English Edition
Dhivehi Edition

ޗެޕްޓަރ 5

އާދިލާގެ ހުވަފެނީ ޚިޔާލުތަކުގައި އެނބުރެމުން ދަނީ ސަޒިން ސަލާމަތް ކުރުމަށް ޝާން ދުވެވަޑައިގެންނެވި މަންޒަރެވެ. އަދި ހަމައެއާ އެކު ޝާން ކައްސާލައިގެން ލޯންޗާއި ބޯޓާ ދޭތެރެއަށް ވެއްޓިވަޑައިގަތް ތަނެވެ. އެވަގުތު ސަޒިން ޅަހުއްތުއާ ހަވާލު ކުރެވުނުކަން އޭނާއަށް އެނގުނެވެ. އާދިލާ ބަލާކަށް ނުހުރެ ވަގުތުން ފުންމާލީއެވެ. އޭނާ ފުންމާލީ ޝާން ގެނބިވަޑައިގަންނަވާތަން ފެނިގެންނެވެ. އޭރު ޝާންގެ އިސްތަށިފުޅުން ލޭ އޮހޮރެއެވެ. އެތާނގަ ރާޅު ބޮޑުކަމުން ފަޅުވެރިން މަސައްކަތް ކުރަމުން ދިޔައީ ލޯންޗް ރަށުގެ ފާލަމާ ދުރަށް ލެވޭތޯއެވެ. އެހެންނޫނީ ޝާން އާ އާދިލާ އެދޭތެރޭ ފިތިދާނެތީއެވެ. ލޯންޗްގެ ރާޅުބާންޏާއި ކަނޑުގެ ރާޅުތައް އެކުވުމުން އެތަނުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. ޝާންގެ ހަށިކޮޅުގައި ހަރަކާތެއް ނެތީމާ އާދިލާއަށް އޭނާ ސަލާމަތްކުރަން އުނދަގޫވިއެވެ. އެހެނަސް އާދިލާ، ޝާންގެ ގަމީސްކޮޅުގައި ހިފަހަށްޓައިގެން ފަތާފައި ގޮނޑުދޮށާ ދިމާއަށް ގެންދަން އުޅުނެވެ. އެހެންނަމަވެސް އޮއިވަރު ހުރީ ބޭރަށް ދަމާ ގޮތަށެވެ. އެހެންކަމުން ފަރާ ދިމާއަށް ބިންދާ ރާޅުތަކާ ދިމާއަށް ދެމީހުން ދަމާ ގެންދަން ފަށައިފިއެވެ. އާދިލާ ޝާންގެ އިސްތަށިފުޅު ފެންމަތީ ބެހެއްޓޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެވަގުތު ބޯޓުން އެއްލިވަލާއި އުފުލިތައް ދިޔައީ ފަރާ ދިމާއަށެވެ. ލޯންޗަށް ކާރި ކުރެވޭ ވަރަށްވުރެން ފަރު ކާރިވެފައި ރާޅު ބޮޑެވެ. އެހެންކަމުން އާދިލާވަރަށް މަސައްކަތުން އެއްގަމާ ދިމާއަށް ޝާން ގެންދިއައެވެ. ގޮނޑުދޮށާ ހަމަޔަށް ދެވުނު އިރު ޝާން ނޭވާފުޅު ނުލައްވާހެން ހީވެގެން އާދިލާ އަށް ފަސްޓްއޭޑްގެ ތަމްރީންތަކުން އެނގިފައިވާ ކަންތައް ކުރަން ފަށައިފިއެވެ. އެއާއެކު މީހުންތައް ރާސްލާފައި އެދިމާއަށް އަންނަތަން ފެނެއެވެ. އޭރު އޭނާ ޝާންގެ މޭފުޅަށް އޮބަމުން ދިޔައެވެ. އަދި އޭނާގެ އަނގައިން ޝާންގެ ފުއްޕާމެއަށް ވައި ވައްދަމުން ގެންދެއެވެ. އުންމީދުގެއްލިގެން ދިޔަ ދިގު ހިނދުކޮޅަކަށްފަހު ކުއްލިއަކަށް ޝާންގެ އަނގަފުޅުން ހޯސްލާފައި ލޮނު ފައިބައިގަތެވެ. އެއާއެކު ކޮށިއަރާ ފަދަގޮތަކަށް ކެއްސަވާލައްވާފައި ނޭވާފުޅު ލައްވައިފިއެވެ. ދެން އާދިލާ ޝާންގެ އަނގަފުޅުންއައި ލޮނުތައް އޭނާގެ އަނގައިން ދަމައި ހުސްކޮށްލިއެވެ.

ރަށުގެ މީހުން އަވަސް އަވަހަށް ޝާން އުފުއްލާލައިގެން ގެންދަން އުޅުމުން އޭނާ ލޯފުޅު ހުޅުއްވާލެއްވިއެވެ. އަދި އޭނާ ރަނގަޅު ކަމަށް ވިދާޅުވިއެވެ. އޭނާ ތެދުވެވަޑައިގެން އާދިލާގެ އެހީގައި މަޑުމަޑުން ހިންގަވާފައި ގެއަށް ވަޑައިގަތެވެ.

އޭރު ޅަހުއްތު ޝަޒިން ގޮވައިގެން ފަހަތުން އާދެއެވެ.

ގެއަށް ވަނުމާއެކު ޝާންގެ މަންމަ ވަޑައިގެން އޮޅުލައިގަތެވެ. “އަވަހަށް ޑޮކްޓަރަކަށް ގޮވާ.”

” ނޫން މަންމާ. ހީވަނީ މާ ބޮޑު ކަމެއް ނުވޭހެން. ދެއްވާ ބެންޑޭޖެއް”.

ޝާންގެ މަންމަ ދުވެ ވަޑައިގެން ފަރސްޓް އެއިޑް ކިޓެއް ގެންނަވައި ދެއްވުމުން އާދިލާ ޝާންގެ ނިއްކުރިން ލޭފައިބާ ތަން ސާފުކޮށް ބެންޑޭޖެއް އަޅާލިއެވެ. ” މިތަން ފަހާވަރެއް ނުވޭ. އެހާ ގޯހެއް ނޫން”. އާދިލާ ޝާންގެ މަންމައަށް ދެންނެވިއެވެ.

” މަންމާ، މިއީ އާދިލާ . އަޅުގަނޑު ދެންނެވީމެއް ނޫންތޯ .”

” އެހެންތަ؟ މީ ހާދަ ރަނގަޅު ކުއްޖެއްހެން މަންމައަށް ހީވެޔޭ.”

” އަޅުގނަޑުގެ ފުރާނަ ސަލާމަތް ކޮށްދޭނީ ރަނގަޅުވީމަ ނޫންތޯ ؟”

” އަވަހަށް ދާންވީނު، ފެންވަރާ ހެނދުން ބަދަލު ކުރަން”. އާދިލާ ގޮވައިގެން އޭނާގެ މަންމަ ވަޑައިގެން ކޮޓަރިއެއް ދައްކަވައިފިއެވެ. ޝާންގެ މަންމަގެ ކިބައިގައިވެސް ޝާންއާއި އެއްގޮތް ކަންތަކެއް ހުރިކަން އާދިލާއަށް ފާހަގަ ކުރެވުނެވެ. މޫނުފުޅުމަތިން މާގިނަ ޝުއޫރެއް ފާޅެއް ނުވެއެވެ.

އާދިލާ ފެންވަރައިގެން އަވަހަށް ނުކުތީ ޝާންގެ ހާލު ބަލާލަން ދިއުމަށެވެ. އެހެންނަމަވެސް ވަރުބަލިކަން އޭނާގެ މައްޗަށް ގަދަވެގަތެވެ. އެވަގުތު ކޮންމެވެސް މީހަކު ދިއްކޮށްލި ކިރުތަށްޓެއް ބޯލުމަށްފަހު އޭނާ އެތާހުރި އެނދެއްގައި އޮށޯވެލިއެވެ. އޭނާގެ ބޯ އެނދުގެ ބާލީހުގައި ޖެހުނުކަން އެނގުނެވެ. ދެންވީ ގޮތެއް ނޭނގުނެވެ.

އޭނާއަށް ހޭލެވުނީ ރާޅުޖާހާ އަޑަށެވެ. އޭރު މީހަކު ހުރީ ކުޑަދޮރު ހުޅުވައި ފަރުދާ ކަހާލާފައެވެ. ކުޑަދޮރުން ފެންނަން ދާދި ކާރީގައި އޮތީ ހޯރަފުށީގެ ހިތްގައިމު ގޮނޑުދޮށެވެ. އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ރީތި ގުދުރަތީ ގޮނޑުދޮށްތަކުގެ ތެރޭންވެސް ސާފުކަމާއި ރީތިކަމުގެ ގޮތުން މަޝްހޫރުވެފައިވާ ގޮނޑުދޮށެކެވެ.

އާދިލާގެ މޫނަށް އިރުގެ ދޯދިތައް އެޅިފައި ހުއްޓެވެ.

މިއީ ވަރަށް ހިތްގައިމު ކޮޓަރިއެކެވެ. އެތެރޭގެ ޑިޒައިން ތަކާއި ކުލަތައްވަނީ ވަރަށް ރީއްޗަށް ގުޅުވާފައެވެ. ބުނެވޭނީ މިއީ ވަރަށް އަންހެން ވަންތަ ކޮޓަރިއެއް ކަމުގައެވެ. މިއީ އަނެއްކާ ލަރީސާއަށް ޚާއްސަ ކުރެވިފައިވާ ކޮޓަރި ނޫން ބާއޭ އޭނާގެ ހިތަށް އެރިއެވެ.

އަސްތާ! ޝާން!… އާދިލާ ކުއްލިއަކަށް ހަނދާންވިއެވެ. ޝާންގެ ހާލުކޮޅު މިހާރު ކިހިނެއް ބާއެވެ.

އާދިލާ އަވަހަށް ފެންވަރާލައިގެން ހެދުންލާ ކަބަޑް ހުޅުވާލިއިރު އޭނާގެ ހުރިހާ ހެދުމެއް ހުރީ އިސްތިރިކޮށް ތަރުތީބު ކުރެވިފައެވެ. އޭނާ ލީ ހުދުކުލައިގެ ތުނި ޖީންސަކާއި ގަޔަށް ދޫ ކޮޓަން ތުނި މައްޗެކެވެ. އޭރު ފަރުމައްޗަށް ބިންދަމުންދާ ބިޔަ ރާޅުތައް އެ ކޮޓަރީގެ ކުޑަދޮރަކުން ފެނެއެވެ. އެ ރާޅުތަކުގެ ތެރެއަށް ގެނބެމުން ދިޔަ މީހަކު ސަލާމަތް ކުރުމަށް އޭނާ އިއްޔެ ކުރި މަސައްކަތުގެ މަތީން ހަނދާން އާވިއެވެ. އާދައިގެ ފެން ފައިވާނަކަށް އަރައިގެން އޭނާ ބެލްކަނީއަށް ނުކުމެ އެދިމާ އަތިރިމަތި ރީއްޗަށް ބަލާލިއެވެ. އެތަނުން ފެންނަން އޮތީއަކީ ކުރީގައި އޭނާ ހީކުރިގޮތަށް އޮތް ދޮންވެލީގެ މަގެއް ނޫނެވެ. ތާރު އަޅާފައި ދެފަރާތުގައި ރުކާއި ގަސް އިންދާ ޒީނަތްތެރި ކޮށްފައިވާ މަގެކެވެ. މަގަށް އަލިކުރުމަށް ދެފަރާތުގައި ސޯޑިއަމް ލައިޓްތައް ބެހެއްޓިފައި ހުއްޓެވެ. ދުއްވާ އެއްޗެހިވެސް މިހާރު ގިނަވާން ފަށައިފިއެވެ. އެއް އިރެއްގައި ރާއްޖޭގެ ރައްތައް އަޑިއަށް ހިނގައިދާނެތީ ދެކެވުނު ވާހަކަތަކާ ގުޅިގެން ގޮނޑުދޮށުގައި ލާފައި ހުރި ގާތައް މިހާރުވެސް އެބަހުއްޓެވެ. އެހެންނަމަވެސް މޫސުމަށާއި ޖައްވަށް އައި ބަދަލެއްގެ ސަބަބުން ދުނިޔެ ހޫނުވަމުން ދިއުން ހުއްޓި، ވާން ފެށީ ފިންޏެވެ. އެހެންކަމުން ރާއްޖޭގެ ރީތި ގޮނޑު ދޮށްތައް ކުރިއެކޭ އެއްގޮތަށް އަލުން އާލާވެ ހޭޅިފަށުގައި މަގޫގަސްތައް ހެދި ޒަމާނުއްސުރެ ރާއްޖޭގައިއޮތް ގުދުރަތީ ރީތިކަން އަލުން އާލާވެގެން އަތުވެއްޖެއެވެ. ހަމަ އެއާއެކު މިހާރަކަށް އައިސް ރާއްޖޭގެ އުތުރުން ހެނދުނު ފެންނަމުންއަންނަ ދުންފިނީގެ އަސަރުތައް އޭނާގެ ކޯތާފަތުގައި ބީހިލައިފިއެވެ.

އާދިލާ ހައިރާންވީ މިހާ ހެނދުނާ މީހުން މޫދަށް އެރެން ތައްޔާރުވެގެން ގޮނޑުދަށަށް ނުކުންނަތަން ފެނިގެންނެވެ. މިއަދު މީ ކޮންމެވެސް ބަންދު ދުވަހެއްކަން އާދިލާ ހަނދާންވިއެވެ. ރާއްޖެތެރޭގެ މީހުންވެސް ޗުއްޓީ ދުވަހު މޫދަށް އެރި މަޖާ ކުރަން އާދަވަމުންދާތީ އާދިލާއަށް ބަޔާން ކުރަން ނޭނގޭ ކަހަލަ އުފަލެއް އިހްސާސްވިއެވެ. އިރުގެ ތޫނު ދޯދިތައް ދުންފިނީގެ ތުނި ފަރުދާގެތެރޭން ފުރޭނިގެން އައިސް އާދިލާގެ ހަށިގަނޑުގައި ފިރުމަންފެށިއެވެ.

އެވަގުތު މީހަކު ދޮރުގައި ޓަކިޖަހާލުމުން އާދިލާ އެތަނުން ތެދުވެއްޖެއެވެ. ޒޫނާ ސައިތަބަކެއް ހިފައިގެން އައިސް ހުއްޓެވެ.

” އާދިލާގެ ހާލު ކިހިނެއްތަ.”

” އަހަރެން މިހިރީ ހަދަންވީ ގޮތެއް ނޭނގިފަ .” އާދިލާ މިހެން ބުނި އިރު ޒޫނާ ރިހިކުލައިގެ ފޯންޗަކުން ފިނިފެންމަލުގެކުރެހުމެއް އަޅާފައިވާ ޖޯޑަކަށް ކޮފީއާއި ކްރީމް އަދި ހަކުރު އަޅަމުން ދިޔައެވެ.

” ޝުކުރިއްޔާ ޒޫނާ” އަހަރެން ހާދަވަރަކަށް އެބަ ފެންބޮވައޭ. ހީވަނީ އިއްޔެ ބޮވުނު ލޮނުގެ އަސަރު އަދިވެސް ނުފިލަނީހެން. މިހާރު ޝާންގެ ހާލު ކިހިނެއް ؟”

” އަދި މުޅިއަކުން ރަނގަޅެއް ނޫން މިހާރުވެސް ޑޮކްޓަރ އެބައިންނެވި ޝާންގެ ކާރީގަ .”

ޒޫނާ އިރުކޮޅަކަށް އާދިލާގެ މޫނަށް ބަލަން ހުރެފައި ބުންޏެވެ. ” ކަމަނާ ވަރަށް ހިތްވަރުގަދަ . މިރަށު މީހުން އެވާހަކަ ވަރަށް އެބަދައްކާ.”

” އެއަކީ އަހަރެންގެ ހިތްވަރު ގަދަކަމުން ކުރެވުނު ކަމެއް ނޫން. އަހަންނަށް ފުންމާލެވުނު ގޮތްވެސް ނޭނގުނީ . އެހެންނޫންނަމަ އެ ވަގުތު އެތަނަށް ފައިބަން ތައްޔާރުގައި ތިބި އެހެން އެންމެނަށް ވުރެ ކުރިން އަހަންނަށް ފުންމާ ލެވުނީސްތަ؟. ދެން ފޭބި މީހުނަށް އަހަރެމެން ނުފެނުނީ އަޑިއަށް ދިޔަގޮތަށް ލޯންޗްގެ ދަށަށް ވަދެވުނީމަ. ދެން އޮއިވަރާއެކު އަހަރުމެން ދަމައިގަތީ ބޭރަށް.”

” އެންމެންވެސް ބުނަނީ ޝާންގެ ފުރާނަ ސަލާމަތްވީ ކަލޭގެ ސަބަބުން ނޭ. އަހަރެންވެސް ދެކެނީ އެގޮތަށް.” ޒޫނާ ބުންޏެވެ. ” ހެނދުނުގެ ސައި ތައްޔާރުވާނީ އަދި ބައިގަޑިއެއްހާ އިރު ފަހުން . ކަމަނަ ވިދާޅުވީ ތިބޭފުޅާގެ ސައިފޮދު ވެސް އޮތީ އެ ބޭފުޅުންނާ އެކުގައޭ.”

އެ މަޑުމައިތިރ އަންހެން މީހާގެ މަތީން އާދިލާގެ ހަނދާންވިއެވެ. އެބޭފުޅާގެ ލޯފުޅުވެސް ޝާންގެ ލޯފުޅާ ހާދަ ވައްތަރެވެ. ނޫހުގައި ހުރި ވާހަކަތައް ކަމަނައަށް ވެސް ފެނިވަޑައިގަންނަވާނެ ތާއެވެ.

” ޝާންގެ މަންމައަށް ޝުކުރު ދަންނަވާ . އަޅުގަނޑުވެސް އިރުކޮޅަކުން އެބަ ދަން”

ކޮފީ ތަށި ހުސްވީމާ އާދިލާ ނުކުތީ ޝާން އޮންނެވި ތަނެއް ފެނޭތޯއެވެ. އޭނައަށް ނުކުމެވުނީ ޅަހުއްތު ކުރިމައްޗަށެވެ.

“އައްސަލާމު އަލައިކުމް.” ޅަހުއްތު މަޑުމަޑުން ބުނަމުން އަދަބުވެރިކަމާއެކު ގުދުވެލިއެވެ. “ތިޔަ ހޯއްދަވަނީ ޝާން ދެއްތޯ؟”

“އާނ! . އެބޭފުޅާ މިއަދު ކިހިނެއް؟”

” ހޭފުޅުލައްވާފަ އުޅުއްވީ ތެދުވެ ވަޑައިގަންނަވަން. ޑޮކްޓަރ ވިދާޅުވީ 24 ގަޑިއިރު ނުތެދުވެ އޮންނަން. ޝާން އެވާހަކަ އަޑުފުޅެއް ނައައްސަވާ. ތި ބޭފުޅާ ވިދާޅުވީމަ ގަބޫލު ކުރައްވަފާނެ “.

” އަހަރެން ބުނީމައޭ ” އާދިލާ ސުވާލު ކޮށްލިއެވެ. ” ހުރިހާ އެންމެން ބުނާގޮތް ހެއްދެވިޔަސް އަހަރެން ބުނާ ގޮތެއް ނަހައްދަވާނެ .”

ޅަހުއްތު އާދިލާއަށް މަގު ދެއްކިއެވެ.

އެ ބޮޑު ސިޓިންގ ރޫމް ފުރިފައި އޮތީ ފައިލްތަކާއި ފޮތް އަލަމާރިތަކުން ނެވެ. އެއީ ޝާންގެ އާސާރީ ފޮތްތައް ކަން އެނގެއެވެ. އޭގައި ވަރަށް މުހިންމު ތާރީޚީ ލިއުންތައް ހުންނާނެކަން ޔަގީނެވެ. ޒަމާނީ ގޮތަށް އެއެއްޗެހި ބެހެއްޓުމަކީ ކުރަން ޖެހިފައިވާ ބޮޑު މަސައްކަތަކަށް ވާނެއެވެ. ދޮރު ހުޅުވާލުމާއެކު ބަޔަކު ވާހަކަ ދައްކާ އަޑު އިވެންފެށިއެވެ. އޭރުވެސް ޝާން ތެދުވެ ވަޑައިގަންނަވަން ގަދަހައްދަވައެވެ. ދެން ތިބި މީހުން އެބޭފުޅާއަށް ވިސްނާ ދެވޭތޯ އުޅެއެވެ.

“އާދިލާ..!” އާދިލާ އަންނަތަން ފެނިގެން ޝާން ގޮވާލެއްވިއެވެ. އޭނާގެ ލޮލުން ފެނުނީ އުފާވެރިކަމެވެ. ” އަހަރެން މިހާރު ގަދައޭ މީނދަ ޑޮކްޓަރު ގާތު ކަލޭ ބުނެދީބަލަ.”

އެނދުގެ ކާރީގައި ހުރީ އުމުރުން 25 ހަކަށް އަހަރުގެ ޒުވާނެކެވެ. ޝާން ހިނިތުންވެފައި އޮންނެވިތަން ފެނުމުން އާދިލާ އުފާވިއެވެ. އޭނާ ޝާންގެ ގާތަށް އައުމާއެކުޝާން އޭނާގެ އަތުގައި ހިއްޕަވާ ދަންމަވައިލެއްވި ގޮތަކުން ޝާންގެ ގައިކޮޅުމައްޗަށް އޭނާ ވެއްޓިއްޖެއެވެ. އެވަގުތު އިޚްތިޔާރެއް ނެތް މަސްހުނި ވުމެއް ދެމީހުންނަށް ހިއްސާވެގެން ދިޔައެވެ. ދެމީހުނަށް ވެސް ހަރަކާތެއް ނުގެނެވި އެގޮތަށް އިރުކޮޅަކަށް ތިބެވުނެވެ.

“ޝުކުރިއްޔާ!” އެންމެފަހުން އާދިލާ ތެދުވުމުން ޝާން ވިދާޅުވިއެވެ.

” އަޅުގަނޑަށް ޝުކުރު އަދާކުރައްވާ ވަރުގެ ކަމެއް ކުރެވިއްޖެތޯ.” ޝާންގެ މޫނުފުޅުން އަދިވެސް ތަދުގެ އަސަރު ފެންނަން ހުއްޓެވެ.

ނުނިމޭ