެ ސާފުކޮށް ކުދި ކުދި ކަންތައް ކުރަން ޒުވާން ފުރައިގެ ފިރިހެން ކުއްޖަކު އުޅެނިކޮށް އާދިލާއަށް ފެނިފައިވެއެވެ. އަދި ކަމަނަގެ ކަންކަމަށް ޚާއްސަވެފައި އުމުރުން ދުވަސްވެފައިވާ އަންހެނަކު ހުރެއެވެ. ބަގީޗާއަށް ފެންދީ ބަލަހަށްޓާން މުސްކުޅިވަރެއްގެ ފިރިހެނަކު މަސައްކަތް ކުރަމުން ދާތަން ފެނެއެވެ. މިހާ ބޮޑު ގެޔަކާ ބަލާފައި މީހުން މަދުކަން ފާހަގަ ކުރެވެއެވެ.

-ނުނިމޭ-