ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅާދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓަރީން ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތީން ރާއްޖޭގެ 57 ރަށެއްގައި ޕަބްލިކް ހައުސިިން ޕްރޮޖެކްޓުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10ގައި ބަޔާންކުރާ ހަމަތަކުގެ މަތީންކަމަށެވެ.
ފިނޭންސް އިން އިތުރަށް ބުނީ މި މަޝްރޫއުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެނެކްސް ދޭއްގައި ކަނޑައަޅާފައިވާ ކެޓަގަރީތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ. އަދި ފައިނޭންޝަލް މޮޑެލްތަކާއި އެ މޮޑެލްތަކުގެ ތަފްސީލީ މައުލޫމާތު މި މަޝްރޫއުގެ ދަށުން ކުރެވޭ އިއުލާންތަކުގެ ސްޕެސިފިކް ޕްރޮކިއުމަންޓް ނޯޓިސްތަކާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ.
އިތުރަށް އެ މިނިސްޓްރީން ބުނީ ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އަށް ހުޅުވާލެވޭ ކޮންޓްރެކްޓްތަކަށް ހާއްސަ ޕްރޮކިއުމަންޓް ނޯޓިސްތައް، ފެބްރުއަރީ 2025 ގައި، އިއުލާންކުރެވޭނެ ކަމަށެވެ.