ފާއިތުވި ފަސް އަހަރު ދުވަހު، ހެޔޮ ވެރިކަމެއް ކޮށްދެވުނު ކަމުގެ އިހްސާސް ކުރެއްވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނާކާމިޔާބުވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މި ދައުރުގައި އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ ވޯޓު އިތުރުވާނެ ގޮތް ބައްލަވައިގެން ނޫން ކަމަށާއި ގައުމީ ތަރައްގީއަށް އެންމެ މުހިއްމުވާނެ ކަންކަމަށް ފޯކަސް ކުރައްވައިގެން ކަމަށެވެ. މި ގޮތުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ވޯޓު ނުލިބޭނެކަން ރަނގަޅަށް އެނގިހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ފާއިތުވި ފަސް އަހަރު އެ މަނިކުފާނު މަސައްކަތް ކޮށްދެއްވީ ހެޔޮ ވެރިކަމެއް ކުރުމަށް ކަމަށާއި އެކަން ކޮށްދެވުނު ކަމުގެ އިހްސާސް ކުރެއްވޭ ކަމަށެވެ. އަދި ލިބިލައްވާފައި ހުންނެވި ތަޖުރިބާ އާއި އިލްމެއްގެ އަލީގައި ގައުމަށް ހިދުމަތް ކުރެއްވުމުގައި އެ މަނިކުފާނު ދެމިހުންނަވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
އަންނަ ސަރުކާރުގެ ކިބައިން ރައީސް ސޯލިހް ވަނީ ހެޔޮ ވެރިކަމެއް ކޮށްދިނުމާއި ގައުމީ ތަރައްގީއަށް މި ސަރުކާރުން ފަށާފައި ހުރި މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންގޮސް ދިނުމަށް އެދި ވަޑައިގެންފައެވެ.