ހިތަދޫ ޕޯޓްސް ލިމިޓެޑް އިން އައްޑޫ ސިޓީގެ ޓޫރިޒަމް ބީޗްތަކުގައި ބެހެއްޓުމަށް 60 ސަންބެޑް ހަދިޔާކޮށްފިއެވެ.
މި ބެޑްތައް ހަވާލުކޮށްފައިވަނީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އައްޑޫ ހައި ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ ހިތަދޫ ޕޯޓްސް ލިމިޓެޑްއިން އައްޑޫސިޓީގެ ކުރިއެރުމާއި ރައްޔިތުންގެ މަންފާއަށް އައްޑޫސިޓީ ކައުންސިލުން ކުރައްވާ މަސައްކަތްތަކަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެފަރާތައް ޝުކުރު އަދާކޮށްފައެވެ. ހިތަދޫ ޕޯޓްސް ލިމިޓެޑްގެ 17 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެކުންފުނީގެ އެންމެހާ މުވައްޒަފުންނަށް އަރިސްކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ޕޯޓުގެ ޚިދުމަތް ފޯރުކޮށްދީ، ދެކުނުގެ އިގުތިސާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓު ތަރައްގީ ކޮށްގެން ކަމަށެވެ.
މި ސަރުކާރުން ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މާ ލަސްތަކެއް ނުވެ ފަށާނެ ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅޫވީ ޕްރޮޖެކްޓް ފުރިހަމަވުމުން ރާއްޖެއިން ބޭރުން އަންނަ ކާގޯ އުޅަނދުފަހަރަށް 200 މީޓަރުގެ މަގަތު ފާލަމެއް ޚާއްސަ ކުރާނެ ކަމަށެވެ. އަދި ޑޮމެސްޓިކް އުޅަނދުތަކަށް ޚާއްސަ 165 މީޓަރުގެ މަގަތު ފާލަމެއް އަޅާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އިތުރަށް ޝާހިދު ވިދާޅުވީ އޭގެ ސަބަބުން ހިތަދޫ ޕޯޓުގެ އޮޕަރޭޝަނަލް ކެޕޭސިޓިއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.