ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ބުނެ އިދިކޮޅުން ފަރާތްތަކުން ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަން އިންތިހާބުގެ ދެވަނަ ބުރަކަށް ނުކުންނަވާއިރު ރައްޔިތުންނަށް ސާފުކޮށްދެއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ރާއްޖެ ޓީވީއަށް ދެއްވި ފޯން އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ސާރުކާރާ ދެކޮޅަށް ވަރަށް ގިނަ ދޮގު ވާހަކަތައް ފަތުރާފައިވާ ކަމަށެވެ.
އެގޮތުން ބޭރުގެ ސިފައިންނާ ގުޅުވައި ދައްކާ ވާހަކަތަކާއި، ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލު ގެއްލުވާލުމަށް މަސައްކަތް ކޮށްފައި ވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެއްކި ދޮގު ވާހަކަތައް ވަރަށް ބޮަޑަށް ރައްޔިތުންނަށް ގަބޫލުކުރެވުނު ކަމަށެވެ. ފުރަތަމަ ބުރުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކި އެއީ ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އެ ހުރިހާކަމެއް ރައްޔިތުންނަށް ސާފުކޮށްދެއްވާނެ ކަމަށެވެ. ” އިރާދަކުރެއްވިއްޔާ މި ބުރުގައި ހާމަކުރެވެން ހުރި ހުރިހާ އެއްޗެއް އަޅުގަނޑުމެން ރައްޔިތުންނަށް ހާމަކޮށްދޭނަން، އެއީ ދޮގު ކަމަށް، އޭގަ ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސަރަހައްދުގެ ބައެއް ގެއްލޭ ގޮތަށް އެއްވެސް ކަމެއް ކޮށްފަ ނޯންނާނެ ކަން،” ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މި ހުރިހާ އެއްޗެއް ކިޔަދިނުމުން އިދިކޮޅުން ދައްކަމުން ދަނީ ދޮގު ވާހަކަތަކެއްކަން ރައްޔިތުންނަށް ވިސްނޭނެކަމަށެވެ. “އަޅުގަނޑު ހިތުން އެކަން ކުރެވޭނެ ދެވަނަ ބުރުގެ ތެރޭގަ.” ރައީސް ސޯލިހު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.