ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕުޓީ މޭޔަރު އަހުމަދު ނަރީޝް ދޮގު ހެކިބަސް ދިން ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން އިދިކޮޅު ކޯލިޝަނުން ދޮގުކޮށްފިއެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނު ދިފާއުގައި ހުށަހެޅުއްވި ހެކިން ދޮގު ހެކިބަސް ދީފައިވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީނަށް އިއްވުމާއި ގުޅިގެން މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޔާމީންގެ ފަރާތުން ދޮގު ހެކިން، ހުށަހަޅާފައިވާ ކޯޓުން ނިންމާފައިވާ ނިންމުން ދޮގު ކުރައްވައި ރައީސް ޔާމީންގެ ފަރާތުން ދޮގު ހެކި ނުދޭކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އަދުރޭ ވަނީ އެ ހުކުމުގައި ފާސިގުންގެ ހެކިބަސް އެބައޮތް ކަމަށާއި އެމީހުންގެ ހެކިބަހަށް ހުކުމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އަދުރޭ ވަނީ ނަރީޝްގެ ހެކިބަސް ދޮގު ހެކިބަހަށްވެ، އަދީބާއި ޒިޔަތުގެ ހެކިބަސް ތެދު ވާންވީ ކީއްވެތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.