މީގެ 4 އަހަރު ކުރިން ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ރައްޔިތުންނަށް ބޭނުންވާ އެތަކެއް ޙައްޤުތައް ނިގުޅައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ގއ.މާމެންދޫގެ އައު އިންޖީނުގެ އާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ރައްޔިތުންނަށް ބޭނުންވާ އެތަކެއް ޙައްޤުތައް ނިގުޅައިގެންފައިވާ ކަމަށާ، އަސާސީ ޚިދުމަތްތައް ޤާއިމުކުރެވިފައި ނުވާކަމަށެވެ. އެހެން ކަމުން މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެއްދެވީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމާއެކު އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުން ކަމަށެވެ.
މި ވެރިކަމުގެ ފުރަތަމަ ޙަފްތާ ތެރޭގައިވެސް އެންމެ ފުރަތަމަ ރައްޔިތުންގެ ފަރާތުން ލިބުނު އެއް ޝަކުވާއަކީ ކަރަަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ޝަކުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެހިސާބުން އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށް ހެއްދެވީ މި ވެރިކަމުގެ 5 އަހަރުގެ ދައުރު ހަމަވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާގޮތަށް ކަރަންޓުގެ ޚިދުމަތް ޤާއިމްކުރުންކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތަށް ގެންނަމުންދާ ބަދަލުތަކުން ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް ކަރަންޓުގެ މާ ބޮޑު މައްސަލައެއް ކުރިމަތިނުވާ ވަރަށް ކަންކަން ކުރިޔަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފެނަކައިގެ ކަރަންޓް ސްމާޓް މީޓަރއާއި އޭގެ ފައިދާތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ މި ސްމާޓް މީޓަރގެ ސަބަބުން ޚިދުމަތް ދޭ ފަރާތަށާއި ޚިދުމަތްހޯއްދަވާ ފަރާތްތަކަށް އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.