ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ފޯމު ހުށަހެޅި މީހުންގެ އަދަދު 5،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
ޖަނަވަރީ 18 އިން ފެށިގެން “ހިޔާވެހި” ޕޯޓަލު މެދުވެރިކޮށް ހުޅުވާލި މި ފުރުސަތުގައި، މިހާތަނަށް ޖުމުލަ 5,067 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އެންމެ ބޮޑު ތަރުހީބެއް ލިބެމުންދަނީ ފްލެޓަށެވެ. އެގޮތުން 3،434 މީހުން ފްލެޓަށް އެދި ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 1،633 މީހުންނެވެ. މީގެ އިތުރުން، 11،000 އަށްވުރެ ގިނަ މީހުން ޕޯޓަލު މެދުވެރިކޮށް ފޯމު ފުރުމުގެ ޑްރާފްޓް މަރުހަލާގައި ތިބި ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި މަޝްރޫއުގެ ދަށުން ޖުމުލަ 15،000 ގޯއްޗާއި 7،900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭ ރަށްވެހިންގެ އިތުރުން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ހާއްސަ ކޯޓާތަކެއް ވަނީ ކަނޑައެޅިފައެވެ.
ގޯއްޗަށް އެދި ހުށަހަޅަން އޮތް ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.