English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ އިއްވި ހުކުމުގެ ލިޔުން ހަވާލު ކޮށްފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި، މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްޔެ ކްރިމިނަލް ކޯޓުން އިއްވާފައިވާއިރު އެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު އާންމުކޮށްފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުން މި ދިޔަ އަހަރު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައި އޮންނަނީ ކޮންމެ ކޯޓަކުންވެސް ބަލައި ނިންމާ މައްސަލައެއްގައި ހުކުމް އިއްވާ ދުވަހު، އެ މައްސަލައިގެ ހުކުމަށް ވާސިލުވި ސަބަބާއި ހުކުމް ހިމެނޭގޮށް ތައްޔާރުކޮށްފައިވާ “ޝަރީއަތް ނިމުނު ގޮތް” (ޖަޖްމެންޓް) ގެ އަސްލު، އެ މައްސަލަ ބެލި ފަނޑިޔާރު ނުވަތަ ފަނޑިޔާރުންގެ ސޮޔާއެކު، އެމައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ހަވާލު ކުރަން ވާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައިގެ ރިޕޯޓު ނުދީ ހިފަހައްޓަނީ އެ މަނިކުފާނަށް އިންސާފު ލިބުނަ ނުދޭން ވެގެންކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު އެ މަނިކުފާނުގެ ވަކީލުންގެ ޓީމާއި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ މިއަދު ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވެފައެވެ.

ކްރިމިނަލް ކޯޓުން ހުކުމް ހަވާލު ކޮށްފައި ވަނީ ހުކުމް ހަވާލު ކުރުމަށް އެތައް ގަޑިއެއް ދިނުމަށް ފަހު މިއަދު މެންދުރުފަހު 14:30 ކަންހާއިރުއެވެ.