ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ އެރަށުގެ ރައްޔިތުން ވަރަށް ކުރީންސުރެން ދެކެމުން އަންނަ ހުވަފެނެއްކަމަށާއި މިއަދު އެ ހުވަފެން ހަގީގަތަކަށް ވެގެންދާނެކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ
ކުޅުދުއްފުށީގައި ގާއިމްކުރާ ބޮޓަލިން ޕްލާންޓްގެ ބިންގާ އަޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އޭގެތެރެއިން ވެސް ރައީސް އަބްދުﷲ ޔާމީން މިއަދު އިފްތިތާހުކޮށްދެއްވާ އެއާޕޯޓުގެ މަޝްރޫއާއެކު ރައްޔިތުންނަށް އެތައް އުފަލެއް ލިބިގެންދާނެ ކަމަށެވެ
ކުޅުދުއްފުށީގެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް އެ ރަށަށް އެމްޓީސީސީ އިން ގެންގޮސްފައިވާ މަހާ ޖައްރާފުގެ ފަޅުވެރިންނަށް އެ ރަށުގެ ރައްޔިތުން އެރުވި ފަރިވަޅަށް އިޝާރަތް ކުރައްވައި މުއިއްޒު ވިދާޅުވީ އެ މަންޒަރަކީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ރަށަކުން ފެނިގެން ގޮސްފައިވާ މަންޒަރެއް ނޫންކަމަށާއި އެކަމުންވެސް ދައްކައިދެނީ ރަށުގެ ރައްޔަތުން އެއާޕޯޓް ހަދަން ބޭނުންވާ މިންވަރުކަމުގައެވެ
ކުޅުދުއްފުށީގެ އަޅާ އެއާޕޯޓް އިފްތިތާހްކުރަން މިރޭ އެ ރަށުގައި “އުދުހޭ”ގެ ނަމުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފައިވާއިރު މި ޖަލްސާގައި ރައީސް ޔާމީންގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ