English Edition
Dhivehi Edition
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދެއްކެވުން ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ހަރުދަނާ އިޤުތިޞާދީ ފިޔަވަޅުތަކާ އެކު ރާއްޖޭގެ އިޤުތިޞާދު ކުރިއަރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަން ފެށުމުގެ ކުރިން އިޤުތިޞާދު އޮތް ހާލަތާ ގާތްކުރާ މިންވަރަކަށް ޤައުމުގެ އިޤުތިޞާދު ކުރިއަރާފައިވާކަން ފާހަގަކުރައްވަމުން ރައީސް މިހެން ވިދާޅުވީ މިއަދު ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ހިނގާ 2022 ވަނަ އަހަރަކީ ރާއްޖޭގެ އިޤުތިޞާދަށް ގޮންޖެހުންތައް ގިނަ އަހަރެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިނުގަނެވެނީސް، ވިލާތުގެ އިރުމަތީގައި ހަނގުރާމައެއް ފަށައި، އެ ހަނގުރާމައިގެ ނުރައްކާތެރި އަސަރު މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ކަމަށެވެ. އެ ކަމުގެ ނުރަނގަޅު އަސަރުތައް ރާއްޖޭގެ އިޤުތިޞާދަށް ވެސް ފޯރަމުންދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ގޮންޖެހުންތައް އޮތް ނަމަވެސް، ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއި ސިޔާސަތުތަކާ އެކު ރާއްޖޭގެ އިޤުތިޞާދީ ކުރިމަގު ފެންނަމުން ދަނީ އުޖާލާކޮށްކަމަށެވެ.

ކޮވިޑަށް ފަހު ދުނިޔޭގެ ނިސްބަތުން އެންމެ ބާރު ދުވެލީގައި ކުރިއަރަމުންދާ 10 އިޤުތިޞާދުގެ ތެރޭގައި ރާއްޖޭގެ އިޤުތިޞާދު ހިމެނޭ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ، މީގެ އިތުރުން 2021 އަދި 2022 ވަނަ އަހަރު ވެސް އެންމެ ބޮޑު އިޤުތިޞާދީ ކުރިއެރުމެއް ލިބިފައިވާ ފަސް ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.