މި އަހަރު ނިމޭއިރު ރާއްޖޭގެ އިޤުތިޞާދު 12.3 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށް ލަފާކުރެއްވޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުގެ ހަރުދަނާ އިޤުތިޞާދީ ފިޔަވަޅުތަކާ އެކު ރާއްޖޭގެ އިޤުތިޞާދަށް އަންނަމުން ދާ ހެޔޮ ބަދަލާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ.
މި ގޮތުން ރައީސް ވިދާޅުވީ މި އަހަރު ނިމޭއިރު ރާއްޖޭގެ އިޤުތިޞާދު 12.3 އިންސައްތަ ކުރި އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު އިޤުތިޞާދަށް 7.6 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަމަށް އަންދާޒާ ކުރެވޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ބަދަލުތަކުގެ ފަހަތުގައި އޮތީ ކުރިއަރަމުން އަންނަ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުމުގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރަމުންދިޔަ އަދަދާއި އެއްވަރަށް މިހާރު ފަތުރުވެރިން އަންނަމުންދާކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ ކޮވިޑަށް ފަހު ދުނިޔޭގެ ނިސްބަތުން އެންމެ ބާރު ދުވެލީގައި ކުރިއަރަމުންދާ 10 އިޤުތިޞާދުގެ ތެރޭގައި ރާއްޖޭގެ އިޤުތިޞާދު ހިމެނޭ ކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ ހަރުދަނާ އިޤުތިޞާދީ ފިޔަވަޅުތަކާ އެކު ރާއްޖޭގެ އިޤުތިޞާދު ކުރިއަރަމުންދާ ކަން ފާހަގަ ކުރައްވައި، ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަން ފެށުމުގެ ކުރިން އިޤުތިޞާދު އޮތް ހާލަތާ ގާތްކުރާ މިންވަރަކަށް ޤައުމުގެ އިޤުތިޞާދު ކުރިއަރާފައިވާ ކަމަށެވެ،