English Edition
Dhivehi Edition

މާލެއަށް ގޮސް މަޑުކޮށްލީ ޝާންގެ ޝިޕިންގލައިންގެ ހެޑްއޮފީހަށެވެ. އެތަނުގެ 12 ވަނަ ބުރިއަށް އެރުމަށް ލިފްޓްގެ ބަޓަނަކަށް ޝާން އޮއްބަވާލެއްވިއެވެ. ޝާންގެ ވިޔަފާރި ފުޅާވެފައިވާ މިންވަރު އާދިލާއަށް ފާހަގަ ކުރެވުނީ އަދި ކިރިޔާއެވެ. އެ އޮފީހުގައިވެސް ޝާންއަށް ޚާއްސަ އޮފީހަކާއި އަރާމުކުރާ ކޮޓަރިއެއް ހުއްޓެވެ.

” ބައެއް ދުވަސްވަރު މިތަނުން ނުނުކުމެ ދެތިން ހަފްތާވަންދެން އުޅެންވެސް ޖެހޭ.” ޝާން ވިދާޅުވިއެވެ. “އަނެއްކާވެސް ކޮފީއެއް ހަދާލަންވީ ނޫންތަ؟ އޭރުން މިތަނުގައި ހުރި ކަންތައް ނިންމާލަން އިރުކޮޅަކު މަސައްކަތް ކޮށްލެވިދާނެ”.

އެތަނުގައިވެސް ވަރަށްގިނަ މަސައްކަތްތައް ހުއްޓެވެ. ބައެއް ބޯޓްތައް ވިއްކާލުމާއި އާ ބޯޓްތައް ހޯދުމާއި އަދި ބޭރުގެ އެކި ކުންފުނިތަކާ ކުރަންޖެހިފައިވާ އެގްރީމެންޓް ތަކާ މިހުރިހާކަމެއް ހިނގަމުންދާގޮތް ބެއްލެވުމަށް އެދުވަހު 5 ޖަހަންދެން އެތަނުގައި ޝާން މަސައްކަތް ކުރެއްވިއެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި އާދިލާވެސް ޝާމިލު ވެގެން އުޅުނެވެ.

ޝާންގެ ކޮމްޕިއުޓަރގައިވާ ހުރިހާ ފައިލްތަކެއް އާދިލާގެ ޕާމްޓޮޕަށް ބަދަލުކުރަން އަންގަވާފައި ޝާން ސިގަރެޓެއް ރޯކުރައްވައިގެން ބެލްކަނީއާ ދިމާއަށް ވަޑައިގަންނަވަމުން ވިދާޅުވިއެވެ. “އަހަރެމެން ވަރަށް އަވަހަށް ހޮޓަލަށް ދާނެވާހަކަ ޅަހުއްތުގާތު ބުނޭ.”

އާދިލާ ފޯން ބޭއްވޭހާ ނުވަނީސް ޝާން ވަޑައިގެންފިއެވެ.

ޝެރެޓަން މާލެ ހޮޓާ ވަނީ ރިޕޯރޓަރުންތަކުން ތޮއްޖެހިފައެވެ. ” އެމީހުން އެތާ އެތިބެނީ ހެނދުނުން ފެށިގެންނޭ ޅަހުއްތު ބުނި” އާދިލާ ދެންނެވިއެވެ. ” އެކަމަކު އެއަކީ ތިޔަ ބޭފުޅާއަށް އާކަމެއް ނޫނެއް ނޫންތޯ .”

“އަހަރެން ހުންނަނީ މި ކަހަލަ ކަންތަކަށް އާދަވެފަ. ބައްޕައަކީ ވެސްމަޝްހޫރުކަމަށް ލޯބި ކުރެއްވި ބޭކަލެއް. އެކަމަކު މަންމަ އެއްގޮތަކަށްވެސް ބޭރަކަށް ނުނިކުންނަވާނެ. އަދި ފޮޓޯއެއްވެސް ނެގިޔަކަ ނުދެއްވާނެ. އަހަރެން ބައްޕައާ ވަރަށް އެއްގޮތް ވާނެ. އެކަމަކު ނޫސްވެރިންނާ މެދު އަހަރެން ކަންތައް ކުރާގޮތް ބައްޕައާ ތަފާތުވާނެ. އަހަންނާމެދު ގޯސް ޚަބަރު ފެތުރެނީ އެހެންވީމަ. އެކަމަކު އެފަދަ ވާހަކައާމެދު ކަންކުރާނެގޮތް މަށަށް އެނގޭ. މިހާރު އެމީހުން ކޮންމެފަދަ އެއްޗެކޭ ލިއުނަސް އަހަންނަކަށް އެކައްޗެކޭވެސް ހިތަކަށް ނާރާ. އެއަށްވުރެން އަހަރެންގެ ގައިގެ ހަން ބޯ ވާނެއޭ ކަލޭ ގާތު ބުނީމެއްނު. މިއީ އަހަރެންގެ އުފަން ރަށް. އެމީހުނަށް އަހަރެން އިހްތިރާމް ކުރަން ޖެހޭނެ. އެކަކުވެސް އޭނަގެ ދިރިއުޅުން މައިކްރޮސްކޯޕަކަށް ލާކަށް ނޭދޭނެ. އެކަމަކު އެމީހުނަށް ވެސް ލިޔާނެ ޚަބަރެއް ދޭންވާނެ. އަދި އަހަންނަށްވެސް ހަމަ ނޭވާއެއް ލެވެންވާނެ . މިއީ އުނދަގޫ ޗެލެންޖެއް.”

ޅަހުއްތު އެ ހޮޓަލުގެ ކަންތައް ހުރިގޮތް ކިޔައިދިނީ ކަންބޮޑުކޮށްގެން ނޫންކަން ފެންނަން ހުއްޓެވެ. ކާރު ހުއްޓާލުމާއެކު ރިޕޯރޓަރުންގެ ފައުޖެއް އައިސް ކާރު ވަށާލައިފިއެވެ. ޝާން ކާރު ދޮރު ހުޅުވާލުމާއެކު އާދިލާއަށް އެންގެވީ އަވަހަށް އެތެރެއަށް ވަނުމަށެވެ.

އާދިލާގެ ވަށައިގެން ކޮއްޕަމުން ގަޅުވަމުން ފޮޓޯނަގަމުން ނޫސްވެރިންތައް ލިފްޓާ ހަމަޔަށް ދިޔައެވެ. އޭރު ޝާން ހުންނެވީ އާދިލާގެ އަތުގައި ހިއްޕަވައިގެންނެވެ. މިކަންތަކުގެ ތެރޭގައި އާދިލާ އަރިއަޅައިގެން ވެއްޓެން ދިޔަ ބާރުގައި ކޮންމެވެސް މީހެއްގެ ކެމެރާއަކުން އާދިލާގެ މޫނުމަތީގައި ޖެހުނެވެ. އާދިލާއަށްވީތަދުން ހަޅޭލަވައިގަނެވުނެވެ. ޝާން މިކަމާ ވަރަށް ކޯފާވެފައި އެނބުރިވަޑައިގެން އެމީހުނަށް ވިދާޅުވިއެވެ. ” އަހަރެމެންނާ ނުބެހި މިތަނުން ދާން އުޅޭ”.

ތަދުވެ އަނިޔާވެފައިވާ އާދިލާއަށް، ޝާންގެ އެހީތެރިކަމާއެކު އެންމެފަހުން ލިފްޓަށް އެރިއްޖެއެވެ. އެހާ ހިސާބުން އޭނައަށް ހަމަ ނޭވާއެއް ލެވުނެވެ.

“ޅަހުއްތު! ލަގެޖްތައް ކޮޓަރިއަށް ގެންދާނެކަމެއްނެތް. އެ އެއްޗެހި ދުވާރަށަށް ގެންދޭ. ”

“ތިބޭފުޅާ ޚާއްސަ ލޯންޗްކޮޅުގެ ފަޅުވެރިންނަށް މާދަމައާ ހަމަޔަށް ވާނީ ޗުއްޓީ ދެވިފަ . އެހެން ލޯންޗެއް ހަމަ ޖައްސަންތޯ.”

“އެހެން ހަދާ!. 15 މިނިޓް ތެރޭ ކާރު ތައްޔާރު ކުރަން އަންގާ! . ސަޒިންވެސް ބޯޓަށް ގެންދޭ!. އަހަރުމެން ތިރިއަށް ފައިބާއިރު ރިޕޯރޓަރުން ނެތްކަން ޔަގީން ކުރޭ!.”

“ވިދާޅުވި ގޮތެއް”. ޅަހުއްތު އަދަބުވެރިކަމާއެކު ދެންނެވިއެވެ.

ޝާން އެނބުރިވަޑައިގެން އާދިލާއަށް ބައްލަވާލެއްވިއެވެ. ” ކަލޭ ތިއޮތް ތުރުތުރުލަނީ ނު؟”

ޝާން މިހެން ވިދާޅުވީ ވަރަށް އޯގާވެރި ކަމާ އެކުގައެވެ.

” މިއީ އަހަރެންނަށް ހެދުނު ގޯހެއް. މިފަހަރު އަލީ އަފީފްގެ މަޅީގައި މިއޮތް ޖެހެވުނީ އަހަންނަށް.”

” އަޅުގަނޑަށް ހީވަނީ މީ އަޅުގަނޑުގެ ކުށެއްހެން . ކުރަން ނުވާ ބައެއް ކަންތައް އަޅުގަނޑަށްވެސް ކުރެވުނީ .”

“ކަލޭ ގެނައީ އަހަރެން . އެހެންނޫނަސް ކަލޭގެ ބައްޕަ ދުރުވާއިރު ކަލޭ ހުންނަންވެސް ޖެހޭނެ.”

އާދިލާ ހައިރާން ކަމާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. ” ބައްޕަ އަންނަނީ؟ ކޮން އިރަކުތޯ ؟ އަދި އަޅުގަނޑަށް މި އުޅެނީ ބައްޕައާ ގުޅާނުލެވިގެން”.

” އަހަރެން މިއަދު ގުޅާލީމާ ބުނުއްވި އެ ވަޒީފާ ގަބޫލު ކުރައްވަމޭ. އެންމެ އަވަހަށް އަންނަ ފުލައިޓަކުން ދުރުވާނެ . އަހަރެން އޮންނާނީ އެ ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފަ .”

އާދިލާއަށް އެވާހަކަފުޅު ގަބޫލުކުރަންވެސް ދަތިވިއެވެ. ބައްޕަ ކަހަލަ މުސްކުޅި ޚިޔާލުގެ މީހަކު އެހާ ފަސޭހައިން ގެ ދޫކޮށްލާފައި މިހާ ދުރަށް ދަތުރެއް ކުރަން އެއްބަސްވާނެ ކަން އެއީ އޭނާ ހައިރާން ކުރުވި ކަމެކެވެ. ބައްޕައަކީ ކަނޑު ދަތުރެއް ކުރަންވެސް ބޭނުން ނުވާ މީހެކެވެ. މަތިންދާ ބޯޓަކަށް ދުވަހަކުވެސް ނާރައެވެ. ބައްޕަގެ އެނދުގަ ނޫނީ ބައްޕައަކަށް ނުނިދޭނެއެވެ. އޭނާ އަށް ލިބުނު ހައިރާންކަމާއެކު ހުއްޓުން އަރާފައި ހުއްޓެވެ. އޭނާއަށް ނައަންގަވާ ޝާން މިކަންތައް ރޭއްވެވީ ކިހިނެއްބާއެވެ.

“ކަލޭގެ ބައްޕަ ދުރުވަން ހަމަ ޖެހުނީތީ ކަލޭ ހައިރާންވެފަ ހުރިހެން އެބަ ހީވޭ “. ޝާން ވިދާޅުވިއެވެ.

” އާދެ! ވަރަށް ހައިރާންވެއްޖެ . ބައްޕަގެ ގޮތް އެނގިލައްވާނަމަ ތިބޭފުޅާވެސް ހައިރާންވެ ވަޑައިންނަވާނެ.”

“ފަހަރުގަ އަހަރެންގެ ހުށަހެޅުން ކަލޭގެ ބައްޕައަށް ކަމުދިޔައި ކަންނޭނގެ .”

” ބައްޕަ އެހާ ގަދައެއްވެސް ނޫން. ބައްޕަ އެކަނި އެ ވަރުގެ ދަތުރެއް ކުރައްވާގޮތަށް ހަމަޖެއްސެވިކަން އެއީ ރަނގަޅަށް ކުރެއްވި ކަމެއް ނޫން.”

“ކަލޭގެ ބައްޕަ ބޭނުން ކަމެއް ކުރުމުގެ އިޚްތިޔާރުވެސް އޮންނަންވާނެ. އަހަރެން ކަލޭގެ ބައްޕައަށް އިންކާރު ނުކުރެއްވޭ ވަރުގެ މުސާރައެއްވެސް ހުށައެއް ނާޅަން. ކަލޭ ތިހެން ބުނަންވާނީ ކަމުގެ ހަގީގަތް ރަނގަޅަށް ބަލާފަ . އަމުދުން ކަލޭގެ ދުލުން ތިހެން ބުނާ އަޑު އަހާކަށް ބޭނުމެއް ނޫން. ތައްޔާރުވެއްޖެއްޔާ ފުރަން ހިނގާ!”

 

ލޯންޗަށް އެރީއްސުރެ ޝާން އާދިލާއާ ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ހިތްގައިމު ދުވާރަށް ވަނީ އޭނާގެ ވެރިމީހާ ވަޑައިގަންނަވާއިރަށް ތައްޔާރުވެފައެވެ. އޭރު ޕަސެންޖަރުން އައުމާއި ފުރުމުގެ ހަރަކާތްތަކެއްވެސް ހިނގަމުން ދެއެވެ. ކާރީގައި އޮތް ސީ ޕްލޭނުން އާ ޕަސެންޖަރުންތަކެއް ފައިބާތަންވެސް ފެނެއެވެ. ދުވާރަށް ކޮންމެ ހިސާބެއްގައި އޮތަސް ޕަސެންޖަރުންގެ ދަތުރުފަތުރަކަށް ދަތިކަމެއް ނޯވެއެވެ. ޝާން އާދިލާ ފާލަމަށް އެރުވުމަށް އެހީތެރިވެ ވަޑައިގަތެވެ. ދެން އޭނާ ސަޒިން ގޮވައިގެން ވަޑައިގެންނެވީ ކެޕްޓަންގެ ކޮޓަރިއަށެވެ. އޭރު ޅަހުއްތު ލަގެޖް ގެނަސް ވައްދަނީއެވެ. ޝާން ހުންގާނު ކޮޓަރިން ބޭރު ބަލަހަށްޓަވައިގެން ހުންނެވި އިރު ފެންނަނީ ވަރަށް ސީރިއަސް ގޮތެއްގައެވެ. ޝާން އަށް ތަދުވާ ތަނެއްގައި އާދިލާ އަށް ޖަހާލެވުނީކަން އެނގެއެވެ. އެއީ ޝާންގެ އިއްޒަތްތެރިކަމުގައެވެ. އޭނާ ކަންތައް ކުރުވަނީ ފައިސާއާއި ރިޝްވަތުން ކަމުގެ ތުހުމަތު އޭނާގެ އިސްތަށިފުޅުގައި އަޅުވާލެވުނީތީއެވެ.

އޭނާއަށް އެބުނެވުނު ނޭދެވޭ ބަސްތައް ޝާންގެ ހަނދުމަފުޅުން ފިލާނެ ބާވައެވެ. އޭނާވަނީ ހުރިހާ ކަމެއްވެސް ޝާންގެ މުއްސަނދިކަމުގެ ނުފޫޒުން ކުރައްވާ ކަމުގެ ތުހުމަތު އަޅުވާފައެވެ. ފައިސާއިން ހުރިހާ އެއްޗެއް ގަނެވިދާނެއެވެ. އަދި މީހުންވެސް ގަނެވިދާނެއެވެ. މިއީ އޭނާ އެއްފަހަރަކު ބުނެފައިވާ ޖުމުލައެކެވެ. މިއަކީ މުޅިއަކުން ދޮގެއްވެސް ނޫނެވެ.

ސަޒިން ފޫހިވެގެން ތިރިއަށް ފައިބާ ޗެންޗޭންގައި ހިފަހަށްޓައިގެން ގުދުވެލައިގެން އޮތެވެ. އިސާހިތަކު ބޯޓްގެ ފަޅުވެރިން އަރާ ނިމުމުން ދަތުރު ފަށައިފިއެވެ. މި ބޯޓުފުރާނެ ވަކިވަގުތެއް ކަނޑައެޅިފައި ނޯންނަކަން އޭގެ ފަޅުވެރިން ދަނެއެވެ. އެހެންކަމުން އެމީހުން ތިބެނީ އަބަދުވެސް ތައްޔާރުގައެވެ. ނިއުކްލިއަރގެ ބާރުން ދުއްވާތީ ތެޔޮލާކަށް ނުޖެހެއެވެ. ކޮންމެ ވަގުތަކު ދަތުރު ކުރަން ޖެހުނަސް ހުރަހެއް ނޯވެއެވެ. ސަޒިން އެއްފަހަރަކު އެތަނުން ނުވެއްޓުނީ ކިރިޔާއެވެ. ފާލަމުގެ އެހިސާބަކީ ހުންނަން ރައްކާތެރިތަނެއް ނޫނެވެ. ޚާއްސަކޮށް ދަތުރުކުރާއިރުގައެވެ. އާދިލާގެ އަވަސް ހަރަކާތަކުން އޭނާ ޗެންޗޭނުމަތިން ފުރަޅާލުމުގެ ކުރީގައި ސަލާމަތް ކޮށްފިއެވެ.

އިރު އޮއްސެން ކާރިވުމާއެކު އުދަރެހަށް ރަންކުލަ އަރައިގެން ދިޔައެވެ. އެކަމަކު އެ ރީތި މަންޒަރު ދެމިއޮތީ އިރުއޮއްސެންދެންނެވެ. އެއާއެކު ވައިބާރުވެ ކަނޑު ގަދަވާން ފަށައިފިއެވެ. އާދިލާއަށް ހިފަހަށްޓާލެވުނީ ކާށިދޫ ކަނޑަށް ނުކުމެވެންދެނެވެ. އޭނާ ބޯ އަނބުރާގޮތް ވާން ފެށީއެވެ. ހުރިހާ ކަމެއް ދެން ހަލާކުވީއޭ އޭނާގެ ހިތަށް އެރިއެވެ.

ނައިފަރަށް ކުރި ދަތުރު ވަރަށް ކުރެވެ. ޝާން ފައިބާވަޑައިގެންފައި ސީދާ ވަޑައިގަތީ އިފްތިތާހުގެ ޖަލްސާ ކުރާ ހޯލަށެވެ. ޝާންގެ ތަގްރީރު އެހާ ދިގެއް ނުކުރައްވައެވެ. އާދިލާ ލިޔެފައިވާ ދެތިން ޕޮއިންޓަކަށް އަލިއަޅުވާ ލައްވާފައި 10 މިލިއަން ރުފިޔާގެ ޗެކެއް ސްކޫލްގެ ނާޒިރަށް ދެއްވީއެވެ. ދެން އަވަހަށް ބޯޓަށް ވަޑައިގަތީއެވެ.

 

އޭގެ އަނެއްދުވަހު ހެނދުނު ހެނދުނާ ސަޒިން ބޭރަށް ނުކުމެ ހުރެގެން އުފަލުން ފުމެނީއެވެ. ދުވާރަށް އައިސް ހޯރަފުށީގެ ބޭރުގައި ބަނދަރު ކޮށްފައި އޮތެވެ.

” ކަލޭ ދެން ފުންމާލައިގެން ފަތައި ނުގަންނާތި.” ޝާން ވިދާޅުވިއެވެ.

” އާދިލާވެސް ތަންކޮޅެއް ހެނދުނާ ހޭލައިގެން ބޭރަށް ނުކުމެ ހުއްޓެވެ. އޭނާ ސަޒިން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ގެންދެއެވެ.

ދުވާރަށް ބަލަން ރަށުގެ މީހުން އަތިރިމައްޗަށް އެއްވަމުން ދިޔައެވެ. މީހުންދަނީ ހައްތާ ގިނަވަމުންނެވެ.

ޝާންގެ މުސްކުޅިގެ ވަކިން އޮތް ރުއް ވަލެއްގެ ތެރޭން ފާހަގަ ވާހާ ބޮޑުކޮށް ފެންނަން ހުއްޓެވެ. ވަރަށް ފަހުން އެގެ ރީތިކޮށް އަލުން ޑިޒައިން ކޮށްފައިވާތީ އެއީ އެރަށުގަ ހުރި އެންމެ ޒަމާނީގެއެއް ނޫނޭ ބުނެވޭ ކަށް ނެތެވެ. ހުރިހާ ދިމާއަކުން ފެންނަން ހުރި ގެތަކުގެ ތެރޭން އެގެ ފާހަގަވާހާ ފުރިހަމަވެފައި ޒީނަތްތެރިއެވެ. މިވާނީ ޝާންގެ އަމިއްލަ ޚިޔާލަކަށް ކޮށްފައިވާ ޑިޒައިނެކޭ އާދިލާ ހިތަށް އެރިއެވެ.

އާދިލާ އެނބުރިލިއިރު ޝާން ހުންނެވީ އޭނާއަށް ބައްލަވާށެވެ. ޝާން އޭނާގެ ހަރަކާތް ތަކަށް ބައްލަވަން ހުންނެވީ ކީއްވެ ބާއޭ އާދިލާގެ ހިތަށް އެރިއެވެ. މިއީ ޝާންގެ ރަށެވެ. ފެންނަން ހުރީ އޭނާގެ ގެއެވެ. އާދިލާ އާ މިރަށާމެދު ވިސްނަނީ ކޯނޗެއްތޯ ޝާން ބައްލަވަންވީ ކީއްވެ ބާއެވެ؟

އިރުކޮޅެއްގެ ތެރޭގައި ލައިޓްނިންގ ލޯންޗް ފާލަމާ ކާރި ކޮށްލިއެވެ. ޝަޒިން އަވަހަށް ފައިބަން އުޅެނިކޮށް އޭނާ ކައްސާލައިގެން ވެއްޓެން ދިޔައެވެ. އާދިލާގެ އަވަސް ހަރަކާތަކާއެކު ސަޒިން އަތުގައި ހިފާ އޭނާ ސަލާމަތް ކުރަން އުޅުނެވެ. ފަހަތުގައި ހުންނެވި ޝާންވެސް އަވަސް ހަރަކާތަކާއެކު އެދިމާއަށް ދުވެވަޑައިގަތެވެ. އަދި ހަމަ އެއާ އެކު ޝާން ކައްސާލައިގެން ލޯންޗާ ދެމެދަށް ވެއްޓި ވަޑައިގަތެވެ. އެއާއެކުޝާންއަށް ކޮންމެވެސް ބޮޑު އަނިޔާއެއް ވެއްޖެކަން އާދިލާއަށް ފާހަގަކުރެވުނެވެ.

-ނުނިމޭ-