English Edition
Dhivehi Edition

” އަހަރެން އުޅުނީ ހޯރަފުށްޓަށް ދިއުމުގެ ކުރީގަ ކަލެއަށް މާލެ ދައްކާލަން ކަމަށް. އެކަމަކު މި ރިޕޯރޓަރުންގެ ކަންތަކާ ހެދި އެކަން ވާނެ ހެނެއް ހިއެއް ނުވޭ. އަހަރެމެން ދާނީ ސީދާ ހުޅުމާލެއަށް. އެރަށުގައ ހުންނާނެ ވަރަށް ރަނގަޅު ރެސްޓޯރެންޓެއް. މީ ކަލޭގެ ހަޔާތުގަ އަހަންނާހެދި ޖެހުނު ލައްގަނޑުގެ އަގު އަދާ ކުރަނީއެއް ނޫން އިނގޭ! . އޭގެ އަގު އަދައެއް ނުކުރެވޭނެ. ކަލެއަށް ކެއްކުރެވޭނެ ނަމަ މި ދައުވަތު ގަބޫލު ކުރުން ވަރަށް އެދެން.”

“ތި ބޭފުޅާ ބައެއްފަހަރު ވަރަށް ރަނގަޅު.” އާދިލާ އަށް ބުނާނެއެއްޗެއް ނޭނގުނެވެ.

ޝާން އޭނާއާ މެދު އެހާ އޯގާވެރިކޮށް ކަންތައް ބަހަށްޓަވާއިރު އެކަމާ އިންކާރު ކުރާނީ ކިހިނެއް ހެއްޔެވެ؟

” އެއީ ކަލޭވެސް އަހަރެން ބޭނުން ކަންތައް ކުރާތީ. ޅަހުއްތުއާއެކު ސަޒިން މާލެ ހިނގައިދާނެ. އެ އިބިލީސް މުޅި ރޭ ހަތަރުދަމު ހޭލާ ހުރެ އަހަންނަށް އުނދަގޫ ކޮށްކޮށްފަ މިހާރު އެއޮތީ ނިދާފަ. ކަލޭ އެއްވެސް ކަމަކާ ވިސްނާނެ ކަމެއްނެތް. ޒޫނާ ކަލޭގެ ލަގެޖް ކަންތަކާ ދެންވެސް ކުރަން ހުރި ކަމެއް ކޮށްފާނެ. ރިޕޯރޓަރުންނަށް ނޭނގެނީސް އަވަހަށް ދާން ހިނގާ.”

” އެބައަންނަން.”

އާދިލާ ކޮޓަރިއަށް ވަދެ ކުޑަކޮށް މަތިހަދާލާ ފުނާ އަޅާލާ ހަދައިގެން ނުކުމެއްޖެއެވެ. އޭނާ ލައިގެން ހުރީ މަޑު ނޫކުލައިގެ ޖީންސަކާއި ހުދު އުއި ޓީ ޝަރޓެކެވެ. ރެސްޓޯރެންޓަކަށް ދާކަށް ޚާއްސަ ހެދުމެއް އަޅާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ޝާންގެ ކާރުކޮޅު ތައްޔާރަށް އޮތެވެ. މެރިންޑްރައިވުން ގޮސް ހުޅުލޭ ބްރިޖު މަތިން ބާރު ސްޕީޑެއްގައި ގޮސް ފަސްވަރަކަށް މިނިޓްތެރޭ ހުޅުމާލެއަށް ދެވިއްޖެއެވެ.

އާދިލާ ހައިރާންވާހާވަރަށް މާލެ ވަނީ ތަރައްގީވެފައެވެ. އަދި ހުޅުމާލެ ވެސް ވަކީން ރީއްޗެވެ. ހީވަނީ ޔޫރަޕްގެ ރަށެއް ހެންނެވެ. އުސް އިމާރާތް ތަކާއި ރީތި ޕާރކްތަކާއި ޝޮޕިންގ ސެންޓަރު ތަކެވެ. އެހާ އަވަހަށް ރާއްޖޭގެ މުއްސަނދިކަން މިވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. އެ މުއްސަނދިކަން މި ފެންނަނީ މާލެއާއި ހުޅުމާލޭންނެވެ. މުޅި ރާއްޖެހެން އައިސް ތޮއްޖެހިފައިވަނީ މި ދެ ރަށުގައެވެ. އިމާރާތްތައް އުސްވެފައި ގިނަ ކަމުން ހީވަނީ ޓޯކިޔޯގެ މަންޒަރެއް ފެނިގެންދާހެނެވެ. މިހެން މިވަނީ ޝާން ފަދަ މިލިއަނަރުން ރާއްޖޭގައި ގިނަވަމުން އަންނާތީއެވެ. އެކަމުގެ ނަތީޖާ ހުރިހާ ދިމާއަކުން ވެސް މި ފެންނަނީއެވެ.

އޯޝަން ބްރީޒް ރެސްޓޮރެންޓް ވަނީ ހުޅުމާލޭގެ ހުޅަނގުފަރާތުގައެވެ. އެއީ ކުރީގެ ރިސޯރޓެއްކަމުގައިވާ ފަރުކޮޅުފުށީގެ ބަޔެކެވެ. އެ ރިސޯރޓް މިހާރު ހުޅުމާލޭގެ ބައެއްގެ ގޮތުގައި އޮތް ނަމަވެސް މިރަށް އަދިވެސް ހިނގަނީ ރިސޯޓެއްގެ ގޮތުގައެވެ. މިއީ މިހާރު 7 ތަރީގެ ރިސޯޓެކެވެ. މުޅި ތަން ވިދާބަބުޅަމުން ދަނީ ރަނާއިރިހީގެ ކުލަތަކުންނެވެ. ރީތި މާ އަޅާ ގަސްތަކުން މުޅި މާހައުލު ވަނީ ބަގީޗާއެއްހެން ޒީނަތްތެރި ވެފައިވެއެވެ. މިއީ މިލިއަނަރުންނަށް ނޫންބަޔަކަށް އެކަށީގެންވާ ފެންވަރެއް ނޫނެވެ.

އާދިލާ މިރެސްޓޯރަންޓަށް ވަނުމުން އޭނާ ލައިގެން ހުރި ހެދުމުގެ ފެންވަރު ދެރަކަން ފާހަގަ ކުރެވުނެވެ. އަދި އެތާގައި ތިބި މީހުނަށްވެސް އެކަން ފާހަގަ ކުރެވިގެން އެނބުރި ބަލާލިތަން ފެނުނެވެ.

ޝާން ފެނުމާ އެކު ވޭޓަރުން އޭނާއަށް ޚާއްސަ ކުރެވިފައިވާ ބެލްކަނީ އަށް ވަޑައިގަންނަވަން މަގުދެއްކިއެވެ. އެއީ ހަމަ އެކަނި ޝާން އަށް ރިޒަރވް ކުރެވިފައިވާ ބެލްކަނީއެއްކަން އެނގުނެވެ. އެތަނުގައި ހުރި ތިން މޭޒުވެސް ހުރީ ހުސްކޮށްނެވެ. އިތުރު އެކަކުވެސް އެތަނަކުން ނުފެނެއެވެ. މި ތަނުގައި އިންނަ އިރު ހުރިހާ ދިމާއަކުންވެސް ފެންނަން އޮތީ ރާއްޖޭގެ ސާފު މޫދާއި ރީތި ނޫ އުދަރެހެވެ. ދުރުން ފެންނަން ހުރި ރީތި ފެހި ރަށްތަކުގެ ތެރޭގައި އެމީހުން ދަތުރުކޮށްފައި އައި ބޯޓް ދުވާރަށުގެ މަލަމަތިވެސް ފެންނަން އޮތެވެ.

ދެން ފެނުނީ ރެސްޓޯރެންޓްގެ މެނޭޖަރު އަދަބު ވެރިކަމާއެކު ޝާންގެ ކުރިފުޅުމައްޗަށް ހުއްޓުނު ތަނެވެ. ” ޝާން މިތަނަށް ވަޑައިގެންނެވުމަކީ އަޅުގަނޑުމެނަށް ލިބުނު ވަރަށްބޮޑު ޝަރަފެއް. އެހެންވެ މިއައީ ތި ދެކަނބަލުންނަށް މަރުހަބާ ދަންނަވަން .”

“މިހިސާބަށް އައިއްޔާ މިތަނަށް އައުމަކީ އަހަންނަށްވެސް ލިބޭ އުފަލެއް” ޝާން ވިދާޅުވިއެވެ. ” މިއައީ ކޮންމެހެންވެސް އާދިލާ އަށް މިތަން ދައްކާލަން. “

” ތައްޔާރު ކުރަންވީ ކޮންކަހަލަ ފަރިއްކޮޅެއްތޯ .”

” މިއަދުގެ ސްޕެޝަލް ޑިޝް ރަނގަޅުވާނެ .”

” ޓޫނާ މޯލްޑިވީ . ޑްރިންކަކަށް ކޯންޗެއްތޯ “

” މުންނާރު ! އާދިލާއަށް ކަމުދާނެ ހެން ހީވޭ.”

މެނޭޖަރ ދިޔަފަހުން އާދިލާ ދަންނަވާލިއެވެ. ” ނޫހުގައި އެހުރި ވާހަކަތަކާމެދު ތަކާމެދު މަސްއަލަ ޖައްސަވާނަންތޯ ؟”

” މި ވިސްނަނީ އެކަމާ . އަހަރެން ބޭނުން އަލީ އަފީފް ތަޅުވާލަންވެސް. އެކަމާ ކަލޭ ވަރަށް ކަންބޮޑުވޭތަ؟”

“ނޫން. އަޅުގަނޑު ހިތަށް އަރަނީ އެކަމާ އަޅާ ނުލިއްޔާ މާ ރަނގަޅުވާނޭ”.

” ކީކޭ!” ޝާން ހައިރާންކަމާއެކު އާދިލާގެ މޫނަށް ބައްލަވާލެއްވިއެވެ.

” ފުރަތަމަ އަޅުގަނޑުވެސް ބޭނުންވީ އޭނައާ މަސްއަލަ ޖައްސަން. އެކަމަކު މިހާރު އަޅުގަނޑުގެ ރުޅި މަޑުވެއްޖެ. އެކަމާ އުޅުނު ވަރަކަށް އެވާހަކަ ފެތުރޭލެއް ބޮޑުވާނެ. މީހުން ކުރާ ސުވާލަށް ޖަވާބުދޭން ދަތިވާނެ”.

ޝާން މަޑުމަޑުން ވިދާޅުވިއެވެ. ” ކަލޭ ތިހެން ބުނި ސަބަބު މަށަށް ވިސްނިއްޖެ. އެހެންނަމަވެސް އަލީ އަފީފް އެކަހަލަ ދޮގުތަކެއް ހަދާފަ ސަލާމަތް ވިޔަ ދީގެން ނުވާނެ. އަމުދުން އެކަމުގެ ސަބަބުން ކަލެއަށް ގެއްލުމެއް ވާނަމަ އެކަމާ އަހަރެން ހިތްހަމައެއްނުޖެހޭނެ”.

އެހާތަނުން ރަންކުލައިގެ ތަށިތަށީގައި “މުންނާރު” ޑްރިންކްސް ގެނަސްފިއެވެ.

” އަޅުގަނޑު ހީކުރީ ބޯޓް އަންނައިރު ލަރީސާ ހުންނާނީ މާލޭގަކަމަށް.” އާދިލާ މިހެން ދެންނެވީ ސުވާލު ކޮށްލުމުގެ ރާގެއްގައެވެ. އޭނާގެ އަޑުގައިވަނީ ޝަކުވާގެ ރާގެއް ވެސް އެކުލެވިފާވެއެވެ. އެ ފިލްމްސްޓާރުގެ ނަން އިވުމުން ޝާންގެ ހިތްޕުޅަށް އަރާ އެއްޗެއް އޭނާގެ މޫނުފުޅުމަތިން ފެނޭތޯ އާދިލާ ބަލަން އިނެވެ.

” އެހާ ބުރަކޮށް ޝޫޓިން އޮންނަ އިރު ވަގުތު ހޯދާކަށް މާ ފަސޭހައެއް ނުވާނެ. އެކަމާ ވިސްނާނެކަމެއްނެތް. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް. މޮޅުކަމަކީ އަލީ އަފީފް ލިޔެފަ އެއޮތް އެކައްޗެއްވެސް ލަރީސާ ގަބޫލެއް ނުކުރާނެ. އަހަރެން ވާނީ އޭނާގާތު ހުރިހާވާހަކައެއް ބުނެފަ. އޭނަ ބޭނުން ވަރަކަށް ވިސްނާފަ ގޮތެއް ނިންމަންދެން ބަހަށްޓާ. އޭގެ ކުރިއަކުން ކާވެންޏަކާ ހަމަޔަކަށް ނުދާނެ. މިހާރު އޭނާގެ ޚިޔާލު ބަދަލުވަމުން އަންނަ ވާހަކަވެސް ބުނި. ލަރީސާއާ އަލީ އަފީފްގެ ޚިޔާލުތައް ކަލޭގެ ހިތުން ފިލުވާލާފަ ރަނގަޅަށް ކާން އުޅޭ”.

އެއީ ވަރަށް މީރު ކެއުމެކެވެ. އެއީ އާދިލާއަށް މިހާތަނަށް ކެވުނު އެންމެ މީރު ކެއުންވެސް މެއެވެ. ރާއްޖޭގެ ނޫ އުރަހަ ކަންނެލީގެ ޚާއްސަ އުފެއްދުމެކެވެ. މި ތައްޔާރު ކޮށްފައިވަނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

ޑެޒަރޓަކަށް އައީ އަލިމަހުގެ ސިފައަށް ކަފާފައިވާ އަދި ޖަވާހިރުހެން ވިދާ ގޮތަށް ޒީނަތްތެރިކޮށްފައިވާ އައިސްކްރިމްޕުޑިންގ އެކެވެ. މީގައި ފޮނިތޮށްޓާއި މާމުއިގެ ރަހަ އެކުލެވޭކަން އެނގެއެވެ. އާދިލާ އޭގެ އެންމެ ފަހު އެތިކޮޅުވެސް ލޮވެލިއެވެ.

ދެން އައީ ކޮފީއެކެވެ. ފޮނި ކޮށްފައިވަނީ ދިވެހި ހަކުރުންނެވެ. އެއީވެސް ހައިރާންވާހާ މީރު ކޮފީއެކެވެ.

އާދިލާ ބޭނުންވީ އެ ވަގުތުކޮޅު ދިގު ދަންމާލުމަށެވެ. އެހެންކަމުން އޭނާ ކޮފީ ބޮމުން ދިޔައީ ލަސްލަހުންނެވެ. އޭނާ އިތުރު ކޮފީއަކަށް އޯރޑަރ ކުރަންވެސް ބޭނުންވިއެވެ. އެއީ އޭގެރަހަ މީރުކަމުންނެވެ. އެކަމަކު ބުނާކަށް ނުކެރުނެވެ.

” ކެއުން މީރުތަ؟”

“ވަރަށް މީރު. ކެވުނުލެއް ގިނަކަމުން މިހާރު ނިދި ވެސްއަތުވެއްޖެ .”

“މާލޭގަ އުޅޭއިރު އަހަރެން މަސައްކަތް ކުރަނީ ހެނދުނުއެވެ. މެންދުރުފަހު އަރާމު ކުރަނީ . އޭރުން ހަވީރު ކުޑަކޮށް މަސައްކަތް ކޮށްފައި ރޭނގަޑު ޑިނާރ ތަކަށް ހުސްކޮށްލެވޭނެ”.

” ތިއީ ރަނގަޅުގޮތެއްހެން އަޅުގަނޑަށްވެސް ހީވޭ.” އާދިލާ ދެންނެވިއެވެ.” 9 އަކުން 5 އަކަށް އޮންނަ ހަރުކަށި ގަވާއިދަށް ވުރެން މާ ފަސޭހަ ވާނެ .”

” ބައެއްފަހަރު އަހަރެން ހިތަށް އަރާ، އަހަރެންގެ ދިރިއުޅުމާ އެއްގޮތަށް ކަލޭ ހާނާލެވިދާނެޔޭ”. މިހެން ޝާން ވިދާޅުވީ ހިނިފުޅުވަޑުވަމުންނެވެ. ހީވަނީ ހަމަ ހަގީގަތުގައިވެސް ޝާން އެގޮތް ބޭނުންފުޅުވާހެންނެވެ.

ޝާންގެ އަސަރުގައި ޖެހެވެން ދޫކޮށްލެވުނީތީ އާދިލާ އަމިއްލަ ނަފްސް ދެކެ މިހާރު ނަފްރަތު ކުރެވެން ފަށައިފިއެވެ.

އޭރު ޝާން އިންނެވީ މެނޭޖަރާ ވާހަފުޅެއް ދައްކަވާށެވެ. އެ ކެއުން މީރު ކަމަށްޓަކައި އޭނައަށް ތާރީފް ކުރެއްވިއެވެ.

މެނޭޖަރ ދިޔަފަހުން ޝާން، އާދިލާގެ މޫނަށް ތަންކޮޅެއް ދިގުކޮށް ބައްލަވާލެއްވިއެވެ.

ވިލިނގިލީގައި ހަދާފައިވާ ބޮޑުތަކުރުފާނާއި އަލި ރަސްގެފާނުގެ ހަނދާނީ ބިނާ މިތަނަށް ވަރަށް ރީއްޗަށް ފެނެއެވެ. އެއީ ވިލިނގިލީ ރާވެރިބޭ އެރި ރުއްހުރި ކަމަށް ބުނެވޭ ތަނެވެ.

އާދިލާ މިތަން ބަލަން އިންނަމަވެސް އޭނާގެ ހިތުގައި ރޯވެފައިވަނީ ލަރީސާ އާމެދު އުފެދިފައިވާ ޖެލަސް ކަމުގެ އަލިފާނެކެވެ. ޝާން އޭނާގެ ވާހަކަފުޅު ދައްކަވާ އިރު އަޑުފުޅުގައި ހުންނަ ހިތްގައިމު ގޮތާއި، އަދި ލަރީސާއަށްޓަކައި ދުވާރަށުގައި ތައްޔާރުކޮށްފައިވާ ކޮޓަރިކޮޅުގެ ފުރިހަމަ ކަމާއި އެތާނގައިވާ ފިނިފެންމާތަކުގެ މީރުވަހާއި، މިކަންކަމުގެ ޚިޔާލުތައް އައުމުން އޭނާގެ ހިތަށް އުނދަގުލެއް ވެރިވެގެންދިޔައެވެ. އަދި ކާވެންޏާމެދު ވިސްނުމަށް އެހާދިގު މުއްދަތެއް އޭނާއަށް ދެއްވާފައިވާކަމީ އާދިލާ އިތުރަށް ނުރުހުންވި ކަމެކެވެ. ޝާން އެގޮތަށް ކަންތައް ކުރައްވަނީ ލަރީސާގެ އުފަލަށްޓަކައެވެ.

އާދިލާ ފިނި ނޭވާއެއް ލިއެވެ.

ޝާން އާދިލާގެ މޫނަށް ބައްލަވަން އިންނަވާފައި މަޑުމަޑުން އޭނާގެ އަތުގެ މަތީ އަތްޕުޅު ބޭއްވިއެވެ.

” ކަލޭގެ މޫނުން ތި ފެންނަނީ ހިތާމަވެރިކަން. ތި ވިސްނަނީ ކޯންޗެއް؟”

” ދެރަވެފަ މިއިނީ މިތަނުން ދާ ވަގުތު ކާރިވާތީ.”

އާދިލާއަށް ވަރަށް ފަސޭހައިން ތަންތަނާއި މީހުން ދެކެ ލޯބިވެވެ އެވެ. އޭނާގެ ކުރިމަތީގައި އިންނެވި ފުރިހަމަ ޒުވާނާ ދެކެވެސް އެހާވަރަށް ލޯބިވެވެނީ އެހެންވީމާ ކަންނޭގެއެވެ. އޭނާ ހިތުގައި އޮތް އެއްޗެއް މިއަށް ވުރެން ބޮޑަކަށް ދެންނެވޭކަށް ނެތެވެ.

” މީ ގައިގަ ޒުވާންކަމުގެ ލޭ ހިނގާ މީހުންގެ މާހައުލެއް.”

އާދިލާ ޝާންގެ މޫނުފުޅަށް ބަލާލިއެވެ. ޝާން އާ އޭނާގެ އާއިލާއާ ބެހޭ ވާހަކަ ތަކަކީ މުޅި ރާއްޖެއަށްވެސް މަޝްހޫރު ވާހަކަތަކެކެވެ. އެހެންކަމުން އެކި ފަހަރުމަތިން އޭނާގެ ކަންފަތަށްވެސް އެއަޑު އިވިފައިވެއެވެ. މިވާހަކަތަކަށް މީހުންގެ ސަމާލުކަން އެހާ ބޮޑުވެފައިވަނީ އޭނާގެ އާއިލާ ބޮޑު ތަކުރުފާނާ ހަމައިން ގުޅިފައިވާތީއެވެ. ބޮޑު ތަކުރުފާނަކީ އިސްކޮޅުން މާދިގު މީހެއް ނޫންނަމަވެސް އެއީ މުޅި ރާއްޖެ ދުށް އެންމެ ހިތްވަރުގަދަ ބަތަލެވެ. އެއާއިލާއާއި ޝާން އާ ދެމެދުގައިވާ ގުޅުންތައް ވަނީ ޑީއެންއޭގެ އެހީގައި ޔަގީން ކުރެވިފައެވެ.

” ތި ބޭފުޅާގެ ހަށިގަޑުގަ ހިނގަނީ ބޮޑު ތަކުރުފާނުގެ ލޭ ނޫންތޯ؟ ހަނގުރާމައެއްގަ ނޫނަސް ދިރިއުޅުމުގެ މައިދާނުގައި ތިއީވެސް ހަމަ ބަތަލެއް. ކުރީރޭ ޕާރޓީއަށް ވަޑައިގެންނެވިއިރު ތުރުކުރައްވާފައިވާ ހެދުންކޮޅަކީ ބޮޑުތަކުރުފާނު ތުރުކުރެއްވި ކަހަލަ ހެދުންކޮޅެއްކަން މިހާރު ޔަގީންވެއްޖެ”.

” އަންހެނުންނަކީ އަބަދުވެސް ކަންތައް ހަގީތަކަށް ވުރެން ބޮޑުކޮށް ދެކޭ ބައެއް”.

ޝާން އާދިލާގެ އަތުގައި ހިއްޕަވައިގެން ކާރާ ހަމަޔަށް ވަޑައިގެންނެވިއެވެ. ” އެކަމަކު ކަންކަމުގެ ހަގީގަތް ވިސްނޭނީ މާފަހުން.”

ޝާން އެހެން އެވިދާޅުވީ ލަރީސާއަށް ނިސްބަތް ކުރައްވާފަ ކަން އާދިލާއަށް ވިސްނުނެވެ.

-ނުނިމޭ-